ވޭމަންޑޫ ބިން ހިއްކުމުގެ މަސައްކަތް 23 ދުވަހުގެ ތެރޭގައި ނިންމާލައިފި

ތ. ވޭމަންޑޫގެ ބިން ހިއްކުމުގެ ބިޔަ މަޝްރޫއު އެންމެ 23 ދުވަހުގެ ތެރޭގައި ކާމިޔާބުކަމާއެކު ނިންމާލާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މިދިޔަ މާޗް 12 ގައި ފެށި މި މަސައްކަތް މި މަހުގެ 4 ވަނަ ދުވަހަށް ވަނީ އެއްކޮށް ނިންމާލާފައެވެ.
މި މަޝްރޫއު ކުރިއަށް ގެންގޮސްފައިވަނީ އެމްޓީސީސީގެ “ފިލިޕޯ ބްރޫނެލެޝީ” ޑްރެޖަރު ބޭނުންކޮށްގެންނެވެ. މި މަސައްކަތުގެ ދަށުން ވޭމަންޑޫ ފަޅުން ޖުމުލަ 27 ހެކްޓަރުގެ ބިން (882,693 ސީބީއެމްގެ ވެލި) ވަނީ ހިއްކާފައެވެ. މިއީ އެ ރަށުގެ ބިމުގެ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެއްކަމަށް ސަރުކާރުން ވިދާޅުވިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި މި ލަނޑުދަނޑިއަކީ ރާއްޖޭގެ އުމްރާނީ އަދި ސަރަހައްދީ ތަރައްގީއަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ދެން ކުރިއަށްދާނީ ބަނދަރު ތަރައްގީކުރުމާއި ހިއްކި ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތްކަމަށް ވެސް އެމްޓީސީސީން ބުންޏެވެ.

