ދީން

ފިޠުރު ޢީދު ދުވަހު ކުރުން ސުންނަތް ވެގެންވާ ބައެއް ކަންތައްތައް:

1. ޢީދު ނަމާދަށް ހިނައިގަތުން: ޢީދު ނަމާދަށް ހިނައިގަތުމަކީ މާތް ނަބިއްޔާ صلّى الله عليه وسلّم ގެ ޞަޙާބީންގެ ފަރާތުން ސާބިތުވެގެންވާ ސުންނަތެކެވެ. نافع ގެ ފަރާތުން ސާބިތުވެގެންވާ ކަމަށް أحكام العيدين ގައި الفريابي ރިވާކުރައްވައި ވިދާޅުވެފައިވެ އެވެ.  ފަހެ، عبد الله بن عمر رضي الله عنهما ދެ ޢީދު ނަމާދަށް ހިނާވަޑައިގަންނަވަ އެވެ. بداية المجتهد ގައި الإمام ابن رشد ވިދާޅުވެފައިވެއެވެ. [ޢީދު ނަމާދަށް ހިނައިގަތުމަކީ  އެދެވިގެންވާ ސުންނަތެއް ކަމާމެދު ޢިލްމުވެރިން ވަނީ އިޖްމާޢުވެފަ އެވެ.] ޢީދުނަމާދަށް ހިނައިގަތުން ސުންނަތް ވެގެންވަނީ ޢީދު ދުވަހުގެ ފަތިސް ނަމާދަށްފަހު ޢީދު މުޞައްލާއަށް ދިޔުމުގެ ކުރިންނެވެ. އަދި ހިނައިގަތުން އޮތީ ޖުނުބުވެރި ވެފައިވާ މީހާ ހިނައިގަންނަޖެހޭ ފަދައިންނެވެ.


2. ޢީދު ދުވަހަށްޓަކައި ޒީނަތްތެރި ވުމުގެ ގޮތުން އަތުގައި އޮތް އެންމެ ރީތި ހެދުމެއް ލުމާއި މީރުވަސްދުވާ އަތަރު ބޭނުންކުރުން: محمد بن إسحاق ގެ ފަރާތުން ވާރިދުވެގެން އައިސްފައިވެއެވެ. نافع ގެ އަރިހުގައި ތިމަންނަ ދެންނެވީމެވެ. عبد الله بن عمر رضي الله عنهما ޢީދު ނަމާދު ކުރަށްވަނީ ކިހިނެއް ހެއްޔެވެ؟ އެހިނދު ވިދާޅުވި އެވެ. އެދުވަހުގެ ފަތިސް ނަމާދު އިމާމާއެކު ޖަމާޢަތުގައި ކުރަށްވަ އެވެ. އެއަށްފަހު ގެއަށް އެނބުރި ވަޑައިގެން ޖުނުބުވެރިއަކު ހިނައިގަންނަ ފަދައިން ހިނާވަޑައިގަންނަވަ އެވެ. އަދި އެންމެ ރީތި ހެދުން ތުރުކުރައްވަ އެވެ. އަދި އެންމެ މީރުވަސްދުވާ އަތަރެއް ބޭނުންކުރައްވަ އެވެ.]


3. ޢީދު ނަމާދަށް ދިޔުމުގެ ކުރިން އޮނަހިރި ޢަދަދަކަށް ކަދުރު ކެއުން: أنس رضي الله عنه ގެ ފަރާތުން الإمام البخاري ރިވާކުރައްވާފައިވެ އެވެ. أنس رضي الله عنه ވިދާޅުވި އެވެ. [އޮނަހިރި ޢަދަދަކަށް  ކަދުރު ފަރީއްކުޅުއްވުމަށް ފަހުގައި މެނުވީ ނަބިއްޔާ صلّى الله عليه وسلّم ފިޠުރު ޢީދު ނަމާދަށް ނުކުމެވަޑައިނުގަންނަވަ އެވެ.]


4. ޢީދު ނަމާދަށް ހިނގާފައި ދިޔުން: سنن ގައި  الإمام الترمذي رحمه الله ވިދާޅުވެފައިވެއެވެ. [ޢީދު ނަމާދަށް ހިނގާފައި ދިޔުމަކީ މުސްތަޙައްބު ކަމެއް ކަމަށް ގިނަ ޢިލްމުވެރިން ދެކިލައްވަ އެވެ.]


