ދުނިޔޭގެ އެންމެ ބޮޑު ގޭސްފީލްޑަށް ދިން ހަމަލާއަކާ ގުޅިގެން ތެލުގެ އަގު އަނެއްކާ ވެސް އުފުލިއްޖެ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ އިތުރަށް ގޯސްވަމުންދާ މި ދަނޑިވަޅުގައި، އީރާނުގެ ސައުތު ޕާސް ގޭސްފީލްޑަށް އިސްރާއީލުން ދިން ހަމަލާއަކާ ގުޅިގެން ތެލުގެ އަގު 5 އިންސައްތައަށްވުރެ މައްޗަށް އުފުލިއްޖެއެވެ.
ބުދަ ދުވަހު ބައިނަލްއަޤްވާމީ މިންގަނޑު ކަމަށްވާ ބްރެންޓް ކްރޫޑްގެ އަގު ވަނީ 5 އިންސައްތަ އުފުލި، ފީފާއެއްގެ އަގު 108.66 އެމެރިކާ ޑޮލަރަށް އަރާފައެވެ. އަދި އެމެރިކާގެ ތެލުގެ އަގު ކަނޑައަޅާ މިންގަނޑު ކަމަށްވާ ޔޫއެސް ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަބްލިޔުޓީއައި) ކްރޫޑްގެ އަގު ވަނީ 2.5 އިންސައްތަ އުފުލި ފީފާއެއް 98.65 ޑޮލަރަށް އަރާފައެވެ. މިއާއެކު މި ދެ މިންގަނޑުގެ އަގުގެ ފަރަޤު ވަނީ މެއި 2019 ގެ ފަހުން އެންމެ ބޮޑަށް އުފުލިފައެވެ. މިއީ މި ހަމަނުޖެހުން ދިގުލައިގެން ހިނގައިދާނެކަމުގެ ބިރު އޮތުމުން އައި ބަދަލެކެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދުނިޔޭގެ އެންމެ ބޮޑު ގޭސްފީލްޑް ކަމަށްވާ، އީރާނުގެ ދެކުނުގެ ބުޝެހެރް ޕްރޮވިންސްގެ އައްސޭރިފަށުގައި އޮންނަ “ސައުތު ޕާސް” ގޭސްފީލްޑްގެ ފެސިލިޓީތަކަށް ވަނީ ހަމަލާދީފައެވެ.
މި ހަމަލާއަށްފަހު ވަގުތުން، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ވަނީ ޤަތަރާއި، ސައުދީ އަރަބިއްޔާ އަދި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ތެލާއި ގޭހުގެ ވަސީލަތްތަކަށް ހަމަލާދޭނެކަމުގެ އިންޒާރު ދީފައެވެ. މީގެ ސަބަބުން މި ސަރަޙައްދުގެ ހަކަތަ ފޯރުކޮށްދިނުމުގެ ނިޒާމަށް އިތުރު ބުރޫތަކެއް އަރާފާނެކަމުގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.
ބުދަ ދުވަހުގެ ފަހުގެ ވަގުތެއްގައި ޤަތަރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ، އީރާނުން ދިން ބެލިސްޓިކް މިސައިލް ހަމަލާއަކާ ގުޅިގެން އެ ޤައުމުގެ ރާސް ލައްފާން ގޭސް ފެސިލިޓީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަން ހާމަކޮށްފައެވެ. ނަމަވެސް ފަހުން ޤަތަރުގެ އިންޓީރިއަރ މިނިސްޓްރީން ބުނެފައިވަނީ އެ އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި، އޭގެ ރައްދުގައި އީރާނުން ގަލްފުގެ އަވަށްޓެރި ޤައުމުތަކަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތިން ތެލާއި ގޭސް އެކްސްޕޯޓުކުރުމަށް ވަނީ ހުރަސްއެޅިފައެވެ. އަދި ތެޔޮ ނެގުން ހުއްޓާލަން ވަނީ މަޖުބޫރުވެފައެވެ.
