ބޭރުދުނިޔެ

ވޯލްޑް ކަޕް ބާއްވަނީ އެމެރިކާގައި އިންސާނީ ޙައްޤުތަކުގެ ބޮޑު ކާރިސާއެއް އޮއްވާ – އެމެނެސްޓީ

އެމްނެސްޓީ އިންޓަނޭޝަނަލުން ހާމަކުރި ގޮތުގައި، ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕް ބާއްވަނީ އެމެރިކާގައި އިންސާނީ ހައްގުތަކުގެ ބޮޑު ކާރިސާއެއް އޮތް ދަނޑިވަޅެއްގައެވެ. މީގެ ސަބަބުން މުބާރާތް ބަލަންދާ ސަޕޯޓަރުންނާއި، އެ ގައުމުގެ ރައްޔިތުންނާއި، އަދި މުބާރާތުގެ މަސައްކަތްތަކުގައި އުޅޭ މީހުންނަށް ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް އެ ޖަމާއަތުން އިންޒާރު ދެއެވެ.

ކެނެޑާ، މެކްސިކޯ އަދި އެމެރިކާގައި ހަ ހަފުތާގެ މުއްދަތަށް ކުރިއަށްދާ މި މުބާރާތް ބަލަންދާނެ މިލިއަނުން ގުނާލެވޭ ސަޕޯޓަރުންނަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ ތަފުސީލު އެމްނެސްޓީން ވަނީ ހޯމަ ދުވަހު ނެރުނު ރިޕޯޓެއްގައި ހިމަނާފައެވެ. އެމްނެސްޓީން ފާހަގަކުރި ގޮތުގައި، މުބާރާތުގެ ހަތަރުބައިކުޅަ ތިންބައި މެޗުތައް ކުޅުމަށް ހަމަޖެހިފައިވާ އެމެރިކާގައި މިހާރު އޮތީ “އިންސާނީ ހައްގުތަކުގެ ކުއްލި ހާލަތެއް” ކަމަށާއި، އެ ގައުމުން ފެންނަމުންދަނީ ހުދުމުޚުތާރު އުސޫލުތަކެއް ކަމަށެވެ.

މުބާރާތް ފެށުމުގެ 10 ހަފުތާ ކުރިން ނެރުނު މި ރިޕޯޓުގައި، އިމިގްރޭޝަންގެ ހަރުކަށި ފިޔަވަޅުތަކާއި، މުޒާހަރާ ކުރުން ހަނިކުރުމާއި، އަދި އެމެރިކާގެ ތަންފީޒީ އިދާރާތަކުގެ އަތުން މީހުން މަރުވަމުންދާ މައްސަލަތަކަށް އަލިއަޅުވާލާފައިވެއެވެ. މިގޮތުން، އެމެރިކާގެ އިމިގްރޭޝަން ސިޔާސަތުތަކުގެ ދަށުން ހަތިޔާރު އެޅި އޮފިސަރުން ގެތަކަށް ވަދެ، ކުޑަކުދިން ހައްޔަރުކޮށް، އެތައް ލައްކަ ބަޔަކު ގައުމުން ބޭރުކުރަމުންދާކަން ފާހަގަކޮށްފައިވެއެވެ.

ފީފާއިން މި މުބާރާތަކީ “މެދުމިނުގެ ނުރައްކަލެއް” އޮތް މުބާރާތެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، މިއީ އަނިޔާވެރިކަމާއި ހުދުމުޚުތާރު އަމަލުތައް ދައްކާލުމަށް ލިބޭ ފުރުސަތަކަށް ވެދާނެ ކަމަށް އެމްނެސްޓީން ބުނެއެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ މިހާތަނަށް އެމެރިކާގެ އިމިގްރޭޝަން އެންޑް ކަސްޓަމްސް އެންފޯސްމަންޓް (އައި.ސީ.އީ) ގެ ބެލުމުގެ ދަށުގައި ތިބި ހަ މީހަކު މަރުވެފައިވާއިރު، އިތުރު މީހަކު ވަނީ އޮފް-ޑިއުޓީގައި ހުރި އޮފިސަރެއްގެ ބަޑީގެ ހަމަލާއެއްގައި މަރުވެފައެވެ. އަދި މިދިޔަ އަހަރު އެކަނިވެސް އެ އިދާރާގެ ބެލުމުގެ ދަށުގައި ތިބި 32 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވީ ސިއްހީ ސަބަބުތަކާ ހުރެ ކަމަށް ބުންޏަސް، މަރުވި ބައެއް މީހުންގެ އާއިލާތަކުން ވަނީ އެ މީހުންނަށް އަނިޔާކޮށް، ބޭސްފަރުވާގެ ކަންކަމުގައި އިހުމާލުވެފައިވާ ކަމަށް ތުހުމަތުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close