ޒެލެންސްކީ އާއި ޕޫޓިން ބައްދަލުކުރެއްވުމަށް މަގުފަހިކޮށްދިނުމަށް ޔޫކްރެއިނުން އެދިއްޖެ

ހުއްޓުމަކަށް އައިސްފައިވާ ސުލްހައިގެ ވާހަކަތަކަށް އައު ދިރުމެއް ގެނައުމަށްޓަކައި، ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ އާއި ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ބައްދަލުކުރެއްވުމުގެ އިންތިޒާމުތައް ތުރުކީވިލާތުގައި ހަމަޖައްސައިދިނުމަށް ޔޫކްރެއިނުން އެދިފައިވާ ކަމަށް އެގައުމުގެ ފޮރިން މިނިސްޓަރު ވިދާޅުވެއްޖެއެވެ.
“މިކަމާ ގުޅޭގޮތުން އަޅުގަނޑުމެން ތުރުކީގެ ކިބައިން އެދިފައިވާނެ. އަދި އެހެން ބައެއް ގައުމުތަކުގެ ވެރިރަށްތަކުގައި މިފަދަ ބައްދަލުވުމެއް ބޭއްވުމާ މެދުވެސް މަޝްވަރާ ކުރެވުނު،” އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު އެންޑްރީ ސިބިހާ ވިދާޅުވިއެވެ. މި ޚަބަރު އާންމުކުރުމުގެ ހުއްދަ ލިބިފައިވަނީ ބުދަ ދުވަހުއެވެ.
ހަތަރު އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާ މި ހަނގުރާމައަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، ބެލަރޫސް ނުވަތަ ރަޝިޔާ ނޫން ކޮންމެ ތަނެއްގައިވެސް ޕޫޓިންއާ ބައްދަލުކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ޒެލެންސްކީ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.
ބެލަރޫސްއަކީ ރަޝިޔާގެ ގާތް ބައިވެރިއެކެވެ. 2022 ވަނަ އަހަރު ރަޝިޔާއިން ޔޫކްރެއިނަށް އަރައިގަތުމަށް ބެލަރޫސްގެ ބިން ބޭނުންކުރުމުގެ ފުރުސަތު އެ ގައުމުން ވަނީ ދީފައެވެ.
ޔޫކްރެއިނުން ހުށަހެޅި މި ހުށަހެޅުމަށް ތުރުކީވިލާތުން ދިން ޖަވާބެއް ސިބިހާ ހާމައެއް ނުކުރައްވައެވެ.
“އަޅުގަނޑުމެން ހާއްސަ ގޮތެއްގައި ތުރުކީވިލާތަށް އިސްކަންދިނިން. އެހެންނަމަވެސް، މޮސްކޯ ނުވަތަ ބެލަރޫސް ނޫން އެހެން ގައުމެއްގެ ވެރިރަށެއްގައި މިފަދަ ބައްދަލުވުމެއް އިންތިޒާމު ކުރެވުނަސް އަޅުގަނޑުމެން އެތަނަކަށް ދާނަން،” އޭނާ ވިދާޅުވިއެވެ.
ރަޝިޔާގެ ރިޔާސީ ގަނޑުވަރު، ކްރެމްލިންއިން މީގެ ކުރިން ބުނެފައިވަނީ ރައީސް ޒެލެންސްކީ މޮސްކޯއަށް ވަޑައިގަންނަވަން ބޭނުންފުޅުވާނަމަ އެ ފުރުސަތު އޮތް ކަމަށެވެ. ނަމަވެސް ޒެލެންސްކީ ވަނީ މޮސްކޯއަށް ވަޑައިނުގަންނަވާނެ ކަމަށް ސާފުކޮށް ވިދާޅުވެފައެވެ.
މީގެ އިތުރުން، މިމަހުގެ ކުރީކޮޅު ހަންގޭރީގައި ބޭއްވި އިންތިޚާބު ކާމިޔާބުކުރި އައު ސަރުކާރުގެ ފޮރިން މިނިސްޓަރުކަމާ ހަވާލުވެވަޑައިގަންނަވާ އަނީތާ އޯބަންއާ ސިޓީގެ ޒަރިއްޔާއިން މުއާމަލާތް ކުރައްވާފައިވާ ކަމަށްވެސް ސިބިހާ ވިދާޅުވިއެވެ.




