ޚަބަރުކުޅިވަރު

ލަމްޕާޑާއެކު ކަވެންޓްރީ ތާރީޚުގެ ތެރެއަށް: 25 އަހަރަށްފަހު އެނބުރި ޕްރިމިއާ ލީގަށް

އިނގިރޭސި ފުޓްބޯޅައިގެ ތާރީޚީ ކްލަބެއް ކަމަށްވާ ކަވެންޓްރީ ސިޓީން، ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން 25 އަހަރުގެ ދިގު އިންތިޒާރަކަށް ނިމުން ގެނެސް، އިނގިރޭސި ޕްރިމިއާ ލީގުން ޖާގަ ކަށަވަރުކޮށްފިއެވެ.

މި އުފާވެރި ކާމިޔާބީ ކަވެންޓްރީން ކަށަވަރުކުރީ ރޭ ބްލެކްބާން ރޯވާސްއާ ބައްދަލުކުރި ފޯރިގަދަ މެޗު 1-1 އިން އެއްވަރުކޮށްގެންނެވެ. ބްލެކްބާންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ކަވެންޓްރީއަށް ވަނީ ޗެމްޕިއަންޝިޕް ތާވަލުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނި، އަންނަ ސީޒަނުގެ ޕްރިމިއާ ލީގަށް އޮޓޮމެޓިކް ޕްރޮމޯޝަނެއް ލިބިފައެވެ.

މެޗުގެ ދެވަނަ ހާފުގައި ރްޔޯޔާ މޮރިޝީޓާ ޖެހި ލަނޑުން ބްލެކްބާން ކުރިހޯދާފައިވަނިކޮށް، ކަވެންޓްރީން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރިހަމަ ވަގުތު ހަމަވާން އެންމެ ހަ މިނިޓަށް ވެފައި ވަނިކޮށް ބޮބީ ތޯމަސް ކާމިޔާބުކުރި ލަނޑުންނެވެ. މި ނަތީޖާއާއެކު ކަވެންޓްރީ މިހާރު އޮތީ ކުޅުނު 43 މެޗުން 86 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ.

މިއީ 1987 ވަނަ އަހަރު އެ ޓީމުން އެފްއޭ ކަޕް ކާމިޔާބު ކުރި ފަހުން، ކްލަބުގެ ތާރީޚުގައި ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. ފްރޭންކް ލަމްޕާޑް މި ޓީމުގެ ކޯޗުކަމާ ހަވާލުވިއިރު، ކަވެންޓްރީ އޮތީ ތާވަލުގެ 17 ވަނައިގައެވެ. ނަމަވެސް އޭނާގެ ހިކުމަތްތެރި އިރުޝާދުގެ ދަށުން ކުރު މުއްދަތެއްގެ ތެރޭގައި ޓީމުގެ ކުޅުން އާދަޔާޚިލާފަށް ރަނގަޅުކޮށް، މުޅި ލީގު ހައިރާންކޮށްލުމަށްފަހު އެ ޓީމު މިވަނީ އަލުން ގަދަ ބާރުތަކުގެ ތެރެއަށް ގެންގޮސްދީފައެވެ.

މެޗަށްފަހު އުފާވެރިކަމާއެކު ވާހަކަދައްކަމުން ލަމްޕާޑް ބުނީ، މިއީ ކުޅުންތެރިން މުޅި ސީޒަނުގައި ކުރި ބުރަ މަސައްކަތުގެ ހައްގު މޭވާ ކަމަށެވެ. 25 އަހަރަށްފަހު ކަވެންޓްރީ އަލުން ޕްރިމިއާ ލީގަށް އެނބުރި ދިއުމަކީ އެ ކްލަބުގެ ވަފާތެރި ސަޕޯޓަރުންނަށް ލިބުނު ވަރަށް ބޮޑު ހަދިޔާއެކެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close