ބޭރުދުނިޔެ

ހަނގުރާމަ ނިމުމަކަށް ގެނެވޭނީ އިތުރު ޙަމަލާތައް ނުދޭނެކަމުގެ ޔަޤީންކަން ލިބިގެން: އީރާން

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެވޭނީ، މުސްތަޤުބަލުގައި އިތުރު ޙަމަލާތަކެއް ނުދޭނެކަމުގެ ޔަޤީންކަން ލިބިގެންކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ރަސްމީ ނޫސް އޭޖެންސީ (އިރްނާ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އަރަގްޗީ މިހެން ވިދާޅުވީ އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު އިވެޓް ކޫޕަރ އާއެކު ހުކުރު ދުވަހު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

“ޙާލަތު އާންމު ގޮތަކަށް ބަދަލުކުރުމަށް އޮތް މަގަކީ މި ޙަމަލާތައް ހުއްޓާލުމެވެ. ހަނގުރާމަ ހުއްޓާލުމާއެކު، މިފަދަ ޢުދުވާންތައް ތަކުރާރު ނުވާނެކަމުގެ ޔަޤީންކަން ލިބެންޖެހޭނެ،” އަރަގްޗީ ވިދާޅުވިއެވެ.

މީގެ އިތުރުން، އެމެރިކާއާއި އިސްރާއީލަށް އަސްކަރީ ގޮތުންނާއި މީޑިއާގެ ޒަރީއާއިން އެއްވެސް އެހީތެރިކަމެއް ފޯރުކޮށްނުދިނުމަށް އޭނާ ވަނީ އިނގިރޭސިވިލާތަށް އިންޒާރު ދެއްވާފައެވެ. އަދި އެމެރިކާއަށް އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ބޭނުންކުރަން ދީފައިވާތީ އެކަމަށް ފާޑުވިދާޅުވަމުން އަރަގްޗީ ވިދާޅުވީ، އެއީ އީރާނަށް ދެމުންދާ ޙަމަލާތަކުގައި ބައިވެރިވުން ކަމުގައި ބެލެވޭނެކަމަށެވެ.

އީރާނުން ޑިޕްލޮމަސީގެ މަގު ޚިޔާރުކޮށްގެން ތިއްބައި، އެމެރިކާއާއި އިސްރާއީލުން ދިން ޙަމަލާތަކުގައި ޕްރައިމަރީ ސްކޫލްތަކުގައި ކިޔަވާ 170 އަށްވުރެ ގިނަ ކުދިން މަރުވެފައިވާ ކަމަށް އަރަގްޗީ ވިދާޅުވިއެވެ. އަދި އަވަށްޓެރި ޤައުމުތަކުގެ ސިޔާދަތަށް އީރާނުން އިޙުތިރާމްކުރާ ކަމަށާއި، ނަމަވެސް އެމެރިކާއިން އީރާނަށް ޙަމަލާދިނުމަށް އެ ޤައުމުތަކުގައިވާ އެމެރިކާގެ މަރުކަޒުތައް ބޭނުންކުރަމުންދާތީ އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި އީރާނުގެ “ސައުތު ޕާސް” ފެސިލިޓީތަކަށް ދިން ޙަމަލާ ކުށްވެރިކޮށް، އެކަމާ ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއިން އަޑުނުއުފުލާތީ އެކަމުގެ ނުތަނަވަސްކަންވެސް އޭނާ ފާޅުކުރެއްވިއެވެ.

މި ފޯން ކޯލުގައި އިނގިރޭސި ޚާރިޖީ ވަޒީރު ކޫޕަރ ވަނީ ހަނގުރާމަ ހުއްޓާލުމަށާއި ސަރަޙައްދީ ނުތަނަވަސްކަން ކުޑަކުރުމަށް ގޮވާލައްވާފައެވެ. އަދި ހުރްމޫޒް ކަނޑުއޮޅީގެ މައްސަލަތަކާއެކު މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެއަށް ކުރިމަތިވެދާނެ ސިޔާސީ އަދި އިޤުތިޞާދީ ގެއްލުންތަކާމެދު އެކަމަނާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ދިން ވަރުގަދަ ޙަމަލާތަކުގައި 1،300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އީރާނުގެ އޭރުގެ ރޫޙާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިސްކޮށް ތިބެގެން، އަދި އެ ދެ ޤައުމުގެ ވެރިންގެ އަމުރަށް ދިން މި ލޭއޮހޮރުވުން ބޮޑު ޙަމަލާތަކަށް ރައްދުދިނުމުގެ ގޮތުން، އީރާނުން އަންނަނީ އިސްރާއީލަށާއި، އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި އުރުދުން، އިރާޤު އަދި ގަލްފުގެ ޤައުމުތަކަށް ޑްރޯނާއި މިސައިލުން ބޮޑެތި ޙަމަލާތަކެއް ދެމުންނެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close