ދެ އިންތިހާބު އެއްކޮށް ބޭއްވުމަށް އަދާލަތުން ތާއީދުކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް ގެނައުމަށް މަސައްކަތްކުރާ އިސްލާހަށް ތާއީދުކޮށް، ކުރިއަށް އޮތް ފެންނަ ނުފެންނަ ވޯޓުގައި “ފެންނަ” ކަމަށް ވޯޓު ދިނުމަށް އަދާލަތު ޕާޓީން ރަސްމީކޮށް ނިންމައިފިއެވެ.
އެ ޕާޓީން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދެ އިންތިހާބު އެކުއެކީގައި ބޭއްވުމަށާއި މަޖިލީހުގެ ދައުރު ގުނާނެ އުސޫލުތައް ކަނޑައެޅުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ “ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާޙު ގެނައުމުގެ ބިލު” ތަސްދީގުކުރުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުގައި ތާއީދުކުރަން ނިންމީ، އެ ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބޮޑު އަގްލަބިއްޔަތަކުން ކަމަށެވެ. މިގޮތަށް ނިންމީ ގައުމާއި ރައްޔިތުންގެ މަތީ މަސްލަހަތަށް ރިއާޔަތްކުރާއިރު، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
މައި ދެ އިންތިހާބު އެއް ތާރީހެއްގައި ބޭއްވުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހެވެ. މި އިސްލާހު މަޖިލީހުން މިދިޔަ މަހު ފާސްކޮށްފައިވީ ނަމަވެސް، ގާނޫނުއަސާސީ ބުނާގޮތުން މިފަދަ ބަދަލެއް ގެނެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކަށް ގޮސް، އޭގައި ރައްޔިތުންގެ ތާއީދު ލިބިގެންނެވެ.
އެހެންކަމުން، އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ އެކު، މި ކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.
އަދާލަތު ޕާޓީގެ އިތުރުން، ސިޔާމްގެ އެމްޑީއޭއާއި ގާސިމް އިބްރާހީމްގެ ޖުމްހޫރީ ޕާޓީން ވެސް ވަނީ މި ބަދަލަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ނަމަވެސް، އިދިކޮޅު އެމްޑީޕީން އަންނަނީ މި ބަދަލާ ދެކޮޅަށް އަޑުއުފުލަމުންނެވެ. އެ ޕާޓީން ބުނާ ގޮތުގައި މި އިސްލާހު ގެންނަން އުޅެނީ ގާނޫނާ ހިލާފަށެވެ. އަދި އެ މައްސަލަ މިހާރު ވަނީ ކޯޓަށް ވެސް ހުށަހަޅާފައެވެ.
މިކަމާ ގުޅިގެން ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައިވަނީ، އިންތިހާބުތައް އެއްކޮށްލުމަށް ކުރާ މަސައްކަތާއި، އެކަމަށް ރައްޔިތުންގެ ވޯޓު ނެގުމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ގާނޫނުއަސާސީއާއި ކަނޑައެޅިފައިވާ ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން ކަމަށެވެ.


