އިޓަލީން އެޤައުމުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ހާޒިރުކޮށް އިހުތިޖާޖުކޮށްފި

ލުބުނާނުގައި ގާއިމުކޮށްފައިވާ އދ. ގެ ސުލްހަ ބަލަހައްޓާ ފައުޖުގައި ހިމެނޭ އިޓަލީގެ ގާފިލާއަކަށް އަމާޒުކޮށް އިސްރާއީލުން ހަމަލާދިނުމާ ގުޅިގެން، އިޓަލީން އެގައުމުގައި ހުންނަވާ އިސްރާއީލުގެ ސަފީރު ހާޒިރުކޮށް އިހުތިޖާޖުކޮށްފިއެވެ.
މި ހާދިސާއާ ގުޅިގެން އިޓަލީގެ ފޮރިން މިނިސްޓަރު އެންޓޯނިއޯ ތަޖާނީ ވިދާޅުވީ، އިޓަލީގެ ސިފައިންގެ ގަޔަށް އަތްލުމުގެ އެއްވެސް ބާރެއް އިސްރާއީލުގެ ސިފައިންނަށް ލިބިގެން ނުވާ ކަމަށާއި، މިކަމާ ގުޅޭ ފުރިހަމަ ތަފްސީލު ދިނުމަށް ސަފީރުގެ ކިބައިން އެދިފައިވާނެ ކަމަށެވެ.
ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވާ އދ. ގެ ވަގުތީ ފައުޖު (ޔުނިފިލް) އަކީ އިސްރާއީލާއި ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް މޮނިޓަރު ކުރުމަށް ގާއިމުކޮށްފައިވާ ފައުޖެކެވެ. މި ސަރަހައްދަކީ އިސްރާއީލު ސިފައިންނާއި ހިޒްބުالله އާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންދާ ސަރަހައްދެކެވެ.
“އިސްރާއީލުން ދިން އިންޒާރުގެ ހަމަލާތަކުގެ ސަބަބުން އަޅުގަނޑުމެންގެ އެއް އުޅަނދަށް ވަނީ ގެއްލުން ލިބިފައި. ނަސީބަކުން އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ،” އިޓަލީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ތަޖާނީ ވިދާޅުވިއެވެ.
އިޓަލީގެ ޑިފެންސް މިނިސްޓްރީން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ބުދަ ދުވަހު އިޓަލީގެ ލޮޖިސްޓިކް ގާފިލާއެއް ޝަމާ އިން ބެއިރޫތަށް ދަތުރުކުރަމުން ދަނިކޮށެވެ. ދަތުރު ފެށިތާ ގާތްގަނޑަކަށް 2 ކިލޯމީޓަރު ފަހުން އިސްރާއީލު ސިފައިން ވަނީ އިންޒާރުގެ ހަމަލާތަކެއް ދީފައެވެ. މިއާއެކު ގާފިލާ ވަނީ ދަތުރު ހުއްޓާލުމަށްފަހު އަނބުރާ ކޭމްޕަށް ގޮސްފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ މަހު ހިޒްބުالله އާއެކު ފެށުނު ހަމަނުޖެހުންތަކުގެ ތެރެއިން އިސްރާއީލުން ލުބުނާނަށް އެންމެ ވަރުގަދަ ހަމަލާތައް ދެމުންދާ ދަނޑިވަޅެއްގައެވެ.
އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ ވިދާޅުވީ، އދ. ގެ ދިދަ ޖަހާފައިވާ ގާފިލާތަކަށް ނުރައްކާވާ ފަދަ އަމަލުތައް ބަލައިނުގަނެވޭނެ ކަމަށެވެ. މިއީ ސުލްހަ ބަލަހައްޓާ ސިފައިންގެ ސަލާމަތާއި މުޅި މިޝަނުގެ އިތުބާރު ގެއްލިގެންދާ ފަދަ ސީރިއަސް ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މީގެ އިތުރުން، މިކަން ހިނގައިދިޔަ ގޮތް ސާފުކުރުމަށާއި، އިޓަލީގެ ސިފައިންނާއި ޔުނިފިލްގެ ހުރިހާ މުވައްޒަފުންގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އެޅުމަށް އދ. އިން އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކާއެކު ކުއްލި މަޝްވަރާތައް ކުރުމަށް ކްރޮސެޓޯ ވަނީ ގޮވާލައްވާފައެވެ.
ޔުނިފިލްގައި ގާތްގަނޑަކަށް 7,500 ސިފައިން ހަރަކާތްތެރިވާއިރު، އިޓަލީއަކީ މީގެ ތެރެއިން އެންމެ ގިނަ ސިފައިން ބައިވެރިވާ އެއް ގައުމެވެ. އެގައުމުގެ 750 އަށްވުރެ ގިނަ ސިފައިން މިހާރުވެސް ލުބުނާނުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.



