” ކިޑްނީ ޕެއަރޑް ޑޮނޭޝަން ” ހަދައިގެން ސައުދީ އިން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފި

ސައޫދީ އަރަބިއްޔާގެ ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލް އެންޑް ރިސާޗް ސެންޓަރުން (KFSHRC) އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނަ “ކިޑްނީ ޕެއަރޑް ޑޮނޭޝަން” ނުވަތަ ބަދަލުކުރެވޭ ގޮތަށް ކިޑްނީ ހަދިޔާކުރުމުގެ ޓްރާންސްޕްލާންޓްތައް ހަދައިގެން ދުނިޔޭގެ ރެކޯޑެއް ގާއިމުކޮށްފިއެވެ.
ބަދަލުކުރެވޭ ގޮތަށް ކިޑްނީ ހަދިޔާކުރުމަކީ ދިރިހުރި ދެ ހަދިޔާކުރާ ފަރާތަކާއި ކިޑްނީ ބޭނުންވާ ދެ ބަލިމީހުންގެ މެދުގައި ކުރިއަށްގެންދާ މަރުހަލާއެކެވެ. މިގޮތުން، އެއް ޖޯޑެއްގެ ބަލިމީހާއަށް އަނެއް ޖޯޑުގެ ހަދިޔާކުރާ މީހާގެ ކިޑްނީ ގުޅޭނަމަ، އަދި ދެވަނަ ޖޯޑުގެ ބަލިމީހާއަށް ފުރަތަމަ ޖޯޑުގެ ހަދިޔާކުރާ މީހާގެ ކިޑްނީ ގުޅޭނަމަ، ދެ މީހުންނަށް އެއްފަހަރާ ކިޑްނީ ބަދަލުކުރުމުގެ ފުރުސަތު މި ނިޒާމުގެ ތެރެއިން ލިބިގެންދެއެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި 2025 ވަނަ އަހަރުގެ ތެރޭގައި އެ މަރުކަޒުން ވަނީ މިފަދަ 130 ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ. މިއީ އެމެރިކާގައި އެންމެ ގިނައިން މިފަދަ އޮޕަރޭޝަންތައް ކުރާ މަރުކަޒަށްވުރެ 36 އޮޕަރޭޝަން އިތުރު އަދަދެކެވެ. އެމެރިކާގެ އެންމެ ކުރީގައި އުޅޭ މަރުކަޒުން އެ އަހަރު ހަދާފައިވަނީ 94 ޓްރާންސްޕްލާންޓެވެ.
މި ކާމިޔާބީއަކީ 2016 ވަނަ އަހަރު ފެށި މި ޕްރޮގްރާމްގެ ހަލުވި ކުރިއެރުން ދައްކުވައިދޭ ކަމެއް ކަމަށާއި، 2025 ވަނަ އަހަރުގެ ނިޔަލަށް މި ޕްރޮގްރާމްގެ ދަށުން ޖުމްލަ 691 ކިޑްނީ ޓްރާންސްޕްލާންޓް ހަދާފައިވާ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ހޮސްޕިޓަލުގެ އޯގަން ޓްރާންސްޕްލާންޓް ސެންޓަރުގެ އެގްޒެކެޓިވް ޑިރެކްޓަރ ޑރ. ދީތާ ބްރޯރިންގ “އަރަބް ނިއުސް” އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކިޑްނީ ޕެއަރޑް ޑޮނޭޝަން ނިޒާމަކީ ގުޅޭ ކިޑްނީއެއް ހޯދުމަށް ދަތިވާ ބަލިމީހުންނަށް ކިޑްނީ ހޯދައިދިނުމަށް އޮތް ވަރަށް މުހިންމު މަގެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ އިމިއުނޮލޮޖީ ޓެސްޓުތަކާއި، ގިނަ ދާއިރާތަކެއްގެ މާހިރުން ހިމެނޭ ޓީމުތަކުން ގުޅިގެން ރައްކާތެރިކަމާއެކު ފޯރުކޮށްދޭ ފެންވަރުީ ޚިދުމަތުގެ ވަރުގަދަކަން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މަސައްކަތުގައި އެ ހޮސްޕިޓަލުން ދަނީ އެންމެ ޒަމާނީ ލެބޯޓްރީ ވަސީލަތްތަކާއި، ޓްރާންސްޕްލާންޓް ޑޮކްޓަރުންނާއި، ސާޖަނުންނާއި، އެނެސްތީސިއޮލޮޖިސްޓުންގެ އިތުރުން ޚާއްޞަ ނަރުހުންނާއި ލެބޯޓްރީ މާހިރުން ހިމެނޭ ފުރިހަމަ ޓީމެއް ބޭނުންކުރަމުންނެވެ.
ކިންގް ފައިސަލް ސްޕެޝަލިސްޓް ހޮސްޕިޓަލަކީ މެދުއިރުމައްޗާއި އުތުރު އެފްރިކާގެ އެންމެ މޮޅު ހޮސްޕިޓަލުގެ އިތުރުން، ދުނިޔޭގެ އެންމެ ފުންނާބުއުސް 250 އެކަޑަމިކް މެޑިކަލް ސެންޓަރުތަކުގެ ތެރެއިން 12 ވަނަ ލިބިފައިވާ ތަނެކެވެ. މީގެއިތުރުން، ބްރޭންޑް ފައިނޭންސް އާއި ނިއުސްވީކް ފަދަ ބައިނަލްއަގުވާމީ އިދާރާތަކުން ވެސް ވަނީ މި ހޮސްޕިޓަލުގެ ޚިދުމަތްތައް ބަލައިގަނެ، ދުނިޔޭގެ ފެންވަރުގެ އެންމެ މޮޅު ހޮސްޕިޓަލްތަކުގެ ތެރޭގައި ހިމަނާފައެވެ.



