ޚަބަރު

ގާނޫނުއަސާސީއަށް ގެންނަ މުހިންމު އިސްލާހުތައް މާލަސްތަކެއް ނުވެ މަޖިލީހަށް ހުށަހަޅަނީ

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ގާނޫނުއަސާސީއަށް ހުށަހަޅާ އިސްލާހުތައް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ބަންޑާރަ ނައިބު މިކަން ހާމަކުރެއްވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އުޝާމް ވިދާޅުވީ މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގައި އިސްލާހުކުރަންޖެހޭ މުހިންމު ކަންތައްތަކެއް ހުރިކަމީ އެންމެން ގަބޫލުކުރާ ހަގީގަތެއް ކަމަށާއި، އެކަންކަމަށް ހައްލު ހޯދުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.

ސަރުކާރުން ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ މައިގަނޑު ތިން އިސްލާހަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމާއި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމުގެ އިތުރުން މަޖިލިސް މެންބަރުންގެ އަދަދު ކޮންޓްރޯލް ކުރުމެވެ. މީގެ ތެރެއިން ދެ އިންތިޚާބު އެއްކޮށްލުމަށް ގެންނަ އިސްލާހަކީ ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގަންލާޒިމްވާ ކަމެއް ކަމަށް އުޝާމް ފާހަގަކުރެއްވިއެވެ. ނަމަވެސް ޖޭއެސްސީގެ އޮނިގަނޑާއި މަޖިލިސް މެންބަރުންގެ އަދަދަށް ގެންނަ ބަދަލުތަކަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭނުންވާ ކަންކަމެއް ނޫނެވެ.

އިންތިޚާބުތައް އެއްކޮށްލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ސަބަބާ ގުޅޭގޮތުން ބަންޑާރަ ނައިބު ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް މި ވޯޓު ނެގުމަކީ ދައުލަތުގެ ބަޖެޓުން އެތައް މިލިއަން ރުފިޔާއެއް ސަލަމާތްކުރެވޭނެ ކަމެއް ކަމަށެވެ. ވަކިން ފެންނަ ނުފެންނަ ވޯޓެއް ނަގާނަމަ މަދުވެގެން 80 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ލަފާކުރެވޭއިރު، ކައުންސިލް އިންތިޚާބާއެކު މިކަން ކުރިއަށް ގެންދިއުމުން ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެއެވެ.

ބަންޑާރަ ނައިބު އިތުރަށް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަން ބޭނުންވާ އެހެނިހެން އިސްލާހުތަކާ ގުޅޭ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ މި އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލީހަށް ހުށަހަޅައި، ގާނޫނީ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށެވެ.

ޚިޔާލު ފާޅުކުރައްވާ

Your email address will not be published. Required fields are marked *

މިވެސް ބަލާ
Close