ގަލްފް ގައުމުތަކަށް އީރާނުން ރައްދު ހަމަލާދޭނެކަން ކުރިން އެނގުނުނަމަވެސް އީރާނަށް ހަމަލާދޭނެ: ޓްރަމްޕް

އެމެރިކާއިން އީރާނަށް ދިން ހަމަލާތަކުގެ ރައްދުގައި އީރާނުން ގަލްފުގެ ގައުމުތަކަށް ހަމަލާދޭނެކަން ކުރިން އެނގުނު ނަމަވެސް، އެމެރިކާއިން އީރާނަށް ހަމަލާ ދިނީސް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
ވައިޓް ހައުސްގައި ބޭއްވި ހަރަކާތެއްގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، “އެއީކީ ކުރިން އެނގެން ޖެހޭނެތޯ ސުވާލު އުފައްދަންޖެހޭ ކަމެއް ނޫން. އަދި އެކަން އެނގުނަސް އެއީ މާބޮޑު ކަމެއް ނޫން. ކުރަންޖެހޭ ކަމެއް އަހަރެމެން ކުރާނަން،” ކަމަށެވެ.
ގަލްފުގެ ބައެއް ގައުމުތަކަށް އީރާނުގެ ހަމަލާތައް އަމާޒުވެފައިވާކަން ފާހަގަކޮށް އޭނާ ބުނީ، ސައުދީ އަރަބިއްޔާއާއި، ކުވައިތު އަދި ބަހްރައިން ފަދަ ގައުމުތަކަށް ކުއްލިއަކަށް ހަމަލާތައް އަރަމުންދާ ކަމަށެވެ. ނަމަވެސް އެފަދަ ކަމެއް ހިނގާފާނެ ކަމަށް އެއްވެސް ތަޖުރިބާކާރަކު ކުރިން ލަފާކޮށްފައި ނުވާކަމަށް ޓްރަމްޕް ބުންޏެވެ.
މީގެ އިތުރުން، އެމެރިކާއިން ދިން ހަމަލާތަކުގައި އީރާނުގެ އަސްކަރީ ގާބިލުކަން ވަރަށް ބޮޑަށް ދަށްކޮށްލާފައިވާ ކަމަށް ޓްރަމްޕް ދައުވާކުރިއެވެ. “އަހަރެމެން އެމީހުންނަށް ވަރަށް ވަރުގަދައަށް ހަމަލާދިނިން، މީގެ ކުރިން އެހެން އެއްވެސް ބަޔަކަށް ހަމަލާ ނުދޭހާ ވަރުގަދައަށް،” ޓްރަމްޕް ބުންޏެވެ. އަދި އީރާނުގެ ގިނަ މިސައިލްތައް ހަލާކުކޮށް، ގިނަ ޑްރޯންތައް ނައްތާލާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
އީރާނުގެ އަސްކަރީ ގާބިލުކަން ބަލިކޮށްލި ކަމަށް ޓްރަމްޕް ދައުވާކުރި ނަމަވެސް، އީރާނުން ދަނީ އިސްރާއީލަށާއި ބައެއް އަރަބި ގައުމުތަކަށް އަދިވެސް ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.


