ބޭރުދުނިޔެ

އިސްރާއީލުގެ އުދުވާނުގައި ލުބުނާނުގެ 50،000 އަށްވުރެ ގިނަ ގެދޮރު ހަލާކުވެއްޖެ

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި އެ ގައުމުގެ 50،000 އަށްވުރެ ގިނަ އާންމުންގެ ގެދޮރު ސުންނާފަތިވެ ނުވަތަ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުދަ ދުވަހު އާންމުކުރި ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ލުބުނާނުގެ ނޭޝަނަލް ކައުންސިލް ފޯ ސައިންޓިފިކް ރިސާޗް (CNRS) ގެ އިސްވެރިޔާ ޝާދީ އަބްދުﷲ އޭ.އެފް.ޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހަނގުރާމައިގެ ފާއިތުވި 45 ދުވަހުގެ ތެރޭގައި 17،756 ގެއެއް މުޅިން ސުންނާފަތިވެފައިވާއިރު، 32،668 ގެއަކަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށެވެ.

މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 2،400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހި، ގެދޮރު ދޫކޮށް ރައްކާތެރި ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން މެދުކަނޑާލުމުގެ އެއްބަސްވުމަކަށް އައިސްފައިވީ ނަމަވެސް، އިސްރާއީލު ސިފައިން ދަނީ ލުބުނާނުގެ ދެކުނުގެ ރަށްތަކުގައި އެމީހުން ހިފާފައިވާ ސަރަހައްދުތަކުގައި ހުރި ގެދޮރުތައް ގޮއްވާލައި ސުންނާފަތި ކުރަމުންނެވެ. މިކަން ލުބުނާނުގެ އޮފިޝަލުންނާއި މަންޒަރުދުށް މީހުންގެ އިތުރުން އޭ.އެފް.ޕީ އިން ނަގާފައިވާ ފޮޓޯތަކުން ވެސް ކަށަވަރުވެއެވެ.

ޝާދީ އަބްދުﷲ ވިދާޅުވި ގޮތުގައި، ހަމަލާބަދަލުކުރުން މެދުކަނޑާލި ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެކަނިވެސް އިސްރާއީލުން ވަނީ 428 ގެދޮރު ބިމާ ހަމަކޮށްލައި، އިތުރު 50 ގެއަކަށް ގެއްލުން ދީފައެވެ.

ހަމަލާބަދަލުކުރުން މެދުކަނޑާލާފައި އޮތް އޮތުން އިތުރު ކުރުމަށް އެދި ލުބުނާނުން ބުރާސްފަތި ދުވަހު އިސްރާއީލާއެކު ބާއްވާ މަޝްވަރާތަކުގައި ހުށަހަޅާނެ ކަމަށް ލުބުނާނުގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ލުބުނާނުގެ އެންވަޔަރަންމަންޓް މިނިސްޓަރު ތަމާރާ ޒައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، 2023 އިން 2025 އަށް އިސްރާއީލުން ހިންގަމުންދާ މި އުދުވާނަކީ މެދުކެނޑުމެއްނެތި ކުރިއަށްދާ އުދުވާނެއް ކަމަށާއި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 220،000 އަށްވުރެ ގިނަ ގެދޮރަށް ގެއްލުން ލިބިފައިވާ ކަމަށެވެ.

އަދި އިސްރާއީލުގެ ހަމަލާތައް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި، މަދަނީ އިންފްރާސްޓްރަކްޗާއަށާއި، މިސްކިތްތަކާއި ފައްޅިތަކުގެ އިތުރުން ދަނޑުބިމާއި ވަލުތެރޭގެ ސަރަހައްދުތަކަށް އަމާޒުކޮށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close