ދިވެހިންގެ ތުނޑުކުނާ އދ. ގެ މައިމަރުކަޒަށް

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ދިވެހި ފަންނުވެރިކަން ރަމްޒުކޮށްދޭ ތުނޑު ކުނަލެއް ބަހައްޓައިފިއެވެ. މިއީ ދިވެހިރާއްޖޭގެ އަމިއްލަ އުފެއްދުމެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުނު ފުރަތަމަ ފަހަރެވެ.
މި ތުނޑު ކުނަލަކީ ދިވެހިރާއްޖެއިން އދ. އަށް ހަދިޔާކުރި ހަނދާނީ ހަދިޔާއެކެވެ. އދ. ގެ މައި މަރުކަޒުގައި މިފަދަ ހަދިޔާއެއް ބެހެއްޓުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.
އދ. ގެ މައި މަރުކަޒުގައި ބެހެއްޓި މި ތުނޑު ކުނާ އިފްތިތާހުކޮށްދެއްވީ، މިއަދު އެ މަރުކަޒުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދެވެ.
މި ތުނޑު ކުނަލަކީ ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ދިވެހި ފަންނުވެރިކަން ބައިނަލްއަޤްވާމީ މައިދާނުގައި ދައްކާލުމަށް ތައްޔާރުކުރެވުނު ކުނަލެކެވެ.
މި ތުނޑު ކުނާ ފަރުމާކޮށް ވިޔެފައިވަނީ، ކުނާ ވިޔުމުގެ މަސައްކަތަށް ރާއްޖޭގައި އެންމެ މަޝްހޫރު ރަށް ކަމަށްވާ ގދ. ގައްދޫގެ ކުނާ ވިޔުމުގެ ފަންނުވެރިއެކެވެ. މިއީ ދިވެހިރާއްޖޭގެ ސަގާފަތާއި އަތްތެރި މަސައްކަތްތެރިކަން ދުނިޔޭގެ އެންމެ މަތީ ފަންތީގައި ރަމްޒުކޮށްދޭނެ މުހިންމު އުފެއްދުމެކެވެ.

