މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލެމުންދާތީ، ރާއްޖޭގެ ރިޒާވަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގެ ގޮތުން 100 މިލިއަން ޑޮލަރުގެ ފައިނޭންސިންގ ފެސިލިޓީއެއް ހަމަޖައްސައިފިއެވެ. ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި ފައިސާ ހަމަޖައްސާފައިވަނީ ބައިނަލްއަޤްވާމީ މަލްޓިލެޓްރަލް ދެ އެޖެންސީއަކާ ގުޅިގެން ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޒަމީރު ވިދާޅުވީ، މިއީ ތެޔޮ ގަތުމަށް ދައުލަތުން ކުރަންޖެހޭ ހޭދަ އިތުރުވުމުން އެކަން ފޫބެއްދުމަށް ހޯދި ފެސިލިޓީއެއް ކަމަށެވެ. މިސާލަކަށް ކުރިން 100 ޑޮލަރަށް ލިބުނު ތެޔޮ 150 ޑޮލަރަށް އަގުބޮޑުވެއްޖެނަމަ، އެ އިތުރުވާ ބައި ހަމަޖެއްސުމަށް މި ފައިސާ ބޭނުންކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އެއްބަސްވުމުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތައް މިހާރު ކުރިއަށްދާއިރު، ދިވެހި ސަރުކާރުގެ ފަރާތުން ނަގަންޖެހޭ ހުއްދަތައް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް މިހާރު ވަނީ ހުށަހަޅާފައެވެ.
ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެދާނެ ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، މެދުއިރުމަތީގެ ހަމަނުޖެހުންތައް މަސްދުވަހަށް ދެމިގެން ހިނގައްޖެނަމަ ދައުލަތުގެ އާމްދަނީން 80 މިލިއަނާއި 100 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ގެއްލުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މިއީ ވޯލްޑް ބޭންކުންވެސް ބަލައިގެންފައިވާ އަންދާޒާތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އެ ސަރަހައްދުގެ ބައެއް ވައިގެ ބަނދަރުތައް ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެކަމަށް ސަރުކާރުން ލަފާކުރެއެވެ.
މި ދަނޑިވަޅުގައި މަރުކަޒީ ބޭންކުގެ ގަވަރުނަރާއެކު ގުޅިގެން ރިޒާވްގެ ހާލަތު ވަރަށް ގާތުން މޮނިޓަރ ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާމްދަނީއަށް ލިބިދާނެ ގެއްލުންތައް ފޫބައްދައި، ދައުލަތުގެ ޚަރަދުތައް މެނޭޖުކުރުމަށް ބޭނުންވާނެ އުސޫލުތައް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުގެ ޓެކްނިކަލް ޓީމުތަކުން މިހާރުވެސް ދަނީ ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...