ބަރުދަން ލުއިކުރުމަކީ ހަމައެކަނި ހަށިގަނޑުގެ ބޭރުފުށަށް އަންނަ ބަދަލެއް ނޫންކަން، ދުބާއީގެ ވިޔަފާވެރިއެއް އަދި އިންފްލުއެންސަރެއް ކަމަށްވާ ނިކިތާ ފުލްވާނީ ވަނީ ސާބިތުކޮށްދީފައެވެ. އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުން، ބަރުދަން ލުއިކުރުމަށް ކުރި މަސައްކަތުން އޭނާގެ މުޅި ސިއްހަތަށް ވަނީ ހީނުކުރާ ފަދަ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.
ނިކިތާ ކިޔައިދިން ގޮތުގައި، ދުޅަހެޔޮ ގޮތުގައި ބަރުދަން ލުއިކުރުމުން އޭނާއަށް ލިބުނު އެންމެ ބޮޑު އެއް ކުރިއެރުމަކީ ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (PCOS) ރިވާސްވުމެވެ. މީގެ ސަބަބުން އޭނާގެ މައްސަރު ކަންތައް ގަވާއިދުން ޖެހުމަށާއި، ހަމުގެ ކޮލިޓީ ރަނގަޅުވުމުގެ އިތުރުން، މޫނުގައި އިސްތަށި ފެޅުމުގެ މައްސަލައަށް ވެސް ހައްލެއް ލިބުނެވެ.
އޭނާގެ ހަންގަނޑަށް އައި ބޮޑު ބަދަލުގެ އެންމެ ބޮޑު ސިއްރަކީ ފެން ބުއިމެވެ. “ކުރިން އަހަރެން ހަފްތާއަކު ބޮނީ އެންމެ ލީޓަރެއްގެ ފެން. އެކަމަކު މިހާރު ދުވާލަކު 4 އާއި 5 ލީޓަރާ ދެމެދު ފެން ބޮން،” ނިކިތާ ލިޔެފައިވެއެވެ. މީގެ ސަބަބުން ހަންގަނޑު ސާފުވެ، ގުދުރަތީ އުޖާލާކަމެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
މީގެ އިތުރުން، ހަކުރު ބޭނުންކުރާ މިންވަރު މަދުކުރުމުގެ ސަބަބުން ކަރާއި އަނގަ ކައިރީގައި ހުންނަ ކަޅު ކުލައިގެ ލައްތައް (pigmentation) ފިލައި، ހަމުގެ ކުލަ އެއްވަރުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ. ކުރިން ހަމުގެ މައްސަލަތަކުގެ ސަބަބުން މޭކަޕާ ނުލައި ފޮޓޯއެއް ނެގުމަށް ޖެހިލުންވި ނަމަވެސް، މިހާރު މޭކަޕާ ނުލައި ބޭރަށް ނިކުތުމުގެ އިތުބާރު ލިބިފައިވާ ކަމަށް ނިކިތާ ބުންޏެވެ.
ބަރުދަން ލުއިވުމާއެކު އޭނާގެ ހަށިގަނޑަށް އައި އެހެނިހެން ބަދަލުތަކުގެ ތެރޭގައި ފައިގެ ސައިޒާއި، އަތްތިލައިގެ ސައިޒުގެ އިތުރުން އަނގޮއްޓި އަޅާ ސައިޒަށް ވެސް ބަދަލު އައިސްފައިވާކަން އޭނާ ފާހަގަކުރިއެވެ. ނިކިތާގެ މި ތަޖުރިބާއަކީ ދިރިއުޅުމުގެ އާދަކާދަ ބަދަލުކުރުމުން ހޯރމޯންތަކަށާއި މުޅި ސިއްހަތަށް ކުރާނެ ފައިދާގެ މުހިންމު މިސާލެކެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...