އާ މާކެޓްތައް ހޯދުމަށްކުރާ މަސައްކަތުގެ ކާމިޔާބީ ފެންނަން ފަށައިފި: ވަޒީރު ސަޢީދު

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިތުރު މާކެޓްތަކާއި މަގުތައް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުން ކާމިޔާބީ ފެންނަމުންދާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ކުރިމަތިވެދާނެ ދަތިތަކަށް ހައްލު ހޯދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ވަޒީރުންގެ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި އެހެނިހެން މުދަލަށް ކޮށްފާނެ އަސަރު ކުޑަކުރުމަށްޓަކައި، ޔޫއޭއީން ރާއްޖެއަށް ސީދާ ފްލައިޓްތައް ބާއްވަން ފަށާފައިވާއިރު، މިހާރު އެތެރެކުރެވޭ ކާގޯގެ މިންވަރުވެސް ދަނީ އިތުރުވަމުންނެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކުރާ އިންޑިއާ، ޗައިނާ، ތައިލޭންޑް އަދި ވިއެޓްނާމްގެ އިތުރުން، މީގެ ކުރިން މާބޮޑު ވިޔަފާރީގެ ގުޅުމެއް ނެތް އައު މާކެޓްތަކާއެކުވެސް ސަރުކާރުން ދަނީ މަޝްވަރާ ކުރަމުންނެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަސައްކަތްތަކުގެ މައިގަނޑު ބޭނުމަކީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވިގޮތުގައި، އިމާރާތްކުރުމުގެ ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، ރާއްޖޭގައި ތެޔޮ ރައްކާކުރާނެ ކެޕޭސިޓީ އިތުރުކުރުމަށްވެސް ސަރުކާރުން ދަނީ ޚާއްޞަ މަސައްކަތްތަކެއް ކުރަމުންނެވެ. ބޭރު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތައް ސަރުކާރުން ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަން ފާހަގަކުރައްވައި، ވަޒީރު ވިދާޅުވީ އަމާޒަކީ ރައްޔިތުންނަށް ތަކެތި ލިބުމުގައި ދަތިނުވާނެ ގޮތަކަށް ކަންކަން ރޭވުން ކަމަށެވެ.

