ބޭރުދުނިޔެ

އިސްރާއީލުން ގުދުސްގައި ހުރި ފަލަސްތީނުގެ 4 ގެއެއް ތަޅާލައިފި

ލަންޑަން: މަސްޖިދުލް އަޤްޞާގެ ދެކުނުން އޮންނަ ސިލްވާން ސަރަޙައްދުގައި ދިރިއުޅޭ ފަލަސްތީނުގެ ބައެއް އާއިލާތައް މިދިޔަ ހަފުތާގައި އެ ސަރަޙައްދުން ބޭރުކުރުމަށްފަހު، އެ މީހުންގެ ހަތަރު ގެއެއް އިސްރާއީލުން ހޯމަ ދުވަހު ތަޅާލައިފިއެވެ.

ފަލަސްތީނުގެ ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ ސިފައިން ހަތިޔާރު އެޅި އުޅަނދުތަކާއި ބޮޑެތި މެޝިނަރީތަކާއެކު އަލްބުސްތާން އަވަށަށް ވަދެ، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އަވަދު، އަބޫ ޝާފިޢު އަދި ރުވައިދީ އާއިލާގެ މުދާތައް ވަނީ ސުންނާފަތިކޮށްލާފައެވެ.

ގުދުސްގެ ގަވަރުނަރޭޓުން ހާމަކޮށްފައިވާ ގޮތުގައި، ހަމައެކަނި ފެބްރުއަރީ މަހުގެ ތެރޭގައި ވެސް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެ ސިޓީގައި ގެދޮރު ތަޅާލުމާއި ބިންތައް ސާފުކުރުމުގެ 49 އޮޕަރޭޝަނެއް ހިންގާފައިވެއެވެ. މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އިރުމަތީ ގުދުސްގެ ފާރުތަކާ ކައިރީގައި އޮންނަ ސިލްވާން، އަލްބުސްތާން އަދި ބަޠުނުލް ހަވާ އަވަށުގެ މީހުންނަށެވެ.

1948 ވަނަ އަހަރު އިސްރާއީލު އުފެދުމުގެ ކުރިން ޔަހޫދީންގެ މިލްކިއްޔާތުގައި ހުރި ތަންތަން ކަމަށް ބުނެ، އެ ތަންތަން އަނބުރާ ހޯދުމުގެ ފުރުސަތު ދޭ އިސްރާއީލުގެ ސިޔާސަތުގެ ދަށުން، 2،200 އަށްވުރެ ގިނަ ފަލަސްތީނު މީހުން ގެދޮރުން ބޭރުކޮށްލުމުގެ ބިރު ވަނީ ކުރިމަތިވެފައެވެ.

މި އަމަލުތައް ހިންގަމުން މިދަނީ 50،000 އެއްހާ ފަލަސްތީނު މީހުން ދިރިއުޅޭ ސިލްވާން ސަރަޙައްދުގައި “ސިޓީ އޮފް ޑޭވިޑް” ގެ ނަމުގައި ބިމުގެ އަޑީގެ އާސާރީ އަދި ފަތުރުވެރިކަމުގެ މަރުކަޒެއް އިސްރާއީލުން ތަރައްޤީ ކުރަމުންދާ ދަނޑިވަޅެއްގައެވެ. މި މަޝްރޫޢު ހިންގަނީ 1986 ވަނަ އަހަރު އުފެއްދި “އިރު ދާވޫދު ފައުންޑޭޝަން” ނުވަތަ “އެލާދު” ކިޔާ ޔަހޫދީ ވަޒަންވެރިންގެ ޖަމުޢިއްޔާއަކުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close