ޚަބަރު

ބީއެމްއެލްއިން ހުޅުމާލޭގައި ބިނާކުރާ އިތުރު 364 ހައުސިންގ ޔުނިޓުގެ ބިންގާ އަޅައިފި

ބޭންކް އޮފް މޯލްޑިވްސްގެ ސަބްސިޑިއަރީ ކުންފުނި، ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގް އިން ހުޅުމާލޭގައި އިމާރާތްކުރާ އިތުރު 364 ހައުސިންގ ޔުނިޓުގެ ބިންގާ މިރޭ އަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވި މި ރަސްމިއްޔާތުގައި، ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ އިސްވެރިންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރު އަމީން ކޮންސްޓްރަކްޝަންގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން ބިނާކުރަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާޓްމަންޓުތައް ހިމެނޭ 2 ޓަވަރެވެ. މިއީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ “އިންކްލޫސިވް ނޭޝަނަލް އެފޯޑަބަލް ހައުސިންގ” ސިޔާސަތުގެ ދަށުން ބީއެމްއެލްއިން ފެށި މުހިންމު މަސައްކަތެކެވެ. މި މަޝްރޫޢުގެ ދަށުން ފެންވަރު ރަނގަޅު، އަގުހެޔޮ ބޯހިޔާވަހިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އަމާޒު ހިފާފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ބީއެމްއެލްގެ މި ބިޔަ މަޝްރޫޢުގެ ދަށުން ހުޅުމާލެއާއި ވިލިމާލޭގައި ޖުމުލަ 3,260 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ވިލިމާލޭގައި ބިނާކުރާ 300 ޔުނިޓާއި، ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 3 ގައި ބިނާކުރާ 2,960 ޔުނިޓް ހިމެނެއެވެ. ރާއްޖެއާއި ބޭރުގެ ކުންފުނިތައް ގުޅިގެން ކުރިއަށްގެންދާ މި ހުރިހާ ޔުނިޓުތަކުގެ އަމަލީ މަސައްކަތް މިހާރު ފެށިފައިވާއިރު، 2028 ވަނަ އަހަރުގެ މެދުތެރޭގައި މި މަޝްރޫޢު އެއްކޮށް ނިންމައިލެވޭނެ ކަމަށް ބޭންކުން މަޢުލޫމާތުދެއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close