ހައްޖާޖީންގެ ދަތުރުފަތުރުގެ ކަންކަން ފަސޭހަކަމާއެކު ކުރިއަށްދޭ – ސައުދީ ވަޒީރު

ސައުދީ އަރަބިއްޔާގެ މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކް ސަރވިސަސް، ސާލިހް އަލް-ޖާސިރު، ޖިއްދާގެ ކިންގް އަބްދުލްއަޒީޒް އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ “މައްކާ ރޫޓް” އިނީޝިއޭޓިވްއަށް ހާއްސަ ޓާމިނަލަށް ޒިޔާރަތްކުރައްވައި، ބަންގްލަދޭޝްއިން އައި ހައްޖާޖީންނަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
މި ޒިޔާރަތުގައި ވަޒީރު ވަނީ ހައްޖާޖީންގެ ދަތުރުތައް ލުއިފަސޭހަކޮށްދިނުމަށާއި، އިޖުރާއަތްތައް އަވަސްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކުގެ އިތުރުން، އަޅުކަން އަދާކުރުމުގައި ހިތްހަމަޖެހުމާއި އުނދަގުލެއްނެތި އުޅެވޭނެ ގޮތަށް ހަމަޖައްސާފައިވާ ފެންވަރު ރަނގަޅު ހިދުމަތްތައް ބައްލަވާލައްވާފައެވެ.
އަލް-ޖާސިރު ވިދާޅުވި ގޮތުގައި، ސައުދީގެ ދަތުރުފަތުރާއި ލޮޖިސްޓިކް ނިޒާމު ބިނާވެފައިވަނީ ޒަމާނީ ޓެކްނޮލޮޖީއާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މައްޗަށެވެ. އަދި މިއީ ދެ ހަރަމްފުޅާއި ޒިޔާރަތްތެރިންނަށް ސައުދީ ރަސްކަމުގެ އިސްވެރިން ބަހައްޓަވާ ހާއްސަ އަހަންމިއްޔަތު ރަމްޒުކޮށްދޭ، އަދި ގައުމީ ދަތުރުފަތުރުގެ އިސްތިރާޖީ އަމާޒުތަކަށް ވާސިލުވުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
“މައްކާ ރޫޓް” ގެ ދަށުން ތުރުކީގެ އިސްތަންބޫލް އެއަރޕޯޓުން ފުރި ފުރަތަމަ ފްލައިޓް މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލްއަޒީޒް އެއަރޕޯޓަށް ވަނީ ވާސިލުވެފައެވެ. މީގެ އިތުރުން ޕާކިސްތާނުގެ ލާހޯރުން ފުރި ފްލައިޓެއްވެސް މިހާރު ވަނީ މަދީނާއަށް އައިސްފައެވެ. އަދި އަފްޣާނިސްތާނުން އައި ހައްޖާޖީންގެ ފުރަތަމަ ގުރޫޕަށްވެސް މަދީނާ އެއަރޕޯޓުގެ ޕާސްޕޯޓް އިދާރާއިން ވަނީ މަރުހަބާ ކިޔާފައެވެ.
ސައުދީ ޕާސްޕޯޓް އިދާރާއިން ހާމަކުރި ގޮތުގައި، ހައްޖު މޫސުމުގައި ހުރިހާ ވައިގެ، އެއްގަމު އަދި ކަނޑުގެ ބަނދަރުތަކުން ފަސޭހަކަމާއެކު އެތެރެވޭނެ އިންތިޒާމުތައް ވަނީ ފުރިހަމަކޮށްފައެވެ. މިގޮތުން ޒަމާނީ ވަސީލަތްތަކާއި އެކި ބަސްބަހުން ވާހަކަދައްކަން ދަންނަ ތަމްރީނުލިބިފައިވާ މުވައްޒަފުން ވަނީ ހިދުމަތަށް ނެރެފައެވެ.
“މައްކާ ރޫޓް” އިނީޝިއޭޓިވްގެ މައިގަނޑު މަގްސަދަކީ ހައްޖާޖީން އެމީހުންގެ އަމިއްލަ ގައުމުގައި ތިބެގެން ހުރިހާ ރަސްމީ އިޖުރާއަތްތަކެއް ފުރިހަމަކޮށް، ސައުދީއަށް އެތެރެވާއިރު ދިމާވާ ތަކުލީފުތައް ކުޑަކުރުމެވެ. މި ހިދުމަތުގެ ފައިދާ ލިބޭ ގައުމުތަކުގެ ތެރޭގައި މޮރޮކޯ، އިންޑޮނޭޝިއާ، މެލޭޝިއާ، ޕާކިސްތާން، ބަންގްލަދޭޝް، ތުރުކީ، އައިވަރީ ކޯސްޓް އަދި ދިވެހިރާއްޖެ ހިމެނެއެވެ. މީގެ އިތުރުން މިއަހަރު އަލަށް ސެނެގާލް އަދި ބްރޫނާއީ ވެސް މި ލިސްޓަށް ވަނީ އިތުރުކުރެވިފައެވެ.
މި ހިދުމަތުގެ ދަށުން ބަޔޯމެޓްރިކް މައުލޫމާތު ނެގުމާއި، އީ-ވިސާ ދޫކުރުމާއި، ސިއްހީ ޝަރުތުތައް ކަށަވަރުކުރުމަށްފަހު ފުރާ އެއަރޕޯޓުން ޕާސްޕޯޓްގެ ކަންކަން ނިންމުން ހިމެނެއެވެ. އަދި ހައްޖާޖީންގެ ފޮށިތަކުގައި ޓެގްޖަހައި، އެމީހުން ތިބޭ ހޮޓާތަކަށް ސީދާ ގެންގޮސްދިނުމުގެ އިންތިޒާމުވެސް ހަމަޖެހިފައިވެއެވެ. ސައުދީއަށް ވާސިލުވުމުން ހައްޖާޖީން ހާއްސަ މަގުތަކުން ސީދާ އެމީހުންގެ މަންޒިލްތަކަށް ގެންދެވޭއިރު، ފޮށިތައް ހަވާލުކުރުމުގެ ކަންކަން ކުރިއަށްދާނީ ކަމާބެހޭ އިދާރާތައް ގުޅިގެންނެވެ.
ހަމައެއާއެކު، ސައުދީ ޓޫރިޒަމް މިނިސްޓްރީން ވަނީ މައްކާއާއި މަދީނާއަށް އަންނަ ހައްޖާޖީންނަށް ސައުދީގެ މެހުމާންދާރީ ރަމްޒުކޮށްދޭ ފަދަ ހޫނު މަރުހަބާއެއް ކިޔާފައެވެ. މިއީ ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ހައްޖު ދަތުރު އަމާންކަމާއި ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ހޮޓާތަކާއި އެހެނިހެން ހިދުމަތްދޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް އަމިއްލަ ސެކްޓަރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހިދުމަތުގެ ފެންވަރު ބެލުމަށްޓަކައި އިންސްޕެކްޝަން ޓީމުތަކުން މޮނިޓަރ ކުރަމުންދާނެ ކަމަށާއި، ގަވާއިދާ ހިލާފުވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.


