ބޭރުދުނިޔެ

މިޔަންމާގެ 4,000 އަށްވުރެ ގިނަ ގައިދީންނަށް މާފުދީފި

މިޔަންމާގެ އާ ރައީސް އަދި ބަޣާވާތުގެ އިސްވެރިޔާ މިން އައުންގް ހްލައިންގް ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނިންމެވި އެންމެ ފުރަތަމަ އެއް ނިންމުމެއްގެ ގޮތުން، އެގައުމުގެ 4,335 ގައިދީންނަށް މާފުދީ، ބައެއް ގައިދީންގެ ހުކުމްތައް ލުއިކޮށްދީފިއެވެ.

މި ނިންމުމުގެ ދަށުން 2021 ވަނަ އަހަރުގެ ބަޣާވާތަށްފަހު ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް ވިން މިންޓްގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަށް ވަނީ މާފުދީފައެވެ. ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ވަކި ޝަރުތުތަކަކާއެކު އޭނާއަށް މާފުދީ، ބާކީ އޮތް ހުކުމް ލުއިކޮށްދީފައިވާ ކަމަށެވެ.
މީގެ އިތުރުން، ޖަލަށްލާފައިވާ ކުރީގެ ލީޑަރު އަންގް ސަން ސޫކީގެ ހުކުމުގެ މުއްދަތުވެސް ވަނީ ކުޑަކޮށްދީފައެވެ. ސިޔާސީ ދައުވާތަކެއްގައި 27 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އުމުރުފުޅުން 80 އަހަރުގެ ސޫކީގެ ހުކުމުގެ ހަބައިކުޅަ އެއްބައި އުނިކޮށްދީފައިވީ ނަމަވެސް، ބާކީ އޮތް މުއްދަތު ގޭބަންދުގައި ހޭދަކުރެއްވުމުގެ ފުރުސަތު ދޭނެކަން ނުވަތަ ނޫންކަން އަދި ސާފެއް ނުވެއެވެ. ނޯބެލް ސުލްހައިގެ އިނާމު ހާސިލްކުރައްވާފައިވާ ސޫކީ ހައްޔަރުކޮށްފައިވަނީ ބަޣާވާތަށްފަހު މިން އައުންގް ހްލައިންގްގެ އަމުރަށެވެ.
މިޔަންމާގެ ދައުލަތުގެ ޓީވީން ރިޕޯޓުކޮށްފައިވާ ގޮތުގައި މި މާފުދިނުމުގެ ތެރޭގައި މަރުގެ ހުކުމްތައް އުމުރުދުވަހުގެ ޖަލު ހުކުމަށް ބަދަލުކުރުމާއި، އުމުރުދުވަހުގެ ޖަލު ހުކުމްތައް 40 އަހަރަށް ކުޑަކޮށްދިނުން ހިމެނެއެވެ. އަދި އެހެނިހެން ގައިދީންގެ ހުކުމުގެ މުއްދަތުން ހަބައިކުޅަ އެއްބައި އުނިކޮށްދިނުމުގެ އިތުރުން، 179 ބިދޭސީން މިނިވަންކޮށް އަނބުރާ ގައުމަށް ޑީޕޯޓުކޮށްލަން ވަނީ ނިންމާފައެވެ.
އާންމުގޮތެއްގައި މިޔަންމާގައި ގައިދީންނަށް މާފުދެނީ ޖެނުއަރީ މަހު ފާހަގަކުރާ މިނިވަން ދުވަހާއި އެޕްރީލް މަހު އަންނަ އާ އަހަރާ ގުޅިގެންނެވެ. ނަމަވެސް މިފަހަރު މާފުދީފައިވަނީ ވެރިރަށް ނޭޕިޑޯގައި މިން އައުންގް ހްލައިންގް ރައީސްކަމުގެ ހުވާކުރެއްވިތާ ހަފްތާއެއް ފަހުންނެވެ. އެމަނިކުފާނު ވަނީ މިޔަންމާ އަނބުރާ ޑިމޮކްރަސީގެ މަގަށް ރުޖޫއަވެ، އުޖާލާ މުސްތަގުބަލަކާ ދިމާލަށް މިސްރާބު ޖަހާފައިވާކަމަށް ވިދާޅުވެފައެވެ.
ގައިދީން މިނިވަންކުރުމާ ގުޅިގެން ޔަންގޯންގެ އިންސެއިން ޖަލުގެ ބޭރުގައި ގިނަ ބަޔަކު އާއިލާގެ މީހުންނާ ބައްދަލުވޭތޯ އިންތިޒާރުކުރިއިރު، ސިޔާސީ ކުށްވެރިން މިނިވަންވާނެކަމުގެ އުންމީދު އޮތީ ކުޑަކޮށެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ބަޣާވާތަށްފަހު މާފުދީގެން ދޫކޮށްލާފައިވާ މީހުންގެ ތެރެއިން ސިޔާސީ ކުށްވެރިންގެ ނިސްބަތަކީ 14 އިންސައްތައަށްވުރެ ވެސް ދަށް އަދަދެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނާގޮތުގައި 2021 ގެ ބަޣާވާތަށްފަހު 30,000 އަށްވުރެ ގިނަ މީހުން ވަނީ ސިޔާސީ ދައުވާތަކުގައި ހައްޔަރުކޮށްފައެވެ.
ސޫކީގެ ޝަރީއަތްތައް ނިމުނު ފަހުން އެކަމަނާ އާންމުންގެ ތެރެއިން ފެނިފައިނުވާއިރު، އެކަމަނާގެ ސިއްހީ ހާލަތު ދަށަށް ދާކަމަށް އާއިލާއިން ވަނީ ބުނެފައެވެ. އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން އަންނަނީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ހުކުމަކަށް ވާތީ، ހުކުމް ލުއިކުރުމުގެ ބަދަލުގައި އެއްވެސް ޝަރުތަކާ ނުލައި ސޫކީ މިނިވަންކުރުމަށް ގޮވާލަމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close