ޚަބަރު

ސާބިތު ދަރަންޏެއް ނުދެއްކުމުން ސިނާނުގެ މެންބަރުކަން ގެއްލިއްޖެ

ސާބިތު ދަރަންޏެއް އޮވެ، ކޯޓު ހުކުމާ އެއްގޮތަށް އެ ފައިސާ ދައްކަމުން ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

މިއީ ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަގާމުން ވަކިވިކަން ސުޕްރީމް ކޯޓުގެ ހުކުމަކުން ކަނޑައެޅި ފުރަތަމަ ފަހަރެވެ. މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ އަޣުލަބިއްޔަތުން ސިނާނުގެ ގޮނޑި ގެއްލުނު ކަމަށް ނިންމެވިއިރު، ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އެވެ.

މި މައްސަލަ ފެންމަތިވީ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނަކާ ގުޅިގެން، ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 2024 ވަނަ އަހަރު ކުރި ހުކުމާ އެއްގޮތަށް ފައިސާ ނުދެއްކުމުންނެވެ. އެ ހުކުމުގައި އޮތީ ހަ މަސް ދުވަހުގެ ތެރޭގައި 2.5 މިލިއަން ރުފިޔާ ދައްކައި ހަލާސްކުރުމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ސިނާނުގެ ފަރާތުން ބުނެފައިވަނީ، އޭނާގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމުގެ މައުލޫމާތު އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް، ހުކުމް ކުރި ދުވަހު ބޭންކުން ވައިބާ މެދުވެރިކޮށް ފޮނުވި މެސެޖަށް “ގޮޓް ތެންކް ޔޫ” ޖަހައި ސިނާނު ރިޕްލައި ކޮށްފައިވާކަން އެމްއައިބީން ވަނީ ސާބިތުކޮށްދީފަ އެވެ. އެހެންކަމުން، ހުކުމް އެނގިފައި ނުވާ ކަމަށް ބުނެ އޭނާ ދެއްކި ވާހަކަތައް ކޯޓުން ބަލައެއް ނުގަތެވެ.

ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރުގައި ބަޔާންކުރާ ގޮތުން، އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ މީހެއް ނަމަ، އޭނާގެ ކިބައިގައި މަޖިލިސް މެންބަރުކަމުގެ ޝަރުތު އުނިވާނެ އެވެ.

މި މައްސަލައިގައި ފަނޑިޔާރު ޝުޖޫންގެ ރައުޔަށް ފަނޑިޔާރު އަލީ ރަޝީދު ހުސައިން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ވަނީ ތާއިދު ކުރައްވާފަ އެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close