ބޭރުދުނިޔެ

ދެހަފުތާއަށް ހަމަލާ ހުއްޓައިފި – އިތުރު މަޝްވަރާތައް ހުކުރު ދުވަހު ފަށާނެ

އީރާނުން އެމެރިކާއާއެކު ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ. އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ހާމަކުރި ގޮތުގައި، އެ ގައުމުން ހުށަހެޅި 10 ނުކުތާގެ މައްޗަށް ބިނާކޮށް ކުރިއަށްގެންދާ މި މަޝްވަރާތައް މި އަންނަ ހުކުރު ދުވަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ފެށޭނެއެވެ.

ބުދަ ދުވަހު މި ބަޔާން ނެރެފައިވަނީ، އީރާނުގެ އިންޖީނުގެތަކަށާއި ފާލަންތަކަށް ހަމަލާދޭނެ ކަމަށް ބުނެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތައް އަނބުރާ ގެންދިއުމަށާއި، ދެ ހަފުތާގެ މުއްދަތަށް ހަމަލާދިނުން މެދުކަނޑާލުމަށް އެއްބަސްވެވަޑައިގަތުމާ ގުޅިގެންނެވެ.

ޓްރަމްޕް ވިދާޅުވި ގޮތުގައި މި އެއްބަސްވުން ދެމިއޮންނާނީ ހޯރްމޫޒް ކަނޑުއޮޅި އެއްކޮށް އަދި ރައްކާތެރިކަމާއެކު ވަގުތުން ހުޅުވާލުމަށް އީރާނުން އެއްބަސްވުމުންނެވެ. މި ކަނޑުއޮޅިއަކީ ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ، ގަލްފާއި އަރަބި ކަނޑު ގުޅުވައިދޭ އެންމެ މުހިންމު ކަނޑުގެ މަގެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކާ ގުޅިގެން އީރާނުން އެ ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް ބޮޑެތި ހުރަސްތަކެއް އެޅި، ތެލުގެ އަގު އުފުލި، މާލީ ބާޒާރުތަކަށް ނުތަނަވަސްކަން ވެރިވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތެލުގެ ދަތިކަން ވަނީ ކުރިމަތިވެފައެވެ. އީރާނުން ދެމުންދާ ބަދަލުހިފުމުގެ ހަމަލާތަކުގެ އަސަރު މުޅި ގަލްފު ސަރަހައްދަށް ފޯރާފައިވާއިރު، ލުބުނާނުގެ ހިޒްބުالله އާއި ޔަމަނުގެ ހޫޘީން ވެސް ވަނީ އިޒްރޭލަށް ހަމަލާތައް ދީ، މި ހަނގުރާމަ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ.

