ބޭރުދުނިޔެ

މެކްސިކޯގެ ޖަލިސްކޯ ކާޓެލްއަކީ ނިރުބަވެރި ޖަމާއަތެއްގެ ގޮތުގައި އާޖެންޓީނާއިން ކަނޑައަޅައިފި

މެކްސިކޯގެ ނުރައްކާތެރި ޖަމާއަތެއް ކަމަށްވާ “ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލް” (CJNG) އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އާޖެންޓީނާގެ ސަރުކާރުން ރަސްމީކޮށް ކަނޑައަޅައިފިއެވެ.

އާޖެންޓީނާގެ ރައީސް ހާވިއޭ މިލެއިގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނިންމުމަކީ އެ ޖަމާއަތުން ހިންގާ ބައިނަލްއަގުވާމީ ޖަރީމާތަކާއި، އެހެން ޓެރަރިސްޓް ޖަމާއަތްތަކާ އޮންނަ ގުޅުންތަކަށް ބަލައި ނިންމި ނިންމުމެއް ކަމަށެވެ. މިއީ ލެޓިން އެމެރިކާގެ ގައުމަކުން މިފަދަ ނިންމުމެއް ނިންމި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މި ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވަނީ އެމެރިކާއާއި ކެނެޑާއިންނެވެ.
މި ނިންމުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންގުޅޭ ހަރުކަށި ސިޔާސަތުތަކާ އެއްގޮތަށް، އާޖެންޓީނާއާއި އެމެރިކާގެ ގުޅުން ބަދަހިކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހު ޓްރަމްޕް އަލުން ވެރިކަމާ ހަވާލުވިތާ ހަފުތާއެއްގެ ތެރޭގައި، މެކްސިކޯގެ އަށް ކާޓެލްއަކީ ޓެރަރިސްޓް ޖަމާއަތްތަކެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.

ޓްރަމްޕް ވަނީ ކާޓެލްތަކާ ދެކޮޅަށް އަސްކަރީ ބާރުގެ ބޭނުންކުރުމަށް ބާރުއަޅާފައެވެ. އެގޮތުން، ކަނޑުމަތީގައި ދަތުރުކުރި އުޅަނދުތަކަށް 47 ފަހަރު ވައިގެ މަގުން ހަމަލާދީ 163 މީހުން މަރާލާފައިވާއިރު، ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ ހައްޔަރުކޮށް ޖަލަށްލުމަށްވެސް ޓްރަމްޕްގެ ސަރުކާރުން ވަނީ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ.
މިދިޔަ މާރިޗު މަހު ފްލޮރިޑާގައި ބޭއްވި “ޝީލްޑް އޮފް ދަ އެމެރިކާސް” ސަމިޓުގައި ޓްރަމްޕް ބުނީ، މިފަދަ ޖަމާއަތްތަކަކީ “ކެންސަރެއް” ފަދަ އެއްޗެއް ކަމަށާއި، އެ މީހުން ބަލިކުރެވޭނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.
އާޖެންޓީނާގެ ރައީސް މިލެއި އަކީ ޓްރަމްޕްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ތާއީދުކުރާ މީހެކެވެ. މިކަމުގެ ބަދަލެއްގެ ގޮތުން، އެމެރިކާއިން ވަނީ އާޖެންޓީނާގެ ގެރިމަސް އެތެރެކުރުން އިތުރުކޮށް، އެ ގައުމުގެ ފައިސާގެ އަގު ހިފެހެއްޓުމަށް 20 ބިލިއަން ޑޮލަރުގެ އެހީއެއް ދިނުމަށްވެސް ހުށަހަޅާފައެވެ.
ޖަލިސްކޯ ކާޓެލްއަކީ މެކްސިކޯގެ އެންމެ ނުފޫޒުގަދަ އެއް ކުށްވެރި ޖަމާއަތެވެ. މި ޖަމާއަތް އުފެއްދި “އެލް މެންޗޯ” ވަނީ މިދިޔަ ފެބްރުއަރީ 22 ގައި މެކްސިކޯ ސިފައިން ހިންގި އޮޕަރޭޝަނެއްގައި މަރާލާފައެވެ. އާޖެންޓީނާގެ ސަރުކާރުން ބުނިގޮތުގައި، މި ކާޓެލް ދެން ބަލާނީ ހަމާސްއާއި އީރާނުގެ ގުދުސް ފޯސް ފަދަ ޓެރަރިސްޓް ޖަމާއަތްތަކާ އެއް ދަރަޖައެއްގައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close