ބޭރުދުނިޔެ

ލުބުނާނާއެކު ޞުލްޙައިގެ ވާހަކަތައް “ވީހާވެސް އަވަހަކަށް” ފެށުމަށް އިސްރާއީލުން ބޭނުންވޭ – ނަތަންޔާހޫ

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ލުބުނާނުގެ ސަރުކާރާއެކު ސީދާ މަޝްވަރާތައް ފެށުމަށް ބޭނުންވާކަން ބުރާސްފަތި ދުވަހު ހާމަކޮށްފިއެވެ. މިއީ ހަނގުރާމައިގެ ތެރޭގައި ދެވުނު އެންމެ ވަރުގަދަ ޙަމަލާތަކުގައި ލުބުނާނުން 300 އަށްވުރެ ގިނަ މީހުން މަރުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިވެގެން އެމެރިކާ އާއި އީރާނާ ދެމެދު ޤާއިމުކުރި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް ނުރައްކާވެފައިވާ ދަނޑިވަޅެއްގައެވެ.

ހަ ހަފުތާއަށް ދެމިގެންދިޔަ އީރާނުގެ ކުރިމަތިލުންތައް ހުއްޓާލުމުގެ އެއްބަސްވުން ޓްރަމްޕް އިޢުލާނުކުރެއްވީ އަންގާރަ ދުވަހުގެ ރޭގައެވެ. އެއީ އޭނާ ދެއްވި ސުންގަޑި ހަމަވުމުގެ މަދު ގަޑިއިރުތަކެއް ކުރިންނެވެ. ޓްރަމްޕް ވަނީ އެ ސުންގަޑި ހަމަވުމުގެ ކުރިން އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، އީރާނުގެ މުޅި ތަހުޒީބު ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

މި އެއްބަސްވުމާ ގުޅިގެން، އެމެރިކާ އާއި އީރާނުގެ މަންދޫބުންގެ މެދުގައި ބާއްވާ ފުރަތަމަ ބުރުގެ މަޝްވަރާތަކަށް ޕާކިސްތާނުގެ އިސްލާމްއާބާދުގައި ވަނީ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ތައްޔާރުވެފައެވެ.

ނަމަވެސް، ހޯރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައި އޮތް އޮތުމަށް އީރާނުން އެއްވެސް ލުޔެއް ދޭނެ ކަމުގެ ނިޝާނެއް އަދި ފެންނާކަށް ނެތެވެ. މީގެ ސަބަބުން ދުނިޔޭގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް ތާރީޚުގައި ނުފެންނަވަރުގެ ބޮޑު ހީނަރުކަމެއް ވަނީ އައިސްފައެވެ. އީރާނުން ބުނަމުންދަނީ މިކަމުގެ މައިގަނޑު ސަބަބަކީ އިސްރާއީލުން ލުބުނާނަށް ދެމުންދާ ޙަމަލާތައް ކަމަށެވެ.

ހަނގުރާމަ ހުއްޓާލި ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި، އެ ކަނޑުއޮޅިން ދަތުރުކުރީ ތެޔޮ އުފުލާ އެންމެ އުޅަނދަކާއި މުދާ އުފުލާ ފަސް ބޯޓެވެ. ހަނގުރާމައިގެ ކުރިން އެ ސަރަޙައްދުން ދުވާލަކު އެވްރެޖްކޮށް 140 އުޅަނދު ދަތުރުކުރެއެވެ. މިއީ ދުނިޔޭގައި ބޭނުންކުރާ ތެލާއި ގޭހުގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ހިއްސާކުރާ މަގެކެވެ.

މިދިޔަ މަހު ލުބުނާނުން ސީދާ މަޝްވަރާތަކަށް ހުށަހެޅި ތާރީޚީ ފުރުޞަތަށް ފުރަގަސްދިން ނަތަންޔާހޫގެ ސަރުކާރުން މިހާރު ބުނަނީ، ވީހާވެސް އަވަހަކަށް ޞުލްޙައިގެ ވާހަކަތައް ފެށުމަށް އިރުޝާދު ދީފައިވާ ކަމަށެވެ. މީގެ ތެރޭގައި އީރާނަށް ތާއީދުކުރާ ހިޒްބުالله ޖަމާޢަތުގެ ހަތިޔާރު އަތުލުމުގެ މައުޟޫޢުވެސް ހިމެނެއެވެ.

ނަތަންޔާހޫ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އިސްރާއީލާއެކު ސީދާ މަޝްވަރާތައް ފެށުމަށް ލުބުނާނުން ތަކުރާރުކޮށް އެދެމުންދާތީ، އެކަން ކުރިއަށް ގެންދިއުމަށް އިއްޔެ ކެބިނެޓަށް އަމުރުކުރައްވާފައިވާ ކަމަށެވެ. އަދި މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ހިޒްބުاللهގެ ހަތިޔާރު އަތުލުމާއި، ދެ ޤައުމުގެ މެދުގައި ސުލްޙަވެރި ގުޅުމެއް ޤާއިމުކުރުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަތަންޔާހޫގެ މި ބަޔާން ނެރުއްވުމުގެ އެއް ގަޑިއިރު ކުރިން، ލުބުނާނުގެ ރައީސް ޖޯސެފް އައުން ވިދާޅުވީ މި މައްސަލައިގައި ޑިޕްލޮމެޓިކް މަގެއް ބިނާކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށާއި، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެކަމަށް އުންމީދީ ނަޒަރަކުން ބަލަމުންދާ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close