ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު: ރީ-ރަޖިސްޓްރީވުމަށް ހުޅުވާލައިފި

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި އެއްވަރުވި ދާއިރާތަކުގެ ދެވަނަ ބުރުގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުވެއްޖެއެވެ.
މި އިންތިޚާބުގައި ޖުމްލަ 14 ވޯޓު ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި އަތޮޅުތެރޭގައި ބަހައްޓާ 8 ފޮއްޓާއި މާލޭގައި ބަހައްޓާ 6 ފޮށި ހިމެނެއެވެ. ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހއ. ކެލާ، ހދ. ނޭކުރެންދޫ، ބ. ދޮންފަނު، ލ. މާވަށް އަދި ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގައެވެ.
އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހަވީރު 4:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ރީ-ރަޖިސްޓްރީވުމަށް އެދޭ ފަރާތްތަކަށް ‘ރީ-ރަޖިސްޓްރޭޝަން ޕޯޓަލް’ ނުވަތަ ‘މައި ޕޯޓަލް’ މެދުވެރިކޮށް އޮންލައިންކޮށް ފޯމު ހުށަހެޅޭނެއެވެ. މާލޭގައި ވޯޓުލާ މީހުންނަށް ޚާއްޞަ ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ތާޖުދިއްދީން ސްކޫލް، ހިރިޔާ ސްކޫލް އަދި ދަރުމަވަންތަ ސްކޫލުގައެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވި ގޮތުގައި ފުރަތަމަ ބުރުގައި މާލެ ސަރަޙައްދުގައި ރަޖިސްޓްރީވެފައިވާ މީހުން ރީ-ރަޖިސްޓަރީ ނުކުރާނަމަ، ދެވަނަ ބުރުގައިވެސް ވޯޓުލާން ޖެހޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށެވެ. ނަމަވެސް އެހެން ރަށްރަށުގައި ރަޖިސްޓްރީވެފައިވާ މީހުންގެ ރަޖިސްޓްރީ މިހާރު ވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ބަދަލުކުރެވިފައެވެ. އެހެންކަމުން މިހާރު ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންނަމަ ކަނޑައެޅިފައިވާ ވަގުތުގެ ކުރިން ރީ-ރަޖިސްޓަރީ ކުރަންޖެހޭނެއެވެ.