ޓްރަމްޕް އޭނާގެ ‘ޓްރުތް ސޯޝަލް’ ގައި ވިދާޅުވީ، އީރާނުން ހުށަހެޅި 10 ނުކުތާގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި، އެއީ މަޝްވަރާކޮށްގެން ކުރިއަށް ދެވިދާނެ ފަދަ ހުށަހެޅުމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދުގައި ހުރި ގިނަ ކަންތައްތަކަކަށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި އެއްބަސްވުން ފުރިހަމަކޮށް ނިންމާލެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، ނޭޝަނަލް ސެކިއުރިޓީ ކައުންސިލުގެ ފަރާތުން ވާހަކަދައްކަވަމުން، ހަމަލާދިނުން ހުއްޓާލުމަށް ނިންމާފައިވާކަން ކަށަވަރުކޮށްދެއްވިއެވެ. އޭނާ ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނަށް ދޭ ހަމަލާތައް ހުއްޓާލައިފިނަމަ، އެ ގައުމުގެ ވަރުގަދަ އަސްކަރިއްޔާއިން ދިފާއީ ހަމަލާތައް ދިނުން ހުއްޓާލާނެ ކަމަށެވެ. އަދި ހޯރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ފުރުސަތު އީރާނުގެ އަސްކަރިއްޔާއާ ގުޅިގެން ހަމަޖައްސައިދެވޭނެ ކަމަށާއި، މި ނިންމުން ނިންމީ އީރާނުގެ ހުށަހެޅުންތަކުގެ މައްޗަށް ބިނާކޮށް މަޝްވަރާ ކުރުމަށް ޓްރަމްޕް އެއްބަސްވެވަޑައިގަތުމުން ކަމަށް ވެސް އަރަގްޗީ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، ލުބުނާނާއި އެހެނިހެން ސަރަހައްދުތައް ހިމެނޭހެން ހުރިހާ ތަނެއްގައި ވެސް ވަގުތުން ހަމަލާބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. މިއީ ވަގުތުން އަމަލުކުރަން ފަށާނެ ނިންމުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. ޝަރީފް ވަނީ އެމެރިކާއާއި އީރާނަށް ޝުކުރު އަދާކުރައްވައި، 10 އޭޕްރިލް 2026 ވާ ހުކުރު ދުވަހު އިސްލާމްއާބާދަށް ވަޑައިގަތުމަށް ދެ ގައުމުގެ ވަފުދުތަކަށް ދައުވަތު އަރުވާފައެވެ. މިއީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަޝްވަރާތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ބުނާ ގޮތުގައި، އެ ގައުމުގެ 10 ނުކުތާގެ ހުށަހެޅުމުގައި ހޯރްމޫޒް ކަނޑުއޮޅީގެ ފުރިހަމަ ބާރާއި ބެލެހެއްޓުން އީރާނަށް އޮންނަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މީގެ ސަބަބުން އީރާނަށް އިގްތިސާދީ އަދި ޖިއޯޕޮލިޓިކަލް ގޮތުން ހާއްސަ މަގާމެއް ލިބިގެންދާނެ ކަމަށް އެ ކައުންސިލުން ފާހަގަކުރެއެވެ.

މީގެ އިތުރުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ ހުރިހާ އަސްކަރީ މަރުކަޒުތަކުން ސިފައިން ބޭލުމަށާއި، ސަރަހައްދީ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް ހިންގާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް ވެސް މި ހުށަހެޅުމުގައި ގޮވާލާފައިވެއެވެ. އަދި ހަނގުރާމައިގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ބަދަލު ފުރިހަމައަށް ދިނުމަށާއި، އެމެރިކާއާއި އދ. ގެ ސަލާމަތީ މަޖިލީހުގެ އިތުރުން ބައިނަލްއަގުވާމީ އެޓޮމިކް ހަކަތައާ ބެހޭ އެޖެންސީން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށް ވެސް ވަނީ އެދިފައެވެ.

މި ހުށަހެޅުމުގައި އިތުރަށް ހިމެނެނީ، ބޭރު ގައުމުތަކުގައި ހުރި އީރާނުގެ ހިފަހައްޓާފައިވާ ފައިސާތައް ދޫކޮށްލުމަށާއި، އެންމެ ފަހުން އެކުލަވައިލެވޭ އެއްބަސްވުމަކީ އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރަކުން ބާރުދޭ، އަމަލުކުރުން ލާޒިމު އެއްބަސްވުމަކަށް ހެދުމެވެ.

އީރާނުގެ ކައުންސިލުން އިތުރަށް ބުނެފައިވަނީ، މަޝްވަރާތަކަށް އެއްބަސްވި ނަމަވެސް، އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތް ކަމަށެވެ. އަދި މި މަޝްވަރާތަކަށް ދެ ހަފުތާގެ މުއްދަތެއް ދީފައިވީ ނަމަވެސް، ދެ ފަރާތުން އެއްބަސްވާނަމަ އެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އީރާނުން ވަނީ ދުޝްމަނުންގެ ފަރާތުން ކުޑަވެސް ކުށެއް ފެނިއްޖެނަމަ، މުޅި ބާރުގެ ބޭނުންކޮށްގެން ރައްދު ދިނުމަށް ތައްޔާރަށް އޮތް ކަމަށް ބުނެ އިންޒާރު ދީފައެވެ.

މިކަމާ ގުޅޭގޮތުން އިޒްރޭލުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close