ބޭރުދުނިޔެ

ވޭތުވެދިޔަ ދެ ދުވަހު ޣައްޒާއިން ގިނަ ބަޔަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި ޣައްޒާގެ އެކި ސަރަހައްދުތަކުން ގިނަ ބަޔަކު ޝަހީދުކޮށްލައިފިއެވެ. ޣައްޒާގައި ހަނގުރާމަ ހުއްޓާލާފައިވާ ކަމަށް ބުނާ އެއްބަސްވުމަށް ހަތް މަސް ވެފައިވީ ނަމަވެސް، އިޒްރޭލުގެ އުދުވާނީ ހަމަލާތައް ދަނީ މެދުނުކެނޑި ކުރިއަށެވެ. މީގެ އިތުރުން ހިފާފައިވާ ހުޅަނގު އައްސޭރީގައި ވެސް އިޒްރޭލު ސިފައިން ދަނީ ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ހިންގަމުންނެވެ.

ފަލަސްތީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަޙްމޫދު ބައްސާލް އޭއެފްޕީ ނޫސް އޭޖެންސީއަށް މަޢުލޫމާތު ދެއްވި ގޮތުގައި، ބުރާސްފަތި ދުވަހު ޣައްޒާގެ އުތުރުގައިވާ ބައިތު ލާހިޔާއަށް އިޒްރޭލުގެ ޑްރޯންއަކުން ދިން ހަމަލާއެއްގައި އަބްދުލްމަލިކް އަދި އަބްދުއްސައްތާރު އަލް-އައްތާރު ކިޔާ ދެ ބޭން ވަނީ ޝަހީދުވެފައެވެ. މަންޒަރު ދުށް މީހުންނާ ހަވާލާދީ އޭނާ ވިދާޅުވީ، މި ހަމަލާ ދީފައިވަނީ އިޒްރޭލުގެ ބާރުގެ ދަށުގައިވާ ސަރަހައްދުން ބޭރުގައި، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ރައްކާތެރިކަން އޮންނަންޖެހޭ ސަރަހައްދެއްގައި ކަމަށެވެ.

ބައްސާލް އިތުރަށް ވިދާޅުވި ގޮތުގައި، ހަމަ އެދުވަހުގެ ފަހުގެ ވަގުތެއްގައި ޣައްޒާ ސިޓީގެ އިރުމަތީގައިވާ ޒައިތޫން އަވަށުގައި އިޒްރޭލު ސިފައިން ދިން ހަމަލާއެއްގައި އުމުރުން އެންމެ 9 އަހަރުގެ ޞާލިޙް ބަދަވީ ޝަހީދުވެފައިވެއެވެ. އަދި ޚާން ޔޫނިސްގެ ދެކުނުން މުޙްސިން އަލް-ދައްބާރީ (38 އަހަރު) ވެސް ވަނީ އިޒްރޭލުގެ ހަމަލާއެއްގައި ޝަހީދުކޮށްލާފައެވެ.

އަނަޑޯލޫ އެޖެންސީއާ ވާހަކަދެއްކި މަންޒަރު ދުށް މީހަކު ބުނި ގޮތުގައި، މަޣާޒީ ރެފިއުޖީ ކޭމްޕުގެ އިރުމަތީގައި ހާލުގައި ޖެހިފައިވާ މީހުން ދިރިއުޅޭ ފޭލިގެތަކަށާއި ގެތަކަށް އިޒްރޭލު ސިފައިން ބަޑިޖެހުމުގެ ސަބަބުން، ފުރާވަރުގެ ކުއްޖަކާއެކު ޖުމްލަ ތިން މީހަކު ވަނީ ޒަޚަމްވެފައެވެ.

ހުކުރު ދުވަހުވެސް އިޒްރޭލުން ވަނީ ފަލަސްތީނުގެ އިތުރު ތިން މީހަކު ޝަހީދުކޮށްލާފައެވެ. ޞިއްޙީ މަޞްދަރުތަކުން އަނަޑޯލޫއަށް މަޢުލޫމާތު ދިން ގޮތުގައި، ޣައްޒާ ސިޓީގެ އިރުމަތީގައިވާ ޝުޖާޢިއްޔާ އަވަށުގެ މަންޞޫރާ މަގުން އުޅަނދެއްގައި ފެން އުފުލަމުން ދިޔަ މުޙައްމަދު އަދި އީދު އަބޫ ވަރްދާ ނަމަކަށް ކިޔާ ދެ ބޭން ވަނީ ބަޑިޖަހައި ޝަހީދުކޮށްލާފައެވެ. އަދި އެމީހުންނާއެކު ތިބި ތިންވަނަ ބޭބެއަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

ވަފާ ނޫސް އޭޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ޑްރޯންއަކުން ހަމަ އެ އަވަށުގައި ހުރި ފެން ސާފުކުރާ ނިޒާމަކަށް ދިން ހަމަލާއެއްގައި ފަލަސްތީނުގެ އިތުރު މީހަކު ޝަހީދުވެ، ބައެއް މީހުން ޒަޚަމްވެފައިވެއެވެ.

ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، އޮކްޓޯބަރު މަހު އިޒްރޭލާއި ޙަމާސްއާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ގާއިމުކުރި ފަހުން އިޒްރޭލުން ވަނީ 2,400 އަށްވުރެ ގިނަ ފަހަރު އެ އެއްބަސްވުމާ ޚިލާފުވެފައެވެ. މީގެ ތެރޭގައި މީހުން މެރުމާއި، ހައްޔަރުކުރުމާއި، ސަރަހައްދުތައް ބަންދުކުރުމުގެ އިތުރުން ރައްޔިތުން ބަނޑަށް ޖެއްސުމަށް ހިންގާ ލާއިންސާނީ ސިޔާސަތުތައް ހިމެނެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close