މި ހުރަސްތަކުގެ ސަބަބުން ތެލާއި ގޭހުގެ އަގު ދިގު މުއްދަތަކަށް މަތީގައި ހުރެއްޖެނަމަ، މުޅި ދުނިޔޭގެ އިޤްތިޞާދަށް އިންފްލޭޝަންގެ ރާޅެއް އަރާފާނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.
މި ހަމަނުޖެހުންތަކުގެ ސަބަބުން ހޯރމޫޒް ކަނޑުއޮޅިން ކުރާ ދަތުރުތަކުގެ ބޮޑުބައެއް ވަނީ ހުއްޓިފައެވެ. ދުނިޔޭގެ ތެލާއި ދިޔާ ގޭހުގެ (އެލްއެންޖީ) ސަޕްލައިގެ 20 އިންސައްތަ ދައުރުވަނީ މި ކަނޑުއޮޅިންނެވެ.
މެދުއިރުމަތީގެ ތެޔޮ އުފައްދާ މިންވަރުން ދުވާލަކު 7 މިލިއަނާއި 10 މިލިއަން ފީފާއާ ދެމެދުގެ އަދަދެއް މަދުވެފައިވާއިރު، މިއީ މުޅި ދުނިޔޭގެ ޑިމާންޑުގެ 7 އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރެކެވެ.
މިކަމާ ގުޅިގެން ޓްރަމްޕްގެ ސަރުކާރުން ވަނީ، އެމެރިކާގެ ބަނދަރުތަކުގެ ދެމެދުގައި ބޭރު ޤައުމުތަކުގެ ދިދަ ނަގާފައިވާ އާގުބޯޓުފަހަރަށް ތެލާއި، ގަސްކާނާ އަދި އެހެނިހެން މުދާ އުފުލުމުގެ ހުއްދަ ވަގުތީގޮތުން ދިނުމަށްޓަކައި، ޖޯންސް އެކްޓް ޝިޕިންގ ޤާނޫނަށް 60 ދުވަހުގެ މުއްދަތަށް ލުޔެއް ދީފައެވެ. މިކަން އެމެރިކާ ސަރުކާރުން އިޢުލާންކުރީ ބުދަ ދުވަހުއެވެ.
މީގެ އިތުރުން ވެނެޒުއޭލާގެ ދައުލަތުގެ ތެޔޮ ކުންފުނި ޕީޑީވީއެސްއޭ އާއެކު ބައެއް މުޢާމަލާތްތައް ކުރުމުގެ ހުއްދަދޭ އާންމު ލައިސަންސެއްވެސް އެމެރިކާއިން ވަނީ ދޫކޮށްފައެވެ. މިކަން ހާމަކުރީ އެމެރިކާގެ ޓްރެޝަރީ ޑިޕާޓްމަންޓުންނެވެ.
އިރާޤަށް ބަލާއިރު، އިރާޤުގެ މަރުކަޒީ ސަރުކާރާއި ކުރުދިސްތާން ރީޖަނަލް ގަވަރމަންޓާ ދެމެދު އަންގާރަ ދުވަހު ވެވުނު އެއްބަސްވުމަކަށްފަހު، ހޮޅިލައިން މެދުވެރިކޮށް ތެޔޮ އެކްސްޕޯޓުކުރުން އަލުން ފަށާފައިވާކަމަށް ނޯތު އޮއިލް ކޮމްޕެނީގެ މަސްދަރުތަކުން ބުނެއެވެ. ތެލާބެހޭ ދެ އޮފިޝަލަކު މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުން އިރާޤުން މަސައްކަތްކުރަމުން ދިޔައީ ބަނދަރު މެދުވެރިކޮށް ދުވާލަކު މަދުވެގެން 100،000 ފީފާގެ ތެޔޮ ޕަމްޕު ކުރުމަށެވެ.



