ބޭރުދުނިޔެ

އީރާނުން ފޮނުވާލި މިސައިލެއް ނޭޓޯގެ ދިފާއީ ނިޒާމުން ވައްޓާލާފައިވާ ކަމަށް ތުރުކީން ބުނެފި

އީރާނުން ފޮނުވާލި ބެލިސްޓިކް މިސައިލެއް ހޯމަ ދުވަހު ތުރުކީގެ ވައިގެ ސަރަހައްދަށް ވަނުމުން، ނޭޓޯގެ ދިފާއީ ނިޒާމުތަކުން އެ މިސައިލް ވައްޓާލާފައިވާ ކަމަށް ތުރުކީ ސަރުކާރުން ހާމަކޮށްފިއެވެ. މިއީ އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ފެށުނު ފަހުން މިފަދަ ހާދިސާއެއް ރިޕޯޓްކުރި ހަތަރުވަނަ ފަހަރެވެ.

މި ހާދިސާއާ ގުޅިގެން ތެހެރާނުން ވަގުތުން ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް، އަވަށްޓެރި ތުރުކީއަށް އަމާޒުކޮށް ހަމަލާދޭ ކަމަށް ކުރެވޭ ތުހުމަތުތައް އީރާނުން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ. އަދި މީގެ ކުރިން ނޭޓޯއިން ވައްޓާލި ތިން މިސައިލް ހަމަލާއާ އީރާނާ އެއްވެސް ގުޅުމެއް ނެތް ކަމަށްވެސް އެ ގައުމުން ވަނީ ބުނެފައެވެ.

ނޭޓޯގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، އިއްތިހާދުގެ މެންބަރު ގައުމެއް ކަމަށްވާ ތުރުކީއަށް އަމާޒުކޮށް އީރާނުން ފޮނުވާލި މިސައިލެއް ވަނީ ހުއްޓުވާފައެވެ. އަދި މިފަދަ ނުރައްކާތަކަށް ނޭޓޯ އޮތީ ތައްޔާރަށް ކަމަށާއި، އިއްތިހާދުގެ މެންބަރުން ދިފާއުކުރުމަށް ކުރަންޖެހޭ ކޮންމެ ކަމެއް އަބަދުވެސް ކުރާނެ ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ހަނގުރާމަ ފެށުނު ފަހުން، އީރާނުން ވަނީ މެދުއިރުމަތީގެ އެކި ގައުމުތަކަށް އަމާޒުކޮށް މިސައިލް ހަމަލާތައް ދީފައެވެ. މީގެ ތެރޭގައި ތެޔޮ އުފައްދާ މަރުކަޒުތަކާއި އެމެރިކާ ސިފައިން ތިބޭ އަސްކަރީ މަރުކަޒުތައް ހިމެނެއެވެ.

ހޯމަ ދުވަހު ވައްޓާލި މިސައިލަކީ ކޮން ތަނަކަށް އަމާޒުކޮށް ފޮނުވާލި އެއްޗެއް ކަމެއް ތުރުކީގެ ދިފާއީ ވުޒާރާއަކުން ހާމައެއް ނުކުރެއެވެ.

ތުރުކީގެ ދެކުނުގައި އޮންނަ އަދަނާ ޕްރޮވިންސްގެ އިންސިރްލިކް އެއާބޭސްގައި ތުރުކީގެ އިތުރުން އެމެރިކާ، ޕޮލެންޑް އަދި ގަތަރުގެ ސިފައިން ހަރަކާތްތެރިވެއެވެ. މީގެ އިތުރުން ތުރުކީގެ އިރުދެކުނު މަލަޓްޔާ ޕްރޮވިންސްގައި ހުންނަ ނޭޓޯގެ ކުރެޖިކް ރާޑަރު ސްޓޭޝަނުގައިވެސް އެމެރިކާ ސިފައިން ތިބެއެވެ. އެ ސަރަހައްދުގައި ނޭޓޯއިން ވަނީ ދާދި ފަހުން ޕެޓްރިއަޓް މިސައިލް ޑިފެންސް ސިސްޓަމެއްވެސް ގާއިމުކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން، ތުރުކީގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ސެލްޖޫކް ބައިރަކްތަރޯގްލޫ ވަނީ ނޭޓޯގެ މިލިޓަރީ ކޮމިޓީގެ މުގައްރިރު އެޑްމިރަލް ޖިއުސެއްޕެ ކާވޯ ޑްރަގޯނޭއާ އެކު ވީޑިއޯ ކޮންފަރެންސެއް މެދުވެރިކޮށް މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުވުމުގައި ސަރަހައްދީ ދިފާއީ އަދި ސަލާމަތީ ކަންކަމާ ގުޅޭގޮތުން ވާހަކަދެކެވުނު ކަމަށް ތުރުކީގެ ދިފާއީ ވުޒާރާއިން ބުނެއެވެ.

ދިފާއީ ވުޒާރާއިން އިތުރަށް ބުނެފައިވަނީ ތުރުކީގެ ސަރަހައްދަށާއި ވައިގެ ސަރަހައްދަށް ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ދެކޮޅަށް އެއްވެސް ފަސްޖެހުމެއް ނެތި، ވަރުގަދަ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.

މި ހާދިސާ ހިނގާފައި މިވަނީ ހަނގުރާމަ ހުއްޓުވުމަށާއި، ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމާ ގުޅޭގޮތުން ތުރުކީ، ޕާކިސްތާން، މިސްރު އަދި ސައުދީ އަރަބިއްޔާގެ އިސް ޑިޕްލޮމޭޓުން އިސްލާމްއާބާދުގައި ބައްދަލުކުރެއްވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.

މިދިޔަ މަހު ހަނގުރާމަ ފެށުމުގެ ކުރިންވެސް، އީރާނާއި އެމެރިކާއާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމަށް ތުރުކީން މަސައްކަތް ކޮށްފައިވެއެވެ. އަންކާރާއިން ދަނީ ތަކުރާރުކޮށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންނެވެ. އެގޮތުން އެމެރިކާ އާއި އިސްރާއީލުން ދޭ ހަމަލާތަކަކީ ޣައިރު ގާނޫނީ ހަމަލާތަކެއްގެ ގޮތުގައި ސިފަކޮށް ފާޑުކިޔާފައިވާއިރު، އީރާނުން ސަރަހައްދީ ގައުމުތަކަށް ދޭ ހަމަލާތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް ތުރުކީން ވަނީ ބުނެފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close