ބޭރުދުނިޔެ

އީރާނަށް ދޭ ހަމަލާތައް ހަނގުރާމައިގެ ޖަރީމާއަކަށް ވެދާނެ: އެމެރިކާގެ ތަޖުރިބާކާރުން

އެމެރިކާއިން އީރާނަށް ދެމުންގެންދާ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކަކަށް ވެދާނެކަމުގެ އިންޒާރު އެމެރިކާގެ ތަޖުރިބާކާރުން ދީފިއެވެ.

އެމެރިކާގެ ބައިނަލްއަޤްވާމީ ޤާނޫނީ އެތައް ތަޖުރިބާކާރުންނެއް ސޮއިކޮށް ނެރުނު ހުޅުވާލެވިފައިވާ ސިޓީއެއްގައި މިހެން ބުނެފައިވަނީ އީރާނުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށާއި ލޮނު މީރުކުރާ ޕްލާންޓުތަކަށް ހަމަލާދޭނެކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދިން އިންޒާރުތައް ތަކުރާރުކުރުމާ ގުޅިގެންނެވެ.

ކުރިންވެސް ހަނގުރާމައިގެ އަމާޒުތަކާއި މުއްދަތުތަކާ ގުޅޭގޮތުން ފުށުއަރާ ވާހަކަތަކެއް ދައްކާފައިވާ ޓްރަމްޕް ބުދަ ދުވަހު ޓީވީ މެދުވެރިކޮށް ދިން ޚިތާބެއްގައި ބުނީ، އެމެރިކާގެ ޝަރުތުތަކަށް އީރާނުން ބޯނުލަނބައިފިނަމަ ހަނގުރާމަ އިތުރަށް ގޯސްވެ، އީރާނުގެ ހަކަތައާއި ތެލުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދިނުން އެކަށީގެންވާ ކަމަށެވެ.
ހާވަރޑް، ޔޭލް، ސްޓެންފޯޑް އަދި ޔުނިވަރސިޓީ އޮފް ކެލިފޯނިއާ ފަދަ ޔުނިވަރސިޓީތަކަށް ނިސްބަތްވާ 100 އަށްވުރެ ގިނަ ބައިނަލްއަޤްވާމީ ޤާނޫނީ ތަޖުރިބާކާރުން ބުރާސްފަތި ދުވަހު ނެރުނު މި ސިޓީގައި ބުނެފައިވަނީ، އެމެރިކާ ސިފައިންގެ އަމަލުތަކާއި އެމެރިކާގެ އިސްވެރިން ދައްކަމުންދާ ވާހަކަތަކުގެ ސަބަބުން، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ ޤާނޫނުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނުތަކާ ޚިލާފުވެ، ހަނގުރާމައިގެ ޖަރީމާތައް (ވޯ ކްރައިމްސް) ހިންގަމުންދާކަމުގެ ބޮޑެތި ކަންބޮޑުވުންތައް އުފެދިފައިވާ ކަމަށެވެ.
ޖަސްޓް ސެކިއުރިޓީ ޕޮލިސީ ޖާނަލްގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ މި ސިޓީގައި، މާރިޗު މަހުގެ މެދުތެރޭގައި ޓްރަމްޕް “މަޖަލަކަށް” އީރާނަށް ހަމަލާދީފާނެ ކަމަށް ބުނެފައިވާތީ އެކަން ޚާއްޞަގޮތެއްގައި ފާހަގަކޮށްފައިވެއެވެ. އަދި އެމެރިކާއިން ހަނގުރާމަކުރާނީ “މޮޔަ އުސޫލުތަކަކާ” އެއްގޮތަށް ނޫންކަމަށް ބުނެ އެމެރިކާގެ ޕެންޓަގަންގެ ވެރިޔާ ޕީޓް ހެގްސެތް މާރިޗު މަހުގެ ކުރީކޮޅު ދެއްކި ވާހަކަތައްވެސް މި ސިޓީގައި ހިމަނާފައިވެއެވެ.
ސްކޫލްތަކާއި، ސިއްޙީ މަރުކަޒުތަކާއި، މީހުން ދިރިއުޅޭ ގެތަކަށް ދެމުންދާ ހަމަލާތަކާމެދު އިންތިހާއަށް ކަންބޮޑުވާކަން ތަޖުރިބާކާރުން ފާހަގަކުރިއެވެ. މިގޮތުން ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހު އީރާނުގެ ސްކޫލަކަށް ދިން ހަމަލާ އެމީހުން ފާހަގަކުރިއެވެ.
ފެބްރުއަރީ 28 ވަނަ ދުވަހު އީރާނުގެ އަންހެން ކުދިންގެ ސްކޫލަކަށް ދިން ނުރައްކާތެރި ހަމަލާގެ ފަހަތުގައިވަނީ އެމެރިކާ ސިފައިން ކަމަށް މީޑިއާ ރިޕޯޓުތަކުން ހާމަވުމާ ގުޅިގެން، އެމެރިކާގެ އަސްކަރިއްޔާއިން ވަނީ މާރިޗު މަހު އެ މައްސަލައިގެ ތަހުގީގު ފުޅާކޮށްފައެވެ. އީރާނުގެ ރެޑް ކްރެސެންޓުން ބުނާ ގޮތުގައި އެ ހަމަލާގައި 175 މީހުން ވަނީ މަރުވެފައެވެ.
ބުދަ ދުވަހު ޓްރަމްޕް ވަނީ އީރާނަށް “ވަރަށް ވަރުގަދައަށް” ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. ޓްރަމްޕް ބުނީ ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އީރާނަށް ވަރަށް ވަރުގަދައަށް ހަމަލާދޭނެ ކަމަށާއި، އަދި އެމީހުން ހައްގުވާ ހިސާބުކަމަށްވާ “ހިލައިގެ ޒަމާނަށް” އަނބުރާ ފޮނުވާލާނެ ކަމަށެވެ.
އެމެރިކާގެ މުސްލިމުންގެ ޙައްޤުތަކަށް ވަކާލާތުކުރާ އިސް ޖަމާއަތަކުން ވަނީ، “ހިލައިގެ ޒަމާނަށް” ފޮނުވާލާނެ ކަމަށް ބުނެ ޓްރަމްޕް ދައްކަމުންދާ ވާހަކަތަކަކީ އިންސާނިއްޔަތުކަން ކަނޑުވާލަނިވި ވާހަކަތަކެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ހަނގުރާމަ ފެށުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދިނުމާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ އިސްރާއީލަށާއި، ގަލްފުގެ ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދީފައެވެ. އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާއި، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close