އިރާނުގެ ޖަލަކަށް އިޒްރޭލުން ދިން ވައިގެ ހަމަލާއަކީ ހަނގުރާމައިގެ ކުށެއް – އދ

މިދިޔަ އަހަރު އިޒްރޭލުން އިރާނުގެ ޖަލަކަށް ދިން ވައިގެ ހަމަލާއަކީ ހަނގުރާމައިގެ ކުށެއް ކަމަށް އދ. އިން ކުރިއަށްގެންދިޔަ ތަހުގީގެއްގެ އިސްވެރިޔާ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ. އަދި މިހާރު އެމެރިކާ އާއި އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން އިރާނުގެ މަސްރަހު އިތުރަށް ގޯސްވެ، ފިއްތުންތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައެވެ.
އިރާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ޖޫން މަހު އިޒްރޭލުން ތެހެރާންގެ އެވިން ޖަލަށް ދިން ހަމަލާގައި 70 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ސިޔާސީ ކުށްވެރިން ބޭތިއްބުމަށް މަޝްހޫރު މި ޖަލަށް، އެމެރިކާ އާއި އިޒްރޭލުން މިހާރު ދެމުންދާ ހަމަލާތަކުގައި ވެސް ގެއްލުންތަކެއް ލިބިފައިވާއިރު، އެ ތަނުގައި ބަންދުކޮށްފައި ތިބި މީހުންގެ ސަލާމަތާމެދު ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ. ބަންދުގައި ތިބި މީހުންގެ ތެރޭގައި އިނގިރޭސިވިލާތަށް ނިސްބަތްވާ ދެމަފިރިއަކު ވެސް ހިމެނެއެވެ.
“އެވިން ޖަލަށް ދިން ވައިގެ ހަމަލާތަކުގައި، އާންމުން ބޭނުންކުރާ ތަނަކަށް ގަސްދުގައި އަމާޒުކޮށް ހަމަލާދީފައިވާތީ، އެއީ އިޒްރޭލުން ހިންގާފައިވާ ހަނގުރާމައިގެ ކުށެއް ކަމަށް ބެލެވޭ އެކަށީގެންވާ ސަބަބުތައް އެބަހުރި،” އިރާނާ ބެހޭ އދ. ގެ މިނިވަން ފެކްޓް ފައިންޑިން މިޝަންގެ ރައީސާ ސާރާ ހުސައިން، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މި ހަމަލާގައި މަރުވި 80 މީހުންގެ ތެރޭގައި އެއް ކުޑަކުއްޖަކާއި އަށް އަންހެނުން ހިމެނެއެވެ.
އަނިޔާ ލިބުނު މީހުންނާއި މަންޒަރު ދުށް މީހުންގެ އިންޓަވިއުތަކާއި، ސެޓެލައިޓް ފޮޓޯތަކުގެ އިތުރުން އެހެނިހެން ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލާފައިވާ މި ރިޕޯޓު ހޯމަ ދުވަހު ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.
އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ މައްސަލަތައް ބަލާ މި މަޖިލީހާ އިޒްރޭލުން ވަނީ ގުޅުން ކަނޑާލާފައެވެ. އަދި މި މައްސަލައާ ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނުވަތަ ފޮރިން މިނިސްޓްރީން އަދި އަސްކަރިއްޔާއިން ވެސް އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ސާރާ ހުސައިން ވަނީ އިރާނުގައި އާންމުން މަރުވަމުންދާ ދިއުން ކުށްވެރިކުރައްވައި، މިހާރު ދެމުންދާ ހަމަލާތަކުގެ ސަބަބުން އިރާނުގެ ސަރުކާރުން އެގައުމުގެ ރައްޔިތުންނަށް ދޭ އަނިޔާތައް އިތުރަށް ވަރުގަދަކޮށްފާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވެފައެވެ. އޭނާ މިސާލު ދެއްކެވީ މިދިޔަ އަހަރުގެ ހަމަލާތަކަށްފަހު އިރާނުގައި މަރުގެ އަދަބު ދިނުން އިތުރުވެގެން ދިޔަ ދިއުމަށެވެ.
“އަޅުގަނޑުމެންގެ ތަހުގީގުތަކުން ލިބުނު އެންމެ މުހިންމު ފިލާވަޅަކީ، ބޭރުގެ އަސްކަރީ ހަމަލާތަކަކީ ޒިންމާދާރުކުރުވޭނެ ނުވަތަ އެދެވޭ ބަދަލެއް ގެނެވޭނެ ކަމެއް ނޫންކަން. އޭގެ ބަދަލުގައި، އޭގެ ސަބަބުން އެގައުމެއްގެ އެތެރޭގެ އަނިޔާވެރިކަން އިތުރުވުމުގެ ފުރުސަތު ބޮޑު،” ސާރާ ވިދާޅުވިއެވެ. އިރާނުގެ އިންސާނީ ހައްގުތަކާ ބެހޭ އދ. ގެ މާހިރު މައި ސާޓޯ ވެސް ވަނީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި މީހުންގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޖަލުތަކުގައި ކާބޯތަކެއްޗާއި ބޭސްފަރުވާގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، އާއިލާތަކަށް އެމީހުންގެ ތިމާގެ މީހުންނާ ގުޅޭނެ އެއްވެސް މަގެއް ނެތެވެ.
އިރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަލީ ބަހްރައިނީ ވަނީ އެމެރިކާ އާއި އިޒްރޭލުގެ ހަމަލާތައް ބައިނަލްއަގުވާމީ މުޖުތަމައުން ކުށްވެރިކުރުމަށް ގޮވާލައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާތަކުގައި މިހާތަނަށް އިރާނުން 1,300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.



