ބައިނަލްއަޤްވާމީ އިއްތިޙާދުގެ ސިފައިން އެ ޤައުމުން ބޭލުން އަވަސްކުރައްވާނެ – ޢިރާޤުގެ ބޮޑުވަޒީރު

ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިއާ އަލް-ސޫދާނީ، އިޓަލީގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެމެރިކާ އިސްވެ އޮވެ ހަނގުރާމަވެރި ޖަމާއަތްތަކާ ދެކޮޅަށް އުފައްދާފައިވާ ބައިނަލްއަޤްވާމީ އިއްތިޙާދުގެ މަސައްކަތްތައް ނިންމާލައި، އެ ސިފައިން ޤައުމުން ބޭލުމުގެ ކަންކަން އަވަސްކުރައްވާނެ ކަމަށެވެ.
ބޮޑުވަޒީރު މިހެން ވިދާޅުވެފައިވަނީ، މިދިޔަ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން، މެދުއިރުމަތީގައި އުފެދިފައިވާ ހަމަނުޖެހުންތަކުގެ ތެރެއަށް ޢިރާޤުވެސް ދަމައިގަނެވިފައިވާ ދަނޑިވަޅެއްގައެވެ.
ޢިރާޤާއި އެ ސަރަޙައްދުގައި ހުރި އެމެރިކާގެ މަސްލަޙަތުތަކަށް އަމާޒުކޮށް، އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކުން ދުވަހުން ދުވަހަށް ދެމުންދާ ހަމަލާތަކުގެ ޒިންމާ އުފުލަމުންދާއިރު، ރައްދުގައި އެ ޖަމާއަތްތަކަށް އަމާޒުކޮށްވެސް ހަމަލާތައް ދަނީ ދެމުންނެވެ.
ހަނގުރާމަވެރި “ދާއިޝް” ޖަމާއަތާ ދެކޮޅަށް ހަނގުރާމަކުރުމަށް 2014 ވަނަ އަހަރު އުފެއްދި މި ބައިނަލްއަޤްވާމީ އިއްތިޙާދުގެ މިޝަން ޢިރާޤުގައި ނިންމާލުމަށް ކުރިން ތާވަލުކޮށްފައި އޮތީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށެވެ. އަދި ސިފައިން މަދުކުރުމުގެ މަސައްކަތް 2024 ވަނަ އަހަރު ފެށުމަށް އޮތީ ރޭވިފައެވެ.
މި އިއްތިޙާދުގެ މަސައްކަތް ނިންމާލުމުގެ މައިގަނޑު މަޤްޞަދަކީ، އިއްތިޙާދުގައި ހިމެނޭ ޤައުމުތަކާއެކު ވަކިވަކިން ސަލާމަތީ ގުޅުންތައް ޤާއިމުކުރުމަށް މަގުފަހިކުރުމެވެ.
“އަޅުގަނޑުމެންގެ އިއްތިޙާދީންނާއެކު މިހާރު މިވަނީ، 2026 ގެ ސެޕްޓެމްބަރާ ހަމައަށް ކުރިއަށް ގެންދަން އޮތް ބައިނަލްއަޤްވާމީ އިއްތިޙާދުގެ މަސައްކަތްތައް ނިންމާލުން އަވަސްކުރުމަށް ނިންމާފައި،” އިޓަލީގެ ‘ކޮރިއޭރާ ޑެލާ ސެރާ’ ނޫހަށް ދެއްވި އިންޓަވިއުގައި ސޫދާނީ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޢިރާޤުގެ ބިމުގައި ބޭރުގެ އެއްވެސް ސިފައިންގެ ފައުޖެއް ނެތް ނަމަ، ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ބާރު ކަނޑުވާލުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
ޢިރާޤުގައި ބޭރުގެ ސިފައިން، ޚާއްޞަކޮށް އެމެރިކާގެ އަސްކަރީ މުޝީރުން ތިބުމަކީ އެ ޤައުމުގެ ސަރުކާރާއި އީރާނަށް ތާއީދުކުރާ ހަތިޔާރުއެޅި ޖަމާއަތްތަކާ ދެމެދު އޮންނަ ބޮޑު ޚިޔާލުތަފާތުވުމެކެވެ. ޢިރާޤު ސަރުކާރުން ބޭނުންވަނީ ހަތިޔާރު ގެންގުޅުމުގެ ފުރިހަމަ ބާރު ސަރުކާރަށް އޮތުމަށާއި އެހެން ޖަމާއަތްތަކުގެ ހަތިޔާރުތައް ނައްތާލުމަށެވެ. ނަމަވެސް އެ ޖަމާއަތްތަކުން ބުނަމުންދަނީ އެމީހުން ހަތިޔާރު ގެންގުޅެނީ ބޭރުގެ ސިފައިން ޤައުމުގައި ތިބޭތީ ކަމަށެވެ.
ސަރުކާރާއި އިއްތިޙާދުންވެސް ބުނަމުންދަނީ، އެ އިއްތިޙާދުގެ އަސްކަރީ މުޝީރުން ޢިރާޤުގައި ތިބެނީ ސަރުކާރުގެ ދައުވަތަކަށް، ‘އައި.އެސް’ ޖަމާއަތް އަލުން ބޯހިއްލާލިޔަ ނުދިނުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. މި މުޝީރުން މިހާރު ތިބީ ހަމައެކަނި ޢިރާޤުގެ އުތުރުގައި އޮންނަ ކުރުދިސްތާން ސަރަޙައްދުގައެވެ. އަދި 2026 ވަނަ އަހަރުގެ ސެޕްޓެމްބަރާ ހަމައަށް އެ ސަރަޙައްދުގައި އެމީހުން މަޑުކުރުމަށް އޮތީ ހަމަޖެހިފައެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި، ސިފައިން ބޭލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ނިންމާލައި، ބައެއް މުވައްޒަފުން ވަނީ ޢިރާޤުގެ އަސްކަރީ މަރުކަޒުތަކުން ފުރާފައެވެ. މީގެ އިތުރުން، މި އިއްތިޙާދުން ދަނީ އަވަށްޓެރި ސޫރިޔާގައި ތިބި އެމީހުންގެ ސިފައިންވެސް ބާލަމުންނެވެ. އެގޮތުން ދާދި ފަހުން ވަނީ ސޫރިޔާގައި ހުރި އެމީހުންގެ އަސްކަރީ މަރުކަޒުތައް ސޫރިޔާގެ ސަރުކާރު ސިފައިންނާ ޙަވާލުކޮށްފައެވެ.



