ޚަބަރު

މިފްކޯއިން މަސްދަޅު ވިއްކާ އަގު ބޮޑުކޮށްފި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ މަސްދަޅުގެ އަގުތަކަށް މިއަދުން ފެށިގެން ބަދަލު ގެނެސް، އަގުތައް އުފުލައިފިއެވެ.

މި ބަދަލާއެކު ކުރިން 17.50 ރުފިޔާއަށް ވިއްކި ތެޔޮ މަސްދަޅެއްގެ އަގަށް އެއް ރުފިޔާ އިތުރުވެ، މިހާރު ވިއްކާނީ 18.50 ރުފިޔާއަށެވެ. އަދި ތެޔޮ މަސްދަޅު ކޭހެއްގެ އަގު މިހާރު ވަނީ 800 ރުފިޔާއަށް ބޮޑުވެފައެވެ.

މިފްކޯއިން ބުނި ގޮތުގައި މަސްދަޅުގެ އަގު ބޮޑުކުރަން މަޖުބޫރުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެންނެވެ. އެގޮތުން ކުރިން 11.57 ރުފިޔާއަށް މިފްކޯއަށް ލިބެމުންދިޔަ ތެޔޮ ލީޓަރެއްގެ އަގު މިހާރު ވަނީ 14.32 ރުފިޔާއަށް އުފުލިފައެވެ. ތެލުގެ އަގަށް އައި މި ބަދަލާއެކު، މަސްދަޅު އުފެއްދުމަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.

ދުނިޔޭގެ އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު އުފެއްދުންތެރިކަމުގެ ޚަރަދު ބޮޑުވި ނަމަވެސް، މިފްކޯގެ އަމާޒަކީ ރައްޔިތުންނަށް ކުރާނެ އަސަރު ކުޑަކުރުން ކަމަށް އެ ކުންފުނިން ބުނެއެވެ. އެގޮތުން ތެލުގެ އަގަށް އައި ބޮޑު ބަދަލާ އަޅާބަލާއިރު، މަސްދަޅަކުން ބޮޑުކުރީ އެންމެ ރުފިޔާއެއް ކަމަށާއި، މިއީ ކުންފުނީގެ އުފެއްދުންތެރިކަމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށްޓަކައި މިވަގުތު ގެންނަން ޖެހުނު އެންމެ ކުޑަ ބަދަލު ކަމަށްވެސް އެ ކުންފުނިން ހާމަކުރެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close