ރަޝިއާގެ ތެޔޮ ޓޭންކަރެއް ކިއުބާއަށް، އެހީތެރިވުމުގައި ދެމި އޮންނާނަން – ރަޝިއާ

ރަޝިއާގެ ތެޔޮ ޓޭންކަރެއް ކިއުބާއަށް ބަނދަރުކުރުމާ ގުޅިގެން، އެގައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމަށް ރަޝިއާއިން ބުނެފިއެވެ.
ތިން މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ރަޝިއާގެ ދިދަ ޖަހާފައިވާ ތެޔޮ އުފުލާ ބޯޓަކުން ކިއުބާއަށް ސާފުނުކުރާ ތެޔޮ ފޯރުކޮށްދިނުމާ ގުޅިގެން، ރަޝިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާރިއާ ޒަޚަރޯވާ ބުދަ ދުވަހު ވިދާޅުވީ، ކިއުބާއަކީ ކެރީބިއަން ސަރަހައްދުގައި ރަޝިއާގެ އެންމެ ގާތް އެކުވެރިޔާ އަދި ބައިވެރިޔާ ކަމަށެވެ. އަދި އެގައުމު އެކަނިވެރިކޮށްލުމުގެ ހައްގު ރަޝިއާއަށް ލިބިގެން ނުވާކަމަށާއި، ކިއުބާއަށް ދެމުންގެންދާ އެހީތެރިކަން ކުރިއަށްދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ޒަޚަރޯވާ ވަނީ ކިއުބާއާއެކު ރަޝިއާ ސާބިތުކަމާއެކު އޮތްކަން ހާމަކުރައްވައި، މިނިވަން މުސްތަގިއްލު ދައުލަތަކާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ގޮވާލައްވާފައެވެ.
ރަޝިއާގެ މި ނިންމުން އައިސްފައިވަނީ، އެމެރިކާގެ ހަކަތައާ ގުޅޭ ދަތިކުރުމުގެ ފިޔަވަޅުތައް ދެމިއޮތް ނަމަވެސް، ރަޝިއާގެ ތެޔޮ ބޯޓެއް ކަމަށްވާ “އަނަޓޯލީ ކޮލޮޑްކިން” އަށް ދަތުރުކުރުމުގެ ހުއްދަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދިނުމާ ގުޅިގެންނެވެ. ތިން ހަފުތާގެ ދަތުރަކަށްފަހު މި ބޯޓު ކިއުބާގެ އެންމެ ބޮޑު ތެޔޮ ބަނދަރު ކަމަށްވާ މަޓަންޒަސް ބޭއަށް ވަދެފައިވަނީ 730،000 ފީފާގެ ތެލާއެކުގައެވެ.
ކިއުބާގެ ގާތް ބައިވެރިއެއް ކަމަށްވާ ވެނެޒުއޭލާގެ ރައީސް ނިކޮލަސް މަދޫރޯ މަގާމުން ދުރުކުރުމާ ގުޅިގެން، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ކިއުބާއަށް ވަނީ ހަކަތައިގެ ބޮޑު ދަތިކަމަކާ ކުރިމަތިލާން ޖެހިފައެވެ. މީގެ ސަބަބުން ކިއުބާއަށް ތެޔޮ ފޯރުކޮށްދޭ މައިގަނޑު މަސްދަރެއް ވަނީ ބަންދުވެފައެވެ.
މި ހަކަތައިގެ ދަތިކަމުގެ ސަބަބުން 10 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ކިއުބާގެ އެކި ހިސާބުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަ ކުރިމަތިވެ، ހޮސްޕިޓަލްތަކާއި، އާންމު ދަތުރުފަތުރާއި، ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ވަނީ ހުއްޓުމަކާ ގާތަށް ގޮސްފައެވެ.
މި ބޯޓު ކިއުބާއަށް ބަނދަރުކުރުމާ ގުޅިގެން އެގައުމުގެ ހަކަތައާއި މައުދަނާ ބެހޭ ވަޒީރު ވިސެންޓޭ ޑެލާ އޯ ލެވީ ހިމެނޭހެން ގިނަ ބަޔަކު ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
ވަޒީރު ލެވީ ސޯޝަލް މީޑިއާގައި ވިދާޅުވި ގޮތުގައި، މި ދަތި ދަނޑިވަޅުގައި ރަޝިއާގެ ސަރުކާރާއި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްޓަކައި ނުހަނު ޝުކުރުވެރިވާ ކަމަށެވެ. އަދި މިއީ ގައުމަށް ކުރިމަތިވެފައިވާ ހަކަތައިގެ މައްސަލައަށް ލިބުނު ވަރަށް މުހިންމު އެހީއެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