5. ޢީދު ނަމާދަށް ދިޔުމާއި އަދި އައުމުގައި މަގު ބަދަލުކުރުން: جابر رضي الله عنه ގެ ފަރާތުން الإمام البخاري ރިވާކުރައްވާފައިވެއެވެ. جابر رضي الله عنه ވިދާޅުވި އެވެ. [ޢީދު ދުވަހުގައި ރަސޫލު ﷲ صلّى الله عليه وسلّم މަގު ބަދަލު ކުރައްވައެވެ.] بداية المجتهد ގައި الإمام ابن رشد ވިދާޅުވެފައިވެއެވެ. [ޢީދު ނަމާދުން އެނބުރި އައުމުގާ ޢީދު ނަމާދަށް ދިޔަ މަގު ނޫން އެހެން މަގަކުން އައުމަކީ ސުންނަތެއް ކަމާމެދު ވަނީ އިޖުމާޢު ވެވިގެންނެވެ. އެއީ އެކަމަކީ މާތް ނަބިއްޔާ صلّى الله عليه وسلّم ގެ ފަރާތްޕުޅުން ސާބިތުވެގެންވާ ކަމެއް ކަމުގައިވާތީ އެވެ.]


6. ފިޠުރު ޢީދު ދުވަހު ތަކުބީރު ކިޔުން: ފިޠުރު ޢީދުގައި التّكبير المطلق ސުންނަތް ވެގެންވެ އެވެ. މާތް الله سبحانه وتعالى ވަޙީ ކުރަށްވާފައިވެ އެވެ. ﴿وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ ﴾  މިއާޔަތުގެ ތަފްސީރުގައި الإمام ابن كثير رحمه الله ވިދާޅުވެފައިވެއެވެ. [ފިޠުރު ޢީދުގައި ތަކްބީރު ކިޔުމަކީ ޝަރުޢުވެގެންވާ ކަމެއް ކަމަށް މިއާޔަތުން ދަލީލު ލިބޭ ކަމަށް ވަރަށް ގިނަ ޢިލްމުވެރިން ދެކިލައްވަ އެވެ.] ޢީދު ވިލޭރޭގެ ހަނދު ފެނުނީއްސުރެ އިމާމް މީހާ ޢީދު ޚުޠުބާ ކިޔުމަށް މިންބަރަށް އަރައިފުމަށް ދާންދެން މި ތަކްބީރު ކިޔުމުގެ ވަގުތު ދެމިގެންވެ އެވެ. އަދި މި ތަކްބީރު ކިޔުމުގައި އަޑު އުފުލުން ފިރިހެނުންގެ މައްޗަށް ސުންނަތްވެގެންވެ އެވެ. އަންހެން ކަނބަލުންގެ މައްޗަށް ތަކްބީރު ކިޔުމުގެ އަޑު އުފުލުމެއް ނެތެވެ.


ފިޠުރު ޢީދުގައި ތަކްބީރު ކިޔަންވީ ގޮތާ ބެހޭގޮތުން عبد الله بن مسعود رضي الله عنه ގެ އަރިހުން المصنّف ގައި ابن أبي شيبه ރިވާކުރައްވާފައިވާ ރިވާޔަތުގައި ބަޔާންވެފައިވާ ޞީޣާ (ސިފަ) އަކީ الله أكبر الله أكبر لاإله إلّا الله والله أكبر الله أكبر ولله الحمد މިއެވެ. މިރިވާޔަތް ޞައްޙަ ކަމުގައި إرواء الغليل ގައި الإمام الألباني رحمه الله ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މިގޮތަށް ތަކްބީރު ކިޔުމަށް ވަރަށް ގިނަ ތާބިޢީންގެ ފަރާތުން ރިވާވެގެން އައިސްފައިވާ ކަމަށް المصنّف ގައި ابن أبي شيبه ވިދާޅުވެފައިވެއެވެ. އަދި ހަމަމިފަދައިން أحكام العيدين ގައި الفريابي ވެސް ވިދާޅުވެފައިވެއެވެ.

ރިފަރެންސް: އުސްތާޛް އަބޫ އަނަސް މުޙައްމަދު ހަސަން حفظه الله ލިޔުއްވާފައިވާ ލިޔުމަކުން ނެގިފައި

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close