ސަމާލުވޭ! މީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދެމަސް، ރައްކާތެރިކަމުގެ ފިޔަވޅު އަޅުއްވާ!

ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ ގަދަ ހޫނުގެ ސަބަބުން، އިރުގެ ދޯދިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ކޮންމެ އަހަރެއްގެވެސް މާރިޗު އަދި އޭޕްރީލް މަހަކީ ހޫނުމިން އެންމެ މަތިވާ ދުވަސްވަރެވެ. މި ދުވަސްވަރު ވައި މަޑުވެ، ވައިގެ ތެއްކަން މަތިވުމުގެ ސަބަބުން އާންމު ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވާނެތީ، ހެނދުނު 10 އަކުން ހަވީރު 4 އަކާ ދެމެދު ސީދާ އަވީގައި އުޅުން މަދުކުރުމަށް އެޗްޕީއޭއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރު، ޑރ. އަޙްމަދު ފައިސަލް ވިދާޅުވި ގޮތުގައި، ކުޑަކުދިންގެ ހަށިގަނޑު އުފެދިފައިވާ ގޮތުން ބޮޑެތި މީހުންނަށްވުރެ އަވަހަށް ހޫނު ދަމައިގަނެއެވެ. ޚާއްޞަކޮށް ތުއްތު ކުދިންނަށް “ހީޓް ސްޓްރޯކް” ޖެހުމުގެ ނުރައްކާ ބޮޑުކަމަށާއި، އޭގެ ސަބަބުން ވާނުވާ ނޭނގުމާއި، ފިޓްޖެހުން ނުވަތަ ކޯމާއަކަށް ދިއުމުގެ ފުރުސަތު އޮންނާތީ ބެލެނިވެރިން އިތުރަށް ސަމާލުވާންޖެހެއެވެ. މި ދުވަސްވަރު އަލަށް އުފަންވާ ކުދިން އަވީގައި ޖެއްސުމަކީ ރައްކާތެރިކަމެއް ނޫން ކަމަށާއި، ނަމަވެސް ގާތުން ކިރުދޭ ކުދިންނަށް އިތުރަށް ފެން ދޭން ނުޖެހޭނެ ކަމަށްވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.
ހޫނުގެ ސަބަބުން އެންމެ ބޮޑަށް ނުރައްކާވާނީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުންގެ އިތުރުން ދާއިމީ ބަލިތަކަށް ފަރުވާކުރާ ފަރާތްތަކަށެވެ. އެހެންކަމުން، ހޫނުގަދަ ގަޑިތަކުގައި ކުދިން ބޭރަށް ނުގެންދިއުމަށާއި، ގަޔަށް ދޫ ތުނި ހެދުން ލެއްވުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ. މީގެ އިތުރުން 6 މަސް ފުރިފައިވާ ކުދިންނަށް ގިނައިން ފެނާއި ދިޔާތަކެތި ދިނުމަށާއި، އަވީގައި މަސައްކަތްކުރާ މީހުންވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެ އިދާރާއިން ވަނީ ބާރުއަޅާފައެވެ.


