އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލައިފި ކަމަށް އިޒްރޭލުން އިއުލާންކޮށްފި

އީރާނުގެ އިންޓެލިޖެންސް މިނިސްޓަރު އިސްމާއިލް ޚަތީބު އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ. މިއީ އީރާނުގެ ސަރުކާރުގެ އެންމެ އިސްވެރިންނަށް އަމާޒުކޮށް އިޒްރޭލުން ދެމުންގެންދާ ހަމަލާތަކުގެ ތެރެއިން ދިން ވަރުގަދަ ހަމަލާއެކެވެ.
އިޒްރޭލުގެ ދިފާއީ ވަޒީރު އިސްރާއިލް ކާޓްޒް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރޭގެ ވަގުތެއްގައި ހިންގި އޮޕަރޭޝަނެއްގައި މިނިސްޓަރު ޚަތީބު “ނައްތާލާފައިވާ” ކަމަށެވެ. މީގެ އިތުރުން، އީރާނުގެ ސަރުކާރުގެ ކޮންމެ އިސް އޮފިޝަލަކު ފެނިއްޖެ ނަމަ، އިތުރު ހުއްދައަކަށް އިންތިޒާރު ކުރުމެއް ނެތި އަވަހާރަކޮށްލުމުގެ ފުރިހަމަ ބާރު މިހާރު އަސްކަރިއްޔާއަށް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
“ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އަހަރެން ވާނީ، އިންޓެލިޖެންސް މައުލޫމާތާއި އޮޕަރޭޝަނަލް ތައްޔާރީތަކަށް ބަލައި، އީރާނުގެ ކޮންމެ އިސްވެރިއަކު ވެސް ނައްތާލުމުގެ އިޚްތިޔާރު އިޒްރޭލު ދިފާއީ ބާރުތަކަށް ދީފައި،” ކާޓްޒްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޓެލިޖެންސް މިނިސްޓަރު އަވަހާރަކޮށްލިކަން އިޒްރޭލުން މި ހާމަކުރީ، އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ޗީފް އަލީ ލަރީޖާނީ އަވަހާރަކޮށްލިކަން ކަށަވަރުވިތާ އެންމެ ދުވަހެއް ފަހުންނެވެ. މިދިޔަ ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން ދިން ހަމަލާތަކެއްގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލުމާ ގުޅިގެން ފެށުނު މި ހަނގުރާމައަށް މިހާރު ވަނީ ތިން ހަފްތާ ވެފަ އެވެ.
ޚަތީބުގެ މަރާ ގުޅިގެން އީރާނުން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް ލަރީޖާނީގެ މަރާ ގުޅިގެން އީރާނުން ވަނީ އިޒްރޭލަށް ވަރުގަދަ ބަދަލެއް ހިފާނެ ކަމުގެ އިންޒާރު ކުރިން ދީފަ އެވެ.
އިޒްރޭލުގެ އަސްކަރީ ހަރަކާތްތައް މިހާރު ހުރީ އީރާނުގެ ސިޔާސީ އަދި ސަލާމަތީ އޮނިގަނޑު މުޅިން ރޫޅާލުމަށް އަމާޒުކޮށްފަ އެވެ. މިގޮތުން ފަލަސްތީނުގެ އިސްލާމިކް ޖިހާދުގެ އަސްކަރީ ވެރިޔާ އަކްރަމް އަލް-އަޖޫރީއަށް ވެސް ހަމަލާދީފައިވާ އިރު، އީރާނުގެ އާ ލީޑަރު މުޖްތަބާ ޚާމަނާއީ ވެސް އަވަހާރަކޮށްލާނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފަ އެވެ.
މަސްރަހު ދިރާސާކުރާ ފަރާތްތަކުން ސިފަކުރާ ގޮތުގައި އިޒްރޭލުން މިހާރު ކުރިއަށް ގެންދަނީ އީރާނުގެ ސަރުކާރު ނައްތާލުމުގެ “ކައުންޓަ-ރެޖީމް” ހަނގުރާމައެކެވެ. މީގެ މައިގަނޑު ބޭނުމަކީ އީރާނުގެ ވެރިކަން ބަލިކަށިކޮށްލައި، އެ ގައުމުގެ ބާރު ކަނޑުވާލުމެވެ.


