ޚަބަރު

މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ މީހުން ޖޫރިމަނާކޮށް ފިޔަވަޅު އެޅޭގޮތް ހަދަނީ

ރަށްރަށުގެ މޫދަށާއި ގޮނޑުދޮށަށް ކުނިއަޅާ ފަރާތްތައް ޖޫރިމަނާކޮށް، އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށްޓަކައި ހާއްސަ ގަވައިދެއް އެކުލަވާލަމުންދާ ކަމަށް އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިފަދަ ގަވައިދެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ އާންމުން ހޭލުންތެރިކުރުވުން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ކުނި އެޅުމަށް ކަނޑައަޅާފައިވާ ތަންތަން ނޫން އެހެން ތަންތަނަށް ކުނިއެޅުމާއި، ގޮނޑުދޮށަށާއި މޫދަށް ކުނިއެޅުމުގެ މައްސަލަތައް އަދިވެސް މަދުން ނަމަވެސް ފާހަގަވަމުންދެއެވެ. އެހެންކަމުން، އާ ގަވައިދުގެ ދަށުން އެފަދަ އަމަލުތައް ކުރާ ފަރާތްތައް ޒިންމާދާރުކުރުވައި، ކޮންމެހެން ކުރަންޖެހޭ ހާލަތްތަކުގައި ޖޫރިމަނާވެސް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ ތިމާވެއްޓަކީ ގައުމުގެ އިގްތިޞާދާވެސް ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވާތީ، ތިމާވެށި ހިމާޔަތްކުރުމަށްޓަކައި މިކަންކަން ހަރުކަށިކޮށް ބަލަހައްޓަން ޖެހޭ ކަމަށް މިނިސްޓަރު ތޯރިގު ވިދާޅުވިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި ފިޔަވަޅުތަކަކީ ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close