ޚަބަރު

އިންތިޚާބުގެ ނަތީޖާ އަށް އިޙްތިރާމް ކުރަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ކަންކަން އިސްލާޙުކުރާނަން: ރައީސް

މިއަދު ބޭއްވި އިންތިޚާބުތަކުގެ ނަތީޖާ ގަބޫލުފުޅުކުރައްވައި، ރައްޔިތުން އެދޭ ގޮތަށް ސަރުކާރުގެ ކަންކަން ރަނގަޅުކޮށް އިސްލާޙުކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިލެކްޝަންގެ އިތުރުން، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓުގެ ވަގުތީ ނަތީޖާއާ ގުޅިގެން ‘އެކްސް’ ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ރައްޔިތުންގެ ނިންމުމަށް ފުރިހަމައަށް އިޙުތިރާމްކުރައްވާ ކަމަށެވެ. އަދި މި އިންތިޚާބުތަކުގައި ކާމިޔާބީ ހޯދި ހުރިހާ ކެންޑިޑޭޓުންނަށް އެމަނިކުފާނު ވަނީ މަރުޙަބާއާއި ތަހުނިޔާ ވިދާޅުވެފައެވެ.

ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ސަރުކާރުގެ ފަރާތުން ރަނގަޅުކުރަން ހުރި ކަންކަން ދެނެގަނެ، އެކަންކަން އިސްލާޙުކުރުމުގެ މަސައްކަތް މާތްﷲގެ މަދަދާއެކު ރައްޔިތުންގެ ވިންދާ އެއްގޮތަށް ކުރިއަށް ގެންދަވާނެއެވެ. އަދި އެކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އެމަނިކުފާނު އެރުވިއެވެ.

މިއަދުގެ އިންތިޚާބުތަކަށް ބަލާއިރު، އިދިކޮޅު އެމްޑީޕީން ވަނީ އިންތިޚާބުގައި ވާދަކުރި ބޮޑެތި ސިޓީތަކުގެ ގޮނޑިތައް ކާމިޔާބުކޮށް، ކުރިއެރުންތަކެއް ހޯދާފައެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގައި، ސަރުކާރުން ކެމްޕޭނުކުރި ގޮތާ ޚިލާފަށް، ގިނަ ރައްޔިތުން ނިންމާފައިވަނީ އެ ދެ އިންތިޚާބު އެއްކޮށް ބާއްވަން ނުފެންނަ ކަމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close