ބޭރުދުނިޔެ

ހުޅަނގު އައްސޭރީގައި ކުރިން ހުސްކޮށްފައިވާ އާބާދީއެއް އިސްރާއީލުން އަލުން ގާއިމުކޮށްފި

މީގެ 20 އަހަރު ކުރިން ހުސްކުރި ހުޅަނގު އައްސޭރީގެ “ސާ-ނޫރު” އާބާދީ، އިސްރާއީލުގެ ވަޒީރުން އާދީއްތަ ދުވަހު ރަސްމީކޮށް އަލުން ހުޅުވައިފިއެވެ. މި ރަސްމިއްޔާތުގައި އިސްރާއީލުގެ އިސްވެރިން ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުކުރުމާ ދެކޮޅަށް ހަރުކަށި ބަހުގެ ހަމަލާތަކެއް ދީ، ގާޒާގައި އަލުން އާބާދީތައް ހެދުމަށް ގޮވާލާފައެވެ.

ފަރުބަދަމަތީ ސަރަހައްދެއްގައި އެތުރިފައިވާ ވަގުތީ ގެ ތަކެއްގެ ކައިރީގައި ބޭއްވި މި ރަސްމިއްޔާތުގައި އިސްރާއީލުގެ ކެބިނެޓްގެ ބައެއް ވަޒީރުންނާއި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އިރުމަތީ ގުދުސް ނުހިމެނޭހެން، ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފަށް ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައިވާ އާބާދީތަކުގައި، ގާތްގަނޑަކަށް ތިން މިލިއަން ފަލަސްތީނު މީހުންނާއެކު މިހާރު 500,000 އަށްވުރެ ގިނަ އިސްރާއީލީން ދިރިއުޅެމުންދެއެވެ.

“މިއީ އުތުރު ސަމާރިއާ އިން (ހުޅަނގު އައްސޭރީގެ ސަރަހައްދަކަށް އިސްރާއީލުން ކިޔާ ނަން) ޔަހޫދީން ބޭރުކޮށްލުމަށް ހިންގި ޖިނާއީ އަމަލު އިސްލާހުކުރުމަށް ލިބުނު ތާރީހީ އުފާވެރި ދުވަހެއް،” އިސްރާއީލުގެ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ވިދާޅުވިއެވެ.

ސާ-ނޫރުގައި ތިބި އިސްރާއީލީން ބޭރުކުރީ 2005 ވަނަ އަހަރު، އޭރުގެ ބޮޑުވަޒީރު އެރިއަލް ޝެރޯން ތައާރަފުކުރި “ވަކިވުމުގެ ސިޔާސަތު”  ދަށުންނެވެ. އެ ސިޔާސަތުގެ ދަށުން ގާޒާ ކަރައިގައި ތިބި އިސްރާއީލުގެ ސިފައިންނާއި އާބާދީތައް ވެސް ވަނީ ބޭރުކޮށްފައެވެ. އޭރު މި ފިޔަވަޅު އެޅީ ފަލަސްތީނުގެ މީހުން ގިނަ ސަރަހައްދުތަކުގައި އިސްރާއީލުގެ ބާރު ކުޑަކޮށް، ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމުގެ ނަމުގައެވެ.

ނަމަވެސް، އިސްރާއީލުގެ ތާރީހުގައި ވެސް އައި އެންމެ ކަނާތު ފިޔައިގެ ހަރުކަށި ސަރުކާރުން ވަނީ 2005 ގައި ހުޅަނގު އައްސޭރިން ހުސްކުރި ހަތަރު އާބާދީއެއް އަލުން އާރާސްތުކުރުމުގެ ހުއްދަ ދީފައެވެ. މީގެ ތެރެއިން ސާ-ނޫރުގައި އެކަނިވެސް 126 ބޯހިޔާވަހިކަމުގެ ޔުނިޓް އެޅުމަށް ވަނީ ފާސްކޮށްފައެވެ.

ސްމޮޓްރިޗް އިތުރަށް ވިދާޅުވީ، “އަޅުގަނޑުމެން މިދަނީ ވަކިވުމުގެ ސިޔާސަތުގެ ލަދުވެތިކަން ފުހެލައި، ފަލަސްތީނުގެ ދައުލަތެއްގެ ފިކުރު ވަޅުލައި، އަލުން ސާ-ނޫރު އާބާދީއަށް ރުޖޫއަވަމުން” ކަމަށެވެ. އަމިއްލައަށް ވެސް ހިފާފައިވާ ބިންތަކުގައި ދިރިއުޅޭ މި ވަޒީރު ވަނީ ގާޒާ ކަރައިގައި ވެސް އަލުން އާބާދީތައް ހަދައި، އެއީ އިސްރާއީލުގެ “ސަލާމަތީ ބެލްޓެއް” ކަމުގައި ހެދުމަށް ގޮވާލާފައެވެ.

އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ވޭތުވެދިޔަ މަދު ދުވަސްކޮޅެއްގެ ތެރޭގައި 16 އާއިލާއެއް ވަނީ މި އާބާދީއަށް ބަދަލުވެފައެވެ. މީގެ ތެރޭގައި ހުޅަނގު އައްސޭރީގެ އާބާދީތަކުގެ ކައުންސިލްގެ ވެރިޔާ ޔޮސީ ދަގާން ވެސް ހިމެނެއެވެ. އޭނާއަކީ 2005 ގައި އެތަނުން ބޭރުކޮށްލި މީހެކެވެ.

ދަގާން ބުނި ގޮތުގައި މިއީ އޭނާގެ ހަޔާތުގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. “ދެން އިތުރަށް ބިންތަކުން ފޭބުމެއް، އަދި ފަހަތަށް ޖެހުމެއް ނޯންނާނެ. އަޅުގަނޑުމެން މި އެނބުރި އައީ ދާއިމަށް މިތަނުގައި ތިބުމަށް،” އޭނާ ބުންޏެވެ.

1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ދަނީ ހުޅަނގު އައްސޭރި އިސްތިއުމާރުކޮށް، އެކި ސަރުކާރުތަކުގެ ދަށުން އާބާދީތައް ފުޅާކުރަމުންނެވެ. އެހެންނަމަވެސް، 2022 ވަނަ އަހަރު ބެންޖަމިން ނަތަންޔާހޫގެ މިހާރުގެ ސަރުކާރު ވެރިކަމަށް އައި ފަހުން، މި މަސައްކަތް ވަނީ ވަރަށް ބޮޑަށް ހަލުވިކޮށްފައެވެ. ކަމާބެހޭ ފަރާތްތަކުން ހާމަކުރާ ގޮތުގައި މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެކަނިވެސް 100 އަށްވުރެ ގިނަ އާބާދީ ހެދުމުގެ ހުއްދަ ވަނީ ދީފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close