ކާފްގެ ނިންމުމާ ދެކޮޅަށް ސެނެގާލުން ކާސް އަށް މައްސަލަ ހުށަހަޅަނީ

މިދިޔަ ޖެނުއަރީ މަހު ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލުގައި ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބި މައްސަލައިގައި، އެ ގައުމު އަތުން ތަށި އަތުލައި މޮރޮކޯ އަކީ ޗެމްޕިއަން ކަމަށް އެފްރިކާގެ މައި ފުޓްބޯޅަ އިދާރާ (ކާފް) އިން ނިންމި ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) ގައި އެޕީލްކުރަން ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފި އެވެ.
ސެނެގާލުން މޮރޮކޯ 1-0 އިން ބަލިކޮށް ތަށި އުފުލާލިތާ 57 ދުވަސް ފަހުން ކާފް އިން މިގޮތަށް ނިންމީ، މެޗު ނުނިމެނިސް ސެނެގާލުން ދަނޑުން ފޭބުމުން މެޗު ފޯފެއިޓްވެ 3-0 އިން މޮރޮކޯ މޮޅުވިކަމަށް ބަލައިފަ އެވެ.
ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އުޅެނިކޮށް މޮރޮކޯ އަށް ލިބުނު ޕެނަލްޓީއަކާ ގުޅިގެން އުފެދުނު ހަމަނުޖެހުންތަކުގައި ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމުން މެޗު 17 މިނިޓަށް މެދުކަނޑާލަން ޖެހުނެވެ. ނަމަވެސް، އަލުން ކުޅުން ފަށައި މޮރޮކޯގެ ބްރަހިމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ކީޕަރު މެންޑީ ދިފާއުކުރިއިރު، ސެނެގާލުން މުބާރާތް ކާމިޔާބުކުރީ އިތުރު ވަގުތުގައި ޕާޕޭ ގޭއި ޖެހި ލަނޑުންނެވެ. މޮރޮކޯ އިން ބުނާގޮތުގައި މި މައްސަލަ އެޕީލްކުރީ ނަތީޖާ ބަދަލުކުރުމުގެ ބަދަލުގައި މުބާރާތުގެ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ބާރުއެޅުމަށެވެ.
ސެނެގާލް ފުޓްބޯޅަ ފެޑެރޭޝަނުން މި ނިންމުން ބަލައިނުގަނެ ބުނެފައިވަނީ، މިއީ އެފްރިކާގެ ފުޓްބޯޅައާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދާނެ ނިންމުމެއް ކަމަށެވެ. އެހެންކަމުން، އިންސާފު ހޯދުމަށްޓަކައި ބައިނަލްއަގުވާމީ ކުޅިވަރު ކޯޓަށް މައްސަލަ ހުށަހަޅައިގެން ކުރިއަށްދާނެ ކަމަށް އެ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. މި ނިންމުމާ އެކު، ފަސް އަހަރު ތެރޭ ދެވަނަ ފަހަރަށް ސެނެގާލުން ހޯދި ތަށި މިހާރު ވަނީ ނުރައްކަލުގެ ތެރޭގަ އެވެ.


