ނަރަވެލިރިޕޯޓްބޭރުދުނިޔެ

މެދުއިރުމަތީގެ އަލިފާން ދިވެހި އައްސޭރިއަށް: އިޤްތިޞާދު އޮތީ ތައްޔާރަށްތަ؟

މެދުއިރުމަތީގެ މަސްރަޙު މިހާރު އޮތީ ފަހުގެ ތާރީޚެއްގައި ނުދެކޭ ފަދަ ނުރައްކާތެރި ފައްތަރެއްގައެވެ. އީރާނާއި އިސްރާއީލާ ދެމެދު ސީދާ އަސްކަރީ ކުރިމަތިލުންތަކެއް ފެށި، އީރާނުން ދަނީ އިސްރާއީލަށް އަމާޒުކޮށް ގިނަ އަދަދެއްގެ މިސައިލް ޙަމަލާތައް ދެމުންނެވެ. މި ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ އެންމެ މުހިންމު ތެޔޮ މަގު ކަމުގައިވާ ހުރުމޫޒް ކަނޑުއޮޅި (Strait of Hormuz) މިހާރު މިވަނީ ގާތްގަޑަކަށް މުޅިންހެން ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ހިއްސާކުރާ މި ކަނޑުއޮޅި ބަންދުވުމުގެ ސަބަބުން، އެކަމުގެ ސީދާ ލޮޅުން މުޅި ދުނިޔޭގެ އިޤްތިޞާދަށާއި، ރާއްޖެ ފަދަ ތެލާއި ކާބޯތަކެތީގެ އިމްޕޯޓަށް ބަރޯސާވާ ގައުމުތަކަށް ނުހަނު ބޮޑަށް ކުރާނެއެވެ.

މިފަދަ ހަނގުރާމަތަކުގެ ހިތި ނަތީޖާ ދުނިޔޭގެ އެހެން ގައުމުތަކުން މިހާރުވެސް ދަނީ ފެންނަމުންނެވެ. މިސާލަކަށް، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަވަށްޓެރި ސްރީލަންކާގެ އިޤްތިޞާދު އިނދަޖެހި، ރައްޔިތުން ކާބޯތަކެއްޗާއި ތެލަށް ޖެހިގެންދިޔަ ގޮތަކީ އަޅުގަނޑުމެންނަށް އޮތް ބޮޑު އިބްރަތެކެވެ. ހަމައެފަދައިން، ރަތްކަނޑުގެ ހަމަނުޖެހުންތަކުގެ ސަބަބުން މިޞްރަށް ސުއޭޒް ކެނަލްއިން ލިބޭ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސް، އެ ގައުމުގެ ބޭރު ފައިސާގެ ރިޒާވަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ.

ރާއްޖެއަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ތެލުގެ އަގު އުފުލުމެވެ. އީރާނަކީ ދުނިޔޭގެ ތެލުގެ ބާޒާރުގައި މުހިންމު ގައުމަކަށް ވާއިރު، ހަނގުރާމައިގެ ސަބަބުން “ހޮރުމުޒް ކަނޑުއޮޅި” ބަންދުކޮށްފައި އޮތުމުން، ދުނިޔޭގެ ތެލުގެ އަގު މިދަނީ އަތްނުފޯރާ ފަށަށް އަރަމުންނެވެ. މިކަމުގެ ސަބަބުން، ރާއްޖޭގެ ކަރަންޓާއި ދަތުރުފަތުރުގެ ޚަރަދު އިންތިހާއަށް ބޮޑުވާނެއެވެ. މީގެ އިތުރުން، މުދާ އުފުލާ ބޯޓުފަހަރު ދަތުރުކުރާ މަގުތައް ބަދަލުކުރަން ޖެހުމުން ފްރައިޓް ޗާޖު ބޮޑުވެ، ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ އަގު އުފުލި، ތަދުމަޑުކަމަކަށް މަގުފަހިވެދާނެ ކަމުގެ ހެކިތައް އެބަހުއްޓެވެ.

ރާއްޖޭގެ އިޤްތިޞާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށްވެސް މިކަމުގެ ނޭދެވޭ އަސަރު މިހާރު މިވަނީ ފޯރަން ފަށާފައެވެ. ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުން ޔޫރަޕްގެ ފަތުރުވެރިންގެ ފައިސާ ޚަރަދުކުރާ މިންވަރު މަދުވެ، ވައިގެ މަގުތަކަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރުވެސް މިއޮތީ ބޮޑުތަނުން މަދުވެފައެވެ. މިއީ ދައުލަތަށް ލިބޭ ޑޮލަރުގެ އާމްދަނީއަށް އެޅޭނެ ބޮޑު ހުރަހެކެވެ. މިއީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ދިވެހި ފައިސާގެ އަގު ވެއްޓުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

މިފަދަ ހާލަތަކުން އަރައިގަތުމަށްޓަކައި ދުރާލާ އިޤްތިޞާދީ ފިޔަވަޅުތަކެއް އެޅުން ކޮންމެހެން މުހިންމެވެ. އޭގެ ތެރޭގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އަވަސްކުރުމާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ދަނޑުވެރިކަން ފުޅާކުރުން ހިމެނެއެވެ. އަދި ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށްޓަކައި ބޭރު ގައުމުތަކަށް ފައިސާ ބޭރުވާ މިންވަރު މަދުކޮށް، ބޭރުން އިމްޕޯޓުކުރާ ތަކެތީގެ ބަދަލުގައި ގައުމީ އުފެއްދުންތަކަށް އިސްކަންދިނުން ބޭނުންތެރިއެވެ.

މި ނުރައްކާތަކުން ސަލާމަތްވުމަކީ ސަރުކާރާއި އަމިއްލަ ފަރުދުންގެވެސް ޒިންމާއެކެވެ. ސަރުކާރުން ކާބޯތަކެއްޗާއި ތެލުގެ ސްޓްރެޓީޖިކް ރިޒާވް ވަރުގަދަކޮށް، މަދުވެގެން ތިން މަސްދުވަހަށް ބޭނުންވާ ތަކެތި ރައްކާކުރަން ޖެހޭއިރު، އަމިއްލަ ފަރުދުންގެ ޒިންމާއަކީ އިސްރާފު ކުޑަކުރުމާއި މުސްތަޤުބަލަށްޓަކައި ފައިސާ ރައްކާކުރުމެވެ. ކޮންމެ މީހަކުވެސް ތިމާގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކޮށް، ގައުމަށް ދިމާވެދާނެ ދަތި ދުވަސްތަކަށް ތައްޔާރުވެ ތިބުމަކީ މި ވަގުތުގެ އެންމެ މުހިންމު މަސައްކަތެވެ.

ހަނގުރާމައިގެ އަލިފާންގަނޑު އަދި އޮތީ ރާއްޖެއާ ދުރުގައި ކަމަށް ފެނުނު ނަމަވެސް، އޭގެ ދުމާއި ހޫނު މިހާރުވެސް ދަނީ އަޅުގަނޑުމެންގެ އިޤްތިޞާދަށް ފޯރަމުންނެވެ. އެހެންކަމުން، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ހުރިހާ ފަރާތްތަކަކުން އެކުގައި މަސައްކަތް ކުރުމަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ޔަޤީންކަމެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close