އީރާނުގެ ހަނގުރާމަ ދިގުލައިގެން ގޮސްފިނަމަ 45 މިލިއަން މީހުން ނުރައްކަލަށް ހުށަހެޅިދާނެ

އީރާނުގެ ހަނގުރާމަ ޖޫން މަހުގެ ނިޔަލަށް ދެމިގެން ހިނގައްޖެ ނަމަ، 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ނުރައްކަލަށް ހުށަހެޅިދާނެ ކަމަށް ވޯލްޑް ފުޑް ޕްރޮގްރާމް (ޑަބްލިއު.އެފް.ޕީ) އިން ބުނެފިއެވެ.
އަންގާރަ ދުވަހު ވޯލްޑް ފުޑް ޕްރޮގްރާމުން އާންމުކުރި ދިރާސާއެއްގައި ވާގޮތުން، އީރާނުގައި ކުރިއަށްދާ ހަނގުރާމަ ޖޫން މަހާ ހަމައަށް ދެމިގެންގޮސްފި ނަމަ، އިތުރު އެތައް މިލިއަން ބަޔަކު ކާބޯތަކެތީގެ ދަތިކަމާއި ބަނޑުހައިހޫނުކަމުގެ ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެއެވެ.
ފެބްރުއަރީ 26 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކުގެ ސަބަބުން، އިންސާނީ އެހީ ފޯރުކޮށްދޭ މައިގަނޑު މަގުތައް ބަންދުވެ، ދުނިޔޭގެ އެންމެ ބޮޑެތި ކާރިސާތަކާ ކުރިމަތިލާފައިވާ ސަރަހައްދުތަކަށް ފޮނުވާ އެހީގެ ޝިޕްމަންޓްތައް ވަނީ މަޑުޖެހިފައެވެ.
ވޯލްޑް ފުޑް ޕްރޮގްރާމްގެ ޑެޕިއުޓީ އެގްޒެކެޓިވް ޑައިރެކްޓަރ ކާލް ސްކައު ޖެނީވާގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލުމާއި އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ޚަރަދު ބޮޑުވުމުގެ ސަބަބުން، އިތުރު 45 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ތެރެއަށް ވެއްޓޭނެ ކަމަށް ލަފާކުރެވެއެވެ. މިއާއެކު، ދުނިޔޭގައި ބަނޑުހައިހޫނުކަން ތަހައްމަލު ކުރާ މީހުންގެ އަދަދު މިހާރުގެ ރެކޯޑް މިންވަރު ކަމަށްވާ 319 މިލިއަނަށްވުރެ މައްޗަށް އަރައިގެންދާނެއެވެ.
“މިއީ ދުނިޔޭގެ ބަނޑުހައިހޫނުކަން މީގެ ކުރިން ދުވަހަކުވެސް ރެކޯޑް ނުކުރާ މިންވަރަކަށް މަތިވެގެންދާނެ ކަމެއް. މިއީ ބިރުވެރި އަދި ހިތާމަވެރި މަންޒަރެއް،” ސްކައު ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މި ހަނގުރާމަ ފެށުމުގެ ކުރިންވެސް ދުނިޔެ އޮތީ ބަނޑުހައިހޫނުކަމުގެ ބޮޑު ކާރިސާއެއްގެ ތެރޭގައެވެ.
ސްކައު ވިދާޅުވި ގޮތުގައި، ފެބްރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެން، އުޅަނދުފަހަރުގެ ދަތުރުފަތުރުގެ ޚަރަދުތައް %18 އަށް ވަނީ އުފުލިފައެވެ. އަދި ބައެއް އުޅަނދުފަހަރުގެ މިސްރާބު ބަދަލުކުރަން ޖެހުމުގެ ސަބަބުން އިތުރު ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، އެހީދޭ ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ޚަރަދު އިތުރުކުރުމުގެ ސަބަބުން، ޑަބްލިއު.އެފް.ޕީ އަށް ލިބޭ އެހީގެ ބަޖެޓުން ބޮޑު ބައެއް އުނިކޮށްފައިވާކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.



