ދެ އިންތިހާބު އެއްކޮށްލުމަކީ ނިޒާމު ހުސްކަމަކަށް ގޮސް ގައުމަށް އޮތް ބޮޑު ނުރައްކަލެއް: ޔާމީން

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބާއްވައިފިނަމަ، ދައުރު ނިމޭއިރު ގައުމުގެ މުޅި ނިޒާމު ހުސްކަމެއްގެ ތެރެއަށް ގޮސް ގައުމު ބޮޑު ނުރައްކަލަކަށް ހުށަހެޅޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަދައްކަވަމުން ޔާމީން ވިދާޅުވީ، ވެރިމީހާ ޖަވާބުދާރީ ކުރުވަން އޮތް އެންމެ މުހިންމު ބާރަކީ މަޖިލިސް ކަމަށްވާއިރު، ރައީސްގެ ދައުރު ހަމަވާއިރު މަޖިލީހެއް ގައުމުގައި އޮންނަންޖެހޭނެ ކަމަށާއި ދެ ދައުރު އެއްކޮށްލުމަކީ އެމަނިކުފާނު އެއްގޮތަކަށްވެސް ތާއީދުކުރައްވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ގަރާރަކުން، ދެ އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް އަންނަ މަހުގެ 4 ގައި ނަގަން ނިންމާފައިވާއިރު، ޔާމީން ފާހަގަކުރެއްވީ ދައުލަތް ހިންގުމުގެ ނިޒާމު އޮތްގޮތުން މަޖިލީހުގެ ހުއްދަ ނުލިބި ރައީސަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށެވެ. އަދި ދެ އިންތިހާބު އެއްކޮށްލުމުން، ގައުމުގެ މަސްލަހަތު ދަމަހައްޓާނެ ފަރާތެއް ނެތި، ގާނޫނީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މަޖިލީހުގެ އުމުރާއި ރިޔާސީ ދައުރު ތަފާތުކޮށް އޮތުމަކީ ޑިމޮކްރަސީގެ ރައްކާތެރިކަމަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި ޔާމީން ސިފަކުރެއްވިއެވެ.
މީގެ އިތުރުން ޔާމީން ވިދާޅުވީ، ހަރަދު ކުޑަކުރުމުގެ ބަހަނާގައި ދެ އިންތިހާބު އެއްކޮށްލަން އުޅުމަކީ ސަރުކާރުން ހަދާ “ބުހުތާނު ދޮގެއް” ކަމަށާއި، މިފަދަ ބޮޑު ނިންމުމެއް ނިންމާއިރު ރައްޔިތުންނަށް އެކަށީގެންވާ ސަބަބުތައް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި ހުރިހާ ބާރުތަކެއް އެއް ބައެއްގެ އަތްމައްޗަށް ދޫކޮށްލުމަކީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއް ކަމަށާއި، މި ބަދަލަށް ރައްޔިތުން “ނޫނެކޭ” ބުނަންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި ބަދަލު ގެނެސްފިނަމަ، 2029 ވަނަ އަހަރު ބާއްވަންޖެހޭ މަޖިލިސް އިންތިހާބު، 2028 ގެ ރިޔާސީ އިންތިހާބާ އެކު ބާއްވަން ޖެހޭނެއެވެ.

