އިލެކްޓްރިކް ވެހިކަލްތަކަށް ފެހި ނަންބަރު ބޯޑު ތައާރަފްކުރަނީ

ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަންބަރު ބޯޑު ބޭނުންކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ވަޒީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް ތައާރަފްކުރާ މި ނިޒާމުގެ ސަބަބުން، މަގުތަކުން އިލެކްޓްރިކް ވެހިކަލްތައް ފަސޭހައިން ދެނެގަނެވޭނެ ކަމަށެވެ.
ވަޒީރު ހިއްސާކުރެއްވި ނަމޫނާ ބޯޑުތަކަށް ބަލާއިރު، އިލެކްޓްރިކް ޓެކްސީތަކުގައި ބޭނުންކުރަނީ ފެހިކުލައިގެ ބޯޑެއްގައި ރީނދޫ ކުލައިން އަކުރު ޖަހައިގެންނެވެ. އަދި އަމިއްލަ އިލެކްޓްރިކް އުޅަނދުތަކުގައި ބޭނުންކުރަނީ ފެހިކުލައިގެ ބޯޑެއްގައި ހުދު ކުލައިން އަކުރު ޖަހައިގެންނެވެ.
ސަރުކާރުން ތައާރަފްކުރާ ތިމާވެއްޓާ ރައްޓެހި ޓެކްސީ ފްލީޓުގެ ހިދުމަތް މި މަހުގެ 18 ވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. މި ފިޔަވަޅަކީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކޮޕް 29 ގައި ކުރެއްވި ވައުދުތައް ފުއްދެވުމަށް އެހީތެރިވެދޭ ފިޔަވަޅެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
