މާލޭ ގެއަކުން މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބު ދެނެގަތުމަށް އޮޓޮޕްސީ ހަދަނީ

މާލޭގެ ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު ފިރިހެނެއްގެ މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި، އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ މަގުގައި ހުރި ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ މެންދުރުފަހު 13:10 ހާއިރު ކަމަށެވެ. އަދި އެ މީހާގެ ހަށިގަނޑު ފެނުނުއިރު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުން، މަރުގެ ހަގީގީ ސަބަބު ކަށަވަރު ކުރެވޭނީ ފޮރެންސިކް ތަހުލީލުތަކެއް ކޮށްގެން ކަމަށް ތަހުގީގަށް ގަބޫލުކުރެވޭ ކަމަށް ފުލުހުން ބުންޏެވެ. އެހެންކަމުން އޮޓޮޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.
މިހާތަނަށް ކުރި ތަހުގީގުން އެނގިފައިވާ ގޮތުގައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތެވެ. ނަމަވެސް މަރުގެ ހާދިސާ ހިނގި ތަނުން ލިބިފައިވާ މައުލޫމާތުތަކަށް ރިއާޔަތްކޮށް، ފުލުހުން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.
މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްދާ ވަރަކުން އާ މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.


