ބޭރުދުނިޔެ

15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާނަން – ގްރީސްގެ ބޮޑުވަޒީރު

2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، އުމުރުން 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން ގްރީސްގައި މަނާކުރާނެކަމަށް އެ ގައުމުގެ ބޮޑުވަޒީރު ކީރިއާކޯސް މިޓްސޮޓާކިސް ބުދަ ދުވަހު އިއުލާނުކުރައްވައިފިއެވެ.

ބޮޑުވަޒީރު ޓިކްޓޮކްގައި އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ، “އަޅުގަނޑުމެން މިވަނީ އުނދަގޫ ނަމަވެސް ކޮންމެހެން ބޭނުންތެރި ފިޔަވަޅެއް އެޅުމަށް ނިންމާފައި. އެއީ 15 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރުން،” ކަމަށެވެ.

“މިފަދަ ފިޔަވަޅެއް އެޅި ދުނިޔޭގެ އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ގްރީސް ހިމެނޭނެ،” ބޮޑުވަޒީރު ވިދާޅުވިއެވެ. އަދި ވިލާތުގެ އިއްތިހާދުގެ އެހެން ގައުމުތަކުންވެސް މި މަގުން އަމަލުކުރުމަށް ބާރުއަޅުއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުން އިއުލާނުކުރެއްވުމަށް ސޯޝަލް މީޑިއާ ބޭނުންކުރެއްވީ ކުޑަކުދިންނާއި ފުރާވަރުގެ ކުދިންނާ ސީދާ މުހާތަބުކުރެއްވުމަށްކަން ފާހަގަކުރައްވައި މިޓްސޮޓާކިސް ވިދާޅުވީ، “މިކަމާ ގުޅިގެން ތިޔަ ކުދިންގެ ތެރެއިން ބައެއް ކުދިން ރުޅިއަންނާނެކަން އަޅުގަނޑަށް އެނގޭ. އަޅުގަނޑުމެންގެ މަގްސަދަކީ ތިޔަ ކުދިން ޓެކްނޮލޮޖީއާ ދުރުކުރުމެއް ނޫން. ނަމަވެސް، ކުދިންގެ ކުށްނެތް ސާފުކަމާއި މިނިވަންކަމަށް ގެއްލުންދޭ ބައެއް އެޕްލިކޭޝަންތަކަށް ދެވިހިފުން ހުއްޓުވުން،” ކަމަށެވެ.

އަދި ސައިންސްގެ ހޯދުންތަކުން މިކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށާއި، ކުޑަަކުއްޖަކު ގިނަ ވަގުތުތަކެއް ވަންދެން ސްކްރީންތަކަށް ބަލަން ހުރުމުން އެކުއްޖެއްގެ ސިކުނޑިއަށް އަރާމު ނުލިބޭކަންވެސް ބޮޑުވަޒީރު ފާހަގަކުރެއްވިއެވެ.

މިދިޔަ ޑިސެމްބަރު މަހު އޮސްޓްރޭލިއާއިން ވަނީ 16 އަހަރުން ދަށުގެ ކުދިންގެ އެކައުންޓްތައް އުވާލުމަށް ޓިކްޓޮކް، ޔޫޓިއުބް އަދި ސްނެޕްޗެޓް ފަދަ މާސިންގާ ސައިޓްތަކަށް އަންގައި، އެކަން ނުކޮށްފިނަމަ ބޮޑެތި ޖޫރިމަނާތަކެއް ކުރާނެ ކަމުގެ އިންޒާރު ދީފައެވެ. މިއީ މިފަދަ ފިޔަވަޅެއް އެޅި ދުނިޔޭގެ ފުރަތަމަ ގައުމެވެ.

އިންޑޮނޭޝިއާއިން ވެސް ވަނީ 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރާ ގާނޫނަށް މިދިޔަ މާޗް މަހުން ފެށިގެން އަމަލުކުރަން ފަށާފައެވެ. އަދި އެ ގާނޫނަށް އަމަލުނުކުރުމުގެ ސަބަބުން ގޫގުލް އަދި މެޓާ އަށް ވަނީ ކޯޓަށް ހާޒިރުވުމުގެ އަމުރު ފޮނުވާފައެވެ.

އޮސްޓްރިއާއިން މިދިޔަ މަހު އިއުލާނުކޮށްފައިވަނީ 14 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރުމަށް “މި ހޫނު މޫސުމުގެ ކުރީކޮޅު” އާ ގާނޫނެއް ހުށަހަޅާނެ ކަމަށެވެ. މީގެ އިތުރުން ސްޕެއިން އަދި ޑެންމާކުން ވެސް ވަނީ ސޯޝަލް މީޑިއާ ބޭނުންކުރެވޭނެ އެންމެ ހަގު އުމުރެއް ގާނޫނީގޮތުން ކަނޑައެޅުމަށް ގަސްދުކުރާކަން ހާމަކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close