ފިލިޕީންސްގައި ހަތިޔާރު އުފައްދާ މަރުކަޒެއް ބިނާކުރުމުގެ ފުރުސަތު އޮތް ކަމަށް އެމެރިކާއާއި އެ ގައުމުގެ ބައިވެރިން ބުނުމާ ގުޅިގެން، އޭޝިއާ-ޕެސިފިކް ސަރަހައްދަށް “ހަނގުރާމައިގެ ހަލަބޮލިކަމާއި ފިތުނަވެރިކަން” ނުގެނައުމަށް ޗައިނާއިން ބުރާސްފަތި ދުވަހު އެމެރިކާއަށް އިންޒާރު ދީފިއެވެ.
މިދިޔަ ހަފުތާގައި އެމެރިކާ އިސްވެ އޮންނަ ދިފާއީ އިއްތިހާދަކުން ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ފިލިޕީންސްގައި ހަތިޔާރު އެސެމްބްލީ ކުރާ އަދި އުފައްދާ އާ ލައިނެއް ގާއިމުކުރުމަށް ބޭނުންވާ ފަންޑިންގްއާ މެދު ގޮތެއް ނިންމުމަށް އެއްބަސްވެފައިވާ ކަމަށެވެ.
މި ނިންމުން ނިންމާފައިވަނީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ޖަޕާން، ދެކުނު ކޮރެއާ އަދި ފިލިޕީންސް ހިމެނޭހެން 16 ގައުމުގެ މައްޗަށް އެކުލެވޭ “ޕާޓްނަޝިޕް ފޯ އިންޑޯ-ޕެސިފިކް އިންޑަސްޓްރިއަލް ރެސިލިއަންސް” (PIPIR) ގެ މެންބަރުންނެވެ.
ޗައިނާގެ ފޮރިން މިނިސްޓްރީން ބުރާސްފަތި ދުވަހު އިންޒާރު ދިން ގޮތުގައި، މިފަދަ ހަތިޔާރު އުފައްދާ މަރުކަޒެއްގެ ސަބަބުން ސަރަހައްދުގެ ހަމަޖެހުން ގެއްލި، އޭގެ ނޭދެވޭ އަސަރު އެކަން ކުރާ ފަރާތްތަކަށް ކުރާނެއެވެ.
“އެމެރިކާއާއި އެގައުމުގެ ބައިވެރިން ސަރަހައްދުގެ ގައުމުތަކުގެ އިހުސާސްތަކަށް އިހުތިރާމްކޮށް، އޭޝިއާ-ޕެސިފިކް ސަރަހައްދަށް ކުރިމަތިލުންތަކާއި ހަނގުރާމައިގެ ނާމާންކަން ވެއްދުމުން ދުރުހެލިވާންޖެހޭ،” ޗައިނާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވިއެވެ.
މި އާ މަރުކަޒާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ އިތުރަށް ވިދާޅުވީ، “ކަމާގުޅޭ ގައުމަކުން ބާރުގަދަ ގޮވާތަކެއްޗާއި ހަތިޔާރު ގުދަންކުރާ ތަނަކަށް ވާން ބޭނުންވާނަމަ، އޭގެ ނަތީޖާ އެންމެ ފަހުން ހިތިވާނީ ހުދު އެ ގައުމަކަށް” ކަމަށެވެ.
ދެކުނު ޗައިނާ ކަނޑުގެ މިލްކުވެރިކަމާ މެދު އުފެދިފައިވާ ދަބަސްތަކުގައި، ފަހަކަށް އައިސް ބީޖިންގް އާއި މެނީލާއާ ދެމެދު ވަނީ ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައެވެ.
ދެކުނު ޗައިނާ ކަނޑުގެ ބޮޑު ސަރަހައްދެއްގެ މިލްކުވެރިކަމަށް ޗައިނާއިން ދައުވާ ކުރި ނަމަވެސް، ބައިނަލްއަގުވާމީ ކޯޓަކުން ވަނީ އެ ދައުވާގައި ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށް ނިންމާފައެވެ.
ލިން އިތުރަށް ވިދާޅުވީ، ޗައިނާގެ އިސްތިގުލާލާއި ސަރަހައްދީ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ބީޖިންގް އިން ސާބިތުކަމާއެކު މަސައްކަތް ކުރާނެ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...