ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނިންމި ނިންމުމަށް ގުޓެރޭޒް މަރުޙަބާ ވިދާޅުވެއްޖެ

އީރާނުން ހޮރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ނިންމި ނިންމުމަކީ ރަނގަޅު މިޞްރާބަކަށް އެޅުނު ފިޔަވަޅެއް ކަމަށް ސިފަކުރައްވައި، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒް އެކަމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ސެކްރެޓަރީ ޖެނެރަލްގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލާފައި އޮންނަ މުއްދަތުގެ ބާކީ އޮތް ދުވަސްތަކުގައި، ހުރިހާ ވިޔަފާރި އުޅަނދުފަހަރަކަށް އެ ސަރަޙައްދު އެއްކޮށް ހުޅުވާލުމަށް އިޢުލާން ކުރުމަކީ އުފާކުރައްވާ ކަމެކެވެ.
އދ. އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަޤުވާމީ ކަނޑުދަތުރުފަތުރުގެ ޙައްޤުތަކާއި މިނިވަންކަން ހޮރްމުޒް ކަނޑުއޮޅީގައި ފުރިހަމައަށް ގާއިމުކޮށް، ހުރިހާ ފަރާތްތަކުން އެކަމަށް އިޙުތިރާމްކުރުމަކީ އދ. ގެ ސާފު މަގުސަދު ކަމަށެވެ. މީގެ އިތުރުން، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ޙައްލެއް ހޯދުމަށް ކުރެވޭ ހުރިހާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ސެކްރެޓަރީ ޖެނެރަލް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އަދި ހަނގުރާމަ ހުއްޓާލުމާ އެކު، މި ފިޔަވަޅުގެ ސަބަބުން ދެފަރާތުގެ މެދުގައި އިތުބާރު އުފެދި، ޕާކިސްތާނުގެ މެދުވެރިވުމާއެކު ކުރިއަށްދާ މަޝްވަރާތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް އދ. އިން ބުނެފައިވެއެވެ.
ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ލީޑަރުންވެސް ހުކުރު ދުވަހު މި ނިންމުމަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. ނަމަވެސް، އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ބަންދުވެފައިވާ ތެލުގެ މުހިންމު މަގުތަކުގައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ދާއިމީގޮތެއްގައި ގާއިމުކުރަންޖެހޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވިއެވެ.
ފަރަންސޭސި ރައީސް އެމަނުއެލް މެކްރޮން އަދި އިނގިރޭސި ބޮޑުވަޒީރު ކީރް ސްޓާމަރ ވިދާޅުވީ، ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަޤުވާމީ މިޝަނެއް އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ހާލަތު ތަންދިން އެންމެ އަވަހަކަށް މި މިޝަން ފަށާނެ ކަމަށާއި، މިކަމާ ގުޅޭގޮތުން އަސްކަރީ މާހިރުން އަންނަ ހަފުތާގައި ލަންޑަނުގައި ބައްދަލުކުރާނެ ކަމަށްވެސް ސްޓާމަރ ވިދާޅުވިއެވެ.
ގާތްގަނޑަކަށް 50 ޤައުމާއި ބައިނަލްއަޤުވާމީ ޖަމްޢިއްޔާތައް ބައިވެރިވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މެކްރޮން ވިދާޅުވީ، އެއްވެސް ޝަރުތަކާ ނުލައި ވަގުތުން ވަގުތަށް ހޮރްމުޒް ކަނޑުއޮޅި ހުރިހާ ފަރާތްތަކަށް ހުޅުވާލުމަށް އެންމެންވެސް ގޮވާލާ ކަމަށެވެ.



