އީރާނުގެ ރަށްތައް ހިފުމަށް ދުޝްމަނުންނަށް އެހީވާ ގައުމުތަކަށް އީރާނުން ވަރުގަދަ އިންޒާރެއް

އީރާނުގެ އެއްވެސް ރަށެއް ހިފުމަށް ދުޝްމަނުންނަށް އެހީތެރިވެދޭ ސަރަޙައްދީ ކޮންމެ ގައުމެއްގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދީ ފުނޑުފުނޑުކޮށްލާނެކަމުގެ ވަރުގަދަ އިންޒާރެއް އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް ދެއްވައިފިއެވެ.
އެކްސްގައި އަރަބި ބަހުން ކުރެއްވި ޕޯސްޓެއްގައި ގާލިބާފް ވިދާޅުވީ، ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ސަރަޙައްދީ ގައުމެއްގެ އެހީތެރިކަމާއެކު އީރާނުގެ ރަށެއް ހިފުމުގެ އޮޕަރޭޝަނަކަށް އީރާނުގެ ދުޝްމަނުން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި ދުޝްމަނުންގެ ހުރިހާ ހަރަކާތްތަކެއް އީރާނުގެ އަސްކަރިއްޔާއިން ބަލަމުންދާ ކަމަށާއި، އެމީހުން ފިޔަވަޅެއް އަޅައިފިނަމަ، އެހީތެރިވި ގައުމުގެ ހުރިހާ އުމްރާނީ ވަސީލަތްތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި ވަރުގަދަޔަށް ހަމަލާދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އެމެރިކާއާއި އިސްރާއީލުން އީރާނަށް ދެމުންދާ ޣައިރުގާނޫނީ ހަމަލާތަކުގައި، ސަރަޙައްދީ ބައެއް ގައުމުތަކުން، ޚާއްސަކޮށް ޔޫއޭއީ އަދި ބަޙްރައިނުން ވަނީ އެ ގައުމުތަކުގެ ބިން ބޭނުންކުރުމުގެ ހުއްދަ އެމެރިކާއާއި އިސްރާއީލަށް ދީފައެވެ.
މީގެ ރައްދުގައި އީރާނުގެ އަސްކަރިއްޔާއިން ވަނީ “އޮޕަރޭޝަން ޓްރޫ ޕްރޮމިސް 4” ގެ ނަމުގައި 80 އަށްވުރެ ގިނަ މިސައިލް އަދި ޑްރޯން ހަމަލާތައް ދުޝްމަނުންގެ އަމާޒުތަކަށް ދީފައެވެ. މި ހަމަލާތަކުގައި ޔޫއޭއީ، ބަޙްރައިން، ސައުދީ އަރަބިއްޔާ، ކުވައިތު، ގަތަރު އަދި އުރުދުންގައި ހުރި އެމެރިކާގެ މުހިންމު މަރުކަޒުތަކަށާއި، އިސްރާއީލުން ހިފާފައިވާ ބިންތަކުގައިވާ އެފަދަ ތަންތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ގާލިބާފް މި އިންޒާރު ދެއްވާފައިވަނީ، އީރާނުގެ ދެކުނުގައި އޮންނަ ސްޓްރެޓީޖިކް ޚާރްގް ރަށް ހިފުމާ ގުޅޭގޮތުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޯސް ވާހަކަތަކެއް ދެއްކުމާ ގުޅިގެންނެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި އެމެރިކާގެ ޑިޕާޓްމަންޓް އޮފް ވޯރ އިން ވަނީ އެމެރިކާ ސިފައިންގެ 82 ވަނަ އެއަރބޯން ޑިވިޜަންގެ 2،000 އެއްހާ ސިފައިން އެ ސަރަޙައްދަށް ފޮނުވަން އަމުރުކޮށްފައެވެ.
އެމެރިކާ ސިފައިން އެ ސަރަޙައްދަށް ފޮނުވާ މައްސަލައިގައި ގާލިބާފް ވިދާޅުވީ، ޖެނެރަލުން ހަލާކުކޮށްލާފައިވާ ކަންކަން އާދައިގެ ސިފައިންނަށް ރަނގަޅު ނުކުރެވޭނެ ކަމަށާއި، އޭގެ ބަދަލުގައި އެމީހުން ވާނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މޮޔަ ޚިޔާލުތަކުގެ ޝިކާރައަކަށް ކަމަށެވެ. އެމެރިކާއިން އިސްރާއީލާ ގުޅިގެން އީރާނަށް ހަމަލާދީފައިވަނީ ނަތަންޔާހޫ ކުރި މަސައްކަތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
“އަހަރެމެންގެ ބިން ދިފާއުކުރުމަށް އޮތް އަޒުމް އިމްތިހާނު ނުކުރާތި،” ގާލިބާފް ވިދާޅުވިއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވީ، އީރާނާ ދެކޮޅަށް ސަރަޙައްދީ ގައުމުތަކުގެ ބިން ބޭނުންކުރަން ފުރުސަތު ނުދޭނެކަމަށް ބުނުމަށްފަހު، ބައެއް ގައުމުތަކުން އެ ބަހާ ޚިލާފުވެފައިވާ ކަމަށެވެ. އަދި އެ ގައުމުތަކަށް ނޭނގި މިކަން ހިނގާފާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
“ސަރަޙައްދީ ގައުމުތަކަށް މަގޭ މެސެޖަކީ، އީރާނުގެ ބިމާއި ރައްޔިތުންނާ ދެކޮޅަށް އެމެރިކާއާއި ޒަޔަނިސްޓުން ހިންގާ މި އުދުވާނާ އެ ގައުމުތަކުން ދުރުވާންޖެހޭނެކަން، އަދި މި ހަނގުރާމައިން އެ ގައުމުތައް ވަކިވާންޖެހޭނެކަން،” އަރަގްޗީ ވިދާޅުވިއެވެ.


