ތެލުގެ އަގު 8 އިންސައްތަ އުފުލި 102 ޑޮލަރަށް އަރައިފި

އީރާނާ ދެކޮޅަށް އެމެރިކާއިން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އަނެއްކާވެސް ފުރާޅުން މައްޗަށް ގޮސް ފީފާއެއްގެ އަގު 102 ޑޮލަރަށްވުރެ މައްޗަށް އަރައިފިއެވެ. މި ފިޔަވަޅަކީ ހަނގުރާމަ ހުއްޓާލުމަށް ވޮޝިންގޓަނާއި ތެހެރާނާ ދެމެދު ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އީރާނުގެ ތެޔޮ އެކްސްޕޯޓް ހުއްޓުވުމަށް އެމެރިކާއިން އެޅި ފިޔަވަޅެކެވެ.
ސައޫދީ ގަޑިން ހޯމަ ދުވަހުގެ މެންދުރުފަހު 03:15 އާ ހަމައަށް ބްރެންޓް ކްރޫޑްގެ އަގު ވަނީ 7.32 ޑޮލަރު (7.7 އިންސައްތަ) އުފުލި، ފީފާއެއް 102.52 ޑޮލަރަށް އަރާފައެވެ. ހަމައެއާއެކު، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއަޓް (WTI) ގެ އަގުވެސް ވަނީ 7.65 ޑޮލަރު (7.9 އިންސައްތަ) މައްޗަށް ގޮސް، ފީފާއެއް 104.22 ޑޮލަރަށް އުފުލިފައެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް އާދީއްތަ ދުވަހު ވިދާޅުވި ގޮތުގައި، ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު ދިގު މަޝްވަރާތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރަން ފަށާނެއެވެ. މި ނިންމުމުގެ ސަބަބުން މިހާރު އޮތް ނާޒުކު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަނީ ނުރައްކަލުގެ ތެރޭގައެވެ.
މީގެ އިތުރުން، އަންނަ ނޮވެމްބަރު މަހު އޮންނަ އެމެރިކާގެ މިޑްޓާމް އިންތިޚާބާ ހަމައަށް ތެލާއި ޕެޓްރޯލްގެ އަގު މަތީގައި ހުރެދާނެ ކަމަށް ޓްރަމްޕް ވަނީ އިޝާރާތް ކުރައްވާފައެވެ. މިއީ މީގެ ހަ ހަފުތާ ކުރިން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން ކުރިމަތިވެދާނެ ސިޔާސީ ނަތީޖާއަށް އޭނާ އިއުތިރާފުވެވަޑައިގަތް ފުރަތަމަ ފަހަރެވެ.
އެމެރިކާގެ މެދުތެރޭ ކޮމާންޑުން (CENTCOM) ހާމަކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހުގެ ހެނދުނު 10:00 (ސައޫދީ ގަޑިން ހަވީރު 05:00) އިން ފެށިގެން އީރާނުގެ ބަނދަރުތަކަށް ވަދެ ނުކުންނަ ހުރިހާ އުޅަނދުފަހަރެއް ހުއްޓުވުމުގެ މަސައްކަތް ފަށާނެއެވެ. މި ބަންދަކީ ވަކި ޤައުމަކަށް ބެލުމެއްނެތި، އީރާނުގެ ހުރިހާ ބަނދަރުތަކަކަށް ދަތުރުކުރާ އުޅަނދުތަކަށް ހިންގޭނެ ފިޔަވަޅެއް ކަމަށްވެސް އެ ކޮމާންޑުން ބުނެފައިވެއެވެ. ނަމަވެސް، އީރާނު ނޫން އެހެން ޤައުމުތަކުގެ ބަނދަރުތަކަށް ދަތުރުކުރާ އުޅަނދުތަކަށް ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް އެމެރިކާއިން ބުނެއެވެ.
މިކަމާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ވަނީ، ހޯރްމޫޒް ކަނޑުއޮޅިއާ ގާތްވާ އެމެރިކާގެ ކޮންމެ އަސްކަރީ އުޅަނދަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވުން ކަމުގައި ބަލައި، އެފަދަ އުޅަނދުތަކަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.
ތެޔޮ އުފައްދާ ޤައުމުތަކުގެ ޖަމުޢިއްޔާ (OPEC) އިން ބުނެފައިވަނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ޑިމާންޑް ދަށްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އޯޕެކް ޕްލަސްގެ މެންބަރު ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މާރިޗު މަހު ވަނީ ދުވާލަކު 7.7 މިލިއަން ފީފާ ދަށްވެފައެވެ.
ބާޒާރުގެ ދިރާސާވެރިން ފާހަގަކުރާ ގޮތުގައި، އެމެރިކާއިން ހަގީގަތުގައިވެސް ކަނޑުގެ މަގު ބަންދުކޮށްފިނަމަ، ތެލުގެ އަގު މީގެ ކުރިން ދުވަހަކުވެސް ނުދާހާ މައްޗަށް ގޮސް، ފީފާއެއްގެ އަގު 150 ޑޮލަރަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުވެސް ގިނަ ތެޔޮ ޓޭންކަރުތައް ދަނީ ހޯރްމޫޒް ކަނޑުއޮޅިއާ ދުރުން ދަތުރުކުރަމުންނެވެ.


