ޕާކިސްތާނުގެ އަސްކަރީ ވެރިޔާ އީރާނަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ޕާކިސްތާނުގެ އަސްކަރީ މުޝީރު ފީލްޑް މާޝަލް އާސިމް މުނީރު، އީރާނުގެ ތެހެރާނަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާފައިވާ ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ހާމަކޮށްފިއެވެ. މި ދަތުރުފުޅަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އީރާނުގެ އިސް ވެރިންނާއި މަޝްވަރާކުރެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ.
ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން، ފީލްޑް މާޝަލް އާސިމް މުނީރު ވަނީ އީރާނުގެ ރައީސާއި، ޚާރިޖީ ވަޒީރާއި، މަޖިލީހުގެ ރައީސްގެ އިތުރުން އީރާނުގެ އަސްކަރީ މަރުކަޒީ ކޮމާންޑުގެ އިސްވެރިޔާއާ ބައްދަލުކުރައްވާފައެވެ.
ކުރިއަށް އޮތް ދުވަސްތަކުގައި އިސްލާމްއާބާދުގައި އެމެރިކާއާއި އީރާނާ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ މަޝްވަރާތަކުގެ ކުރިން ކުރެއްވި މި ދަތުރުފުޅަކީ، ސުލްހަވެރި ހައްލެއް ހޯދުމަށާއި، ސަރަހައްދީ ހަމަޖެހުމާއި ތަރައްގީއަށް ޕާކިސްތާނުން ދޭ އިސްކަން ހާމަކޮށްދޭ ދަތުރުފުޅެއް ކަމަށް އަސްކަރިއްޔާއިން ބުނެފައިވެއެވެ.
ފާއިތުވި ހަފުތާގައި އިސްލާމްއާބާދުގައި އެމެރިކާއާއެކު ބޭއްވި ސުލްހައިގެ މަޝްވަރާތަކުގައި އީރާނުގެ ވަފުދުގެ އިސްވެރިންގެ ގޮތުގައި ބައިވެރިވެވަޑައިގަތީ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީއެވެ. މިއީ ފާއިތުވި އެތައް އަހަރެއްގެ ތެރޭގައި މި ދެ ގައުމުގެ މެދުގައި ސީދާކޮށް ބޭއްވުނު އެންމެ މަތީ ފެންވަރުގެ ބައްދަލުވުމެވެ.
އެ ބައްދަލުވުންތަކުގައި ވަކި އެއްބަސްވުމަކަށް އާދެވިފައި ނުވި ނަމަވެސް، ޑިޕްލޮމެޓިކް މަސައްކަތްތައް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ. އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ސުލްހައިގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން ސައުދީ އަރަބިއްޔާ، ގަތަރު އަދި ތުރުކީއަށް ދަތުރުފުޅެއް ކުރައްވާފައެވެ. މަޝްވަރާތަކުގެ ދެވަނަ ބުރެއް ކުރިއަށް އޮތް ހަފުތާގައި އިސްލާމްއާބާދުގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.
ތެހެރާނުގައި ވާހަކަފުޅު ދައްކަވަމުން ފީލްޑް މާޝަލް މުނީރު ވަނީ، ދެބަސްވުންތައް ހައްލުކުރުމަށްޓަކައި މަޝްވަރާގެ މަގު އިޚްތިޔާރުކުރުމަށާއި، ނުތަނަވަސްކަން ކުޑަކުރުމަށް އަބަދުވެސް ޑިޕްލޮމެޓިކް ގުޅުންތައް ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ލުބުނާނުގައި ހަނގުރާމަ ހުއްޓާލުމާ ގުޅިގެން ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުން ވަނީ އިންޒާރެއް ދީފައެވެ. އެއީ އެމެރިކާއިން އީރާނުގެ ބަނދަރުތައް ބަންދުކޮށްގެން އުޅޭ އުޅުން ކުރިއަށް ގެންދާނަމަ، އަލުން އެ ކަނޑުއޮޅި ބަންދުކުރާނެ ކަމުގެ އިންޒާރެވެ.